ޑޮލަރު އަޅަން އެކައުންޓެއް ނުހުޅުވަން، ހިޔާނާތްތެރިވެފައި ނުވާނެ: ރިފްއަތު

Mon, 05 Jun 2023 12:29 PM

View on this article on Vaguthu

ޑޮލަރު އަޅަން އެކައުންޓެއް ނުހުޅުވަން، ހިޔާނާތްތެރިވެފައި ނުވާނެ: ރިފްއަތު

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ އިމުގެ މައްސަލައިގައި "ޑޮލަރު އަޅަން ހެދި އެކްސްރޯ" އެކައުންޓެއް ނޯންނާނެ ކަމަށާއި ދިވެހި ގައުމަށް ހިޔާނާތްތެރިވެ ވަޑައިގެންފައި ނުވާނެ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެއެވެ.

ޗާގޯސްގެ މައްސަލައިގައި އެ ޖަޒީރާ ހިމެނޭ ކަނޑުގެ ސަރަހައްދު މޮރިޝަސް އަދި ރާއްޖެއާ ދެމެދު ގާތްގަނޑަކަށް ހަމަހަމައަށް ބަހަން އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯޒް އޮފް ދަ ސީޒް (އިޓްލޮސް)އިން ނިންމީ މިދިޔަ އޭޕްރީލް މަހުއެވެ.

އިޓްލޮސް އިން ވަނީ ރާއްޖޭގެ ދެކުނު 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް ލިބޭގޮތަށް ނިންމާފައެވެ. މޮރިޝަސް އަށް ދޭން ނިންމީ 45،331 އަކަކިލޯ މީޓަރެވެ. މިއީ ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލުން ކަމަށް ސަރުކާރާ ހިޔާލު ތަފާތުވާ މީހުން ބުނެފައިވެއެވެ.

އެޓާނީ ޖެނެރަލްގެ އިތުބާރު ނެތް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލައިގައި ޖަވާބުދާރީވެ ވަޑައިގަންނަވަމުން ރިފްއަތު ވިދާޅުވީ ދެކުނުގެ ހާއްސަ އިގްތިސާދީ ސަރަހައްދާއި މޮރިޝަސްގެ އިގްތިސާދީ ސަރަހައްދާ ފުށު އަރާ މައްސަލަ އިޓްލޮސް އިން ނިންމި އިރު، މޮރިޝަސް ސަރުކާރުން އޭނާ އަށް ދިން ރަން މެޑައްޔެއް ނުވަތަ ލަގަބަކާއި އިއްޒަތެއް ވެސް ނެތް ކަމަށެވެ.

"މޮރިޝަސް ސަރުކާރުން އަޅުގަނޑަށް ދިން ރަން މެޑައްޔެއް ނެތް. އަޅުގަނޑަށް ދިން ލަގަބަކާއި އިއްޒަތެއް ވެސް ނެތް. ޑޮލަރު ލާން އަޅުގަނޑު ހުޅުވި އެކްސްރޯ އެކައުންޓެއް ވެސް ނޯންނާނެ. އަޅުގަނޑުގެ މުޅި ހަޔާތުގައި ވެސް ފައިސާއެއްގައި ޖެހި ހިޔާނާތްތެރި ނުވާ ކަން ދިވެހި ރައްޔިތުންނަށް ޔަގީންކޮށް ދެން،" ބަންޑާރަ ނައިބު ވިދާޅުވިއެވެ.

ބަންޑާރަ ނައިބު ވިދާޅުވީ ދެކުނުގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ މައްސަލައަކީ ޒަމާންވީ މާޒީއެއް އޮތް މައްސަލައެއް ކަމަށާއި 1992 ވަނަ އަހަރުން ފެށިގެން މި ހައްސާސީ މައްސަލަ އަށް ކުރީގެ އެއްވެސް ސަރުކާރަކުން ދިވެހިންގެ ހައްގުގައި ގޮތެއް ނިންމަން ނުކެރުނު ކަމަށެވެ. އަދި ނޭނގި ނަމަވެސް ކުރި ކަމަކީ ބޮޑު ތަނުން އިހުމާލުވުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރިފްއަތު ވިދާޅުވީ މި މައްސަލައިގައި ކުރީގެ ބަންޑާރަ ނައިބުން ވެސް ވެވަޑައިގެންނެވި އިހުމާލު ބޮޑު ކަން ލަދުވެތި ކަމާ އެކުގައި ފާހަގަ ކުރާ ކަމަށެވެ. ދެކުނުގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ މައްސަލައިގައި އޭނާ އިސް ކުރެއްވީ ދިވެހި ދައުލަތުގެ މަތީ މަސްލަހަތު ކަމަށް އޭނާ ވިދާޅުވިއެވެ.

ރިފްއަތު ވިދާޅުވި ގޮތުގައި މި މައްސަލައިގައި ގޮތެއް ނިންމަވާފައި ވާނީ ގާނޫނުއަސާސީ އާއި ގާނޫނުގެ ތަރަހައިގެ ތެރެއިންނާއި ބައިނަލްއަގުވާމީ މުއާހަދާތަކުގެ ތަރަހައިގެ ތެރެއިންނެވެ. ދެކުނުގެ ކަނޑުގެ ސަރަހައްދާ ގުޅިގެން ކުރީ ސަރުކާރުން އެއްވެސް ކަމެއް ނިންމާފައި ނުވުމުގެ ނަތީޖާއަކަށްވީ މޮރިޝަސް އިން އިޓްލޮސްގައި ދައުވާ ކުރުން ކަމުގައި ކަމަށް ރިފްއަތު ވިދާޅުވިއެވެ.

ރިފްއަތު ވިދާޅުވީ އިޓްލޮސްގެ މައްސަލައިގައި އަމަލު ކުރާނެ ގޮތަކާ މެދުގައި ކެބިނެޓްގައި މަޝްވަރާ ކުރެވި ލަފާ ވެސް ދީފައިވާ ކަމަށެވެ. ދެކުނުގެ އިގްތިސާދީ ސަރަހައްދުގެ މައްސަލައިގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބަންޑާރަ ނައިބާ އަމަލު ކުރެއްވި ސްޓްރެޓަޖީ އަދިވެސް ހަދާފައި ނުވާ ކަމަށެވެ.

މި މައްސަލައިގެ ތަފްސީލް ބަޔާންކޮށްދޭ ކަރުދާހަކާއި ދައުވާ އާއި ޖަވާބާއި ޗާޓު ފަދަ ލިޔެކިޔުންތައް ވާނީ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ކަމަށާއި މިއީ ސިޓީ ބިޓީން ފެންނަން ހުރި ހަގީގަތް ކަމަށް އޭނާ ވިދާޅުވިއެވެ.



More from Vaguthu