މާލެ ޖަލުގައި ތިބި ގައިދީން ހިންމަފުއްޓައް ބަދަލު ކުރަން ފަށައިފި

Mon, 05 Jun 2023 11:34 AM

View on this article on Vaguthu

މާލެ ޖަލުގައި ތިބި ގައިދީން ހިންމަފުއްޓައް ބަދަލު ކުރަން ފަށައިފި

މާލޭ ޖަލުގައި ތިބި ގައިދީން ކ. ހިންމަފުށީ އައްސޭރި ޖަލުގައި އާބަންކޯއިން ގާއިމްކުރި އާ ޔުނިޓްތަކަށް ބަދަލު ކުރަން ފަށައިފިއެވެ.

އާބަންކޯގެ ފަރާތުން ހިންމަފުށީގައި ތަރައްގީކުރީ މީގެ ކުރިން ބޭނުންކޮށް، ވީރާނާވެފައިވާ ބާ އިމާރާތެކެވެ. އެތަނުގައި އާބަންކޯގެ ޓީމުން މިހާރު ވާނީ ހަތަރު ބްލޮކް ހިމެނޭ ގޮތަށް ޔުނިޓެއް އިމާރާތްކޮށްދީފައެވެ.

ޖާގައިގެ ގޮތުން މިއިން ކޮންމެ ބްލޮކެއްގައި ގާތްގަނޑަކަށް 16 ގައިދީން ބެހެއްޓޭނެއެވެ. އަދި ގައިދީން ބޭނުންކުރުމަށް 12 ފާހަނައިގެ ފާހަނަ ބަރިއެއް އެތަނުގައި އިމާރާތްކޮށްފައިވެއެވެ. އަދި މައި އިމާރާތުގެ ސްޓަރްކްޗަރ އާއި، ކަރަންޓުގެ މަސައްކަތާއި، ރިނޮވޭޝަންއަށް ބޭނުންވާ ހުރިހާ ކަމެއް އާބަންކޯއިން ވަނީ ކޮށްފައެވެ.

މަސައްކަތްތައް ނިންމާލުމަށް ފަހު އާބަންކޯގެ ފަރާތުން މިހާރު ވާނީ އެތަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފައެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު "ވަގުތަށް" ވިދާޅުވީ އައްސޭރި ޖަލުގައި އާބަންކޯއިން ގާއިމްކޮށްފައިވާ ޔުނިޓްތަކަށް މާލޭ ޖަލުގައި ތިބި ގައިދީން ބަދަލު ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.

މާލެ ޖަލު ހުރި ސަރަހައްދުގައި ދަރުމަވަންތަ ސްކޫލްގެ އައު އިމާރާތް ހަދައި ނިމެން ގާތްވެފައިވާއިރު، އެތަނުގައި ދަރުވަރުންނަށް ކިޔަވައިދޭން ފަށަންވާއިރަށް ޖަލު އެ ސަރަހައްދުން ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ސަރުކާރުން ވަނީ މާލޭ ޖަލުގައި ތިބި ގައިދީން ޖާގަ ލިބޭ ވަރަކުން ހުޅުމާލޭ ޖަލު، މާފުށީ ޖަލު، އަދި ހިންމަފުށީ ޖަލަށް ބަދަލު ކުރުމަށް ނިންމައިފައެވެ.



More from Vaguthu