ބަންޑާާރަ ނައިބު ރިފްއަތު އިބްރާހިމްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ނިންމައި އެ މައްސަލަ މިއަދު އެޖެންޑާ ކުރިއިރު ގަޑިއެއްހާ އިރު ވިއިރުވެސް އެ މައްސަލަ ހުށަހެޅޭ ގޮތެއް ނުވިއެވެ.
ޗާގޯސްގެ މައްސަލައިގައި ރާއްޖޭގެ ކަނޑުން ބައެއް ގެއްލޭގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯޒް އޮފް ދަ ސީޒް(އިޓްލޮސް)ގައި ވަކާލާތު ކުރެއްވި ކަމަށް ބުނެ އިދިކޮޅު ޕާޓީތަކުން ހަދައިގެން އުޅޭ އިއްތިހާދުން ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް 13 މެންބަރުންގެ ސޮޔާ އެކު މަޖިލިހަށް ހުށަހަޅާފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.
އަދި އެ މައްސަލަ ބުދަ ދުވަހު އެޖެންޑާކުރި އެވެ. ނަމަވެސް ރިފްއަު އެ ދުވަހު ލިއުމުން ޖަވާބު ދާރީވެ މަޖިލީހަށް ހާޒިރުވެ ވަޑައިނުގެންނެވުމުން މައްސަލަ ކުރިއަކަށް ނުދިޔައެވެ.
އެކަމަކު އެންމެ ފަހުން މަޖިލީހަށް ޖަވާބު ދާރީވަން ނިންމެވުމުން މިއަދަށް އެ މައްސަލަ އަލުން އޮތީ އެޖެންޑާ ކޮށްފައެވެ. އެހެންވެ އެ މައްސަލަ އަލުން މަޖިލީހަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެންގެވި އެވެ.
އެހެން ނަމަވެސް އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވި އާދަމް ޝަރީފް މައްސަލަ ހުށަހެޅުއްވުމުގެ ކުރިން ތަކުރާރުކޮށް އެދިވަޑައިގެންނެވީ ރިފްއަތު ކުރިން މަޖިލީހަށް ހާޒިރުވެވަޑައިނުގެންފައި މިއަދު ވަޑައިގަތް ސަބަބު ސާފުކޮށްދެއްވުމަށެވެ.
ނަމަވެސް ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ އޭގެ ޖަވާބަކީ ރިފްއަތު މަޖިލީހަށް ވަޑައިގަތުން ކަމަށެވެ.
އެ މައްސަލަ ހުށަނޭޅި ކުރިއަށް ދިޔައިރު އެމްޑީޕީގެ މެމްބަރުން ދެން ދިޔައީ ނިޒާމީ ނުކުތާ ނަންގަވަމުންނެވެ. އެ ބޭފުޅުން ވިދާޅުވަމުން ގެންދެވީ ރިފްއަތު މަޖިލީހަށް ވަޑައިނުގަތް މައްސަލައަކީ އަދި ނިޒާމީ މުޅިން އެހެން މައްސަލައެއް ކަމަށެވެ.
އެހެންވެ މައްސަލަ ހުށަނޭޅި ހަލަބޮލިވުމުން ޕާޓީތަކާއެކު މަޝްވަރާ ކުރުމަށް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ކިތަންމެ ފަހަރަކު ޖަލްސާ މެދުވެސް ކަނޑާލެއްވިއެވެ.
ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އާދަމް ޝަރީފް ހުށަހަޅުއްވަން ފެއްޓެވީ ޖަލްސާ ފެށިތާ ގަޑިއިރެއްވެސް ފަހުންނެވެ. އަދި އެ މައްސަލަ ހުށަހަޅާ ނުނިމެނީސް ސައިގެ ވަގުތަށް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ޖަލްސާ މެދުކަނޑާލައްވައިފައެވެ.