ގައުމު ތަރައްގީ ކުރެވޭނެ ހަމައެކަނި ފޯމިއުލާއަކީ ރައީސް ސޯލިހް: އިމްރާން

Mon, 05 Jun 2023 10:28 AM

View on this article on Vaguthu

ގައުމު ތަރައްގީ ކުރެވޭނެ ހަމައެކަނި ފޯމިއުލާއަކީ ރައީސް ސޯލިހް: އިމްރާން

ގައުމު ތަރައްގީ ކުރެވޭނެ ހަމައެކަނި ފޯމިއުލާއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުޖްތަމައުގެ މަސްލަހަތާއި، ހަމަޖެހުމާއެކު ފަރުދުންގެ ރައްކާތެރިކަން ކަށަވަރުވާ ގޮތަށް، ގައުމު ތަރައްގީ ކުރެވޭނެ ހަމައެކަނި ފޯމިއުލާއަކީ ރައީސް ސޯލިހް ކަމަށެވެ.

ދެވަނަ ދައުރަކަށް ރައީސް ސޯލިހް އިންތިހާބު ކުރެއްވުމަށް މިނިސްޓަރު އިމްރާންގެ ޓްވީޓްގައި ވަނީ އެދިވަޑައިގެންފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހަދަން އިމްރާންގެ އަދާލަތު ޕާޓީން ވަނީ ނިންމައިފައެވެ. އަދާލަތު ޕާޓީގެ ރައީސް ކަން ވެސް ކުރައްވާ އިމްރާންގެ ޕާޓީން އެގޮތަށް ނިންމުމާ ގުޅިގެން ބައެއް މީހުންގެ ފާޑު ކިއުން ވެސް ޕާޓީ އަށް އަމާޒުވިއެވެ.

މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު މިހާތަނަށް ކޯލިޝަން ހަދާފައިވަނީ އަދާލަތުގެ ޕާޓީގެ އިތުރުން މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އިންނެވެ.

ރާއްޖޭގައި މިހާރު އޮތް ކޯލިޝަން ސަރުކާރުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ޖޭޕީ ވަނީ ރިޔާސީ ރޭހަށް ވަކިން ނުކުންނަން ނިންމައިފައެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބު، އެއްބުރުން ކާމިޔާބުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.



More from Vaguthu