ޝާހިދު ވިދާޅުވަނީ "ދޮލަނގަށް ނަފްރަތު ލިޔަސް" އެ ނުގަންނާނެ ކަމަށް!

Mon, 05 Jun 2023 09:37 AM

View on this article on Vaguthu

ޝާހިދު ވިދާޅުވަނީ "ދޮލަނގަށް ނަފްރަތު ލިޔަސް" އެ ނުގަންނާނެ ކަމަށް!

"ދޮލަނގަށް ނަފްރަތު ލައިގެން" އުޅުނަސް، ރައްޔިތުން އެ ނުގަންނާނެ ކަމަށް ވިދާޅުވެ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އިދިކޮޅު ފަރާތްތަކަށް އިއްޔެ ހޫނު ރައްދެއް ދެއްވައިފިއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް (ޖީއައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމަށް އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ ފަސް އަހަރު ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހޮވިވަޑައިގެންނެވި އިރު، ހަގީގީ ތަރައްގީގެ މަސައްކަތުގައި އުޅުއްވަން ލިބިވަޑައިގަތީ ތިން އަހަރެއްހާ ދުވަސް ކަމަށެވެ. އަނެއް ދެ އަހަރު ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި، ދުނިޔެ އޮތީ ބަންދުވެފައި ކަމަށް ޝާހިދު ވިދާޅުވިއެވެ.

"ރާއްޖެއަކީ ތަރައްގީ އަށް ބޭނުންވާ އެއްޗެހި އަޑިން އަރާ ތަނެއް ނޫން. ރާއްޖެއަކީ އެ ހުރިހާ އެއްޗެއް ބޭރުން ގެންނަ ތަނެއް. ގެންނަންވީ ހުރިހާ ދޮރާއްޓެއް ބަންދުވެފައި އޮންނަތާ ދެ އަހަރު." އދ. ގެ 76 ވަނަ އާންމު މަޖިލިހުގައި ދާދި ފަހަކާ ޖެހެންދެން ރައީސް ކަން ކުރެއްވި ޝާހިދު ވިދާޅުވިއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ޝާހިދު ވާހަކަ ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް

ކޮވިޑާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ޓީވީތަކާއި ރޭޑިއޯތަކަށް އަރާ "ރާއްޖެ ބަނގުރޫޓު" ވާ ކަމަށާއި ތަރައްގީގެ މަޝްރޫއުތައް ހުއްޓާލުމަށާއި ރާއްޖޭގެ ފަތުރުވެރިކަން ދުވަހަކު ވެސް ކޮޅަށް ނުޖެހޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި ރިސޯޓުތަކުގައި "ބަނބުކެޔޮ ގަސް އިންދަން" ވެސް އިދިކޮޅު ފަރާތްތަކުން ގޮވާލެއްވި ކަމަށް ޝާހިދު ވިދާޅުވިއެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައްޑޫގައި ތަރައްގީ ކުރި ސެންޓަ ފޯ ޕޮލިސީ އެންޑް ލޯ އެންފޯސްމަންޓަކީ ބޭރު ގައުމެއްގެ ސިފައިންގެ މަރުކަޒެއް ކަމަށާއި އެތަން ވިއްކާލި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަ ދެއްކި ނަމަވެސް މިއަދު އެ ވާހަކަ ދައްކާ ބަޔަކު ނެތް ކަމަށެވެ.

"ސެންޓަ ފޯ ޕޮލިސީ އެންޑް ލޯ އެންފޯސްމަންޓް ބިނާ ކުރަމުން އައިއިރު ކޮން ފަދަ ފިތުނައިގެ ވާހަކައެއްތޯ ދެއްކީ. އެއީ ބޭރު ގައުމެއްގެ ސިފައިންގެ މަރުކަޒެކޭ. އެތަން ވިއްކާލައިފިއޭ. އައްޑޫ މީހުންގެ ދުވަސް ދިޔައީއޭ. ކުރާނެ ކަމެއް ނެތޭ. ކޮން ކަހަލަ ބޮޑު ފިތުނައެއްތޯ ޖެއްސީ. އެކަމަކު މިއަދު އެ ވާހަކަ ދައްކާ މީހެއް ނެތް. އެއްވެސް ކަހަލަ ހަބަރެއް ނެތް. އެ މަރުކަޒުން ތަންފީޒު ވަމުން ދަނީ ދިވެހިން. އެ މަރުކަޒުގައި ތަމްރީން ދެނީ ދިވެހިން. އެތަނަކީ ދިވެހި ސަރުކާރު، ދައުލަތުގެ އެއްޗެއް،" ޝާހިދު ވިދާޅުވިއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހާއި ޝާހިދާއި ފައްޔާޒް... --- ފޮޓޯ: ރައީސް އޮފީސް

ޝާހިދު ވިދާޅުވި ގޮތުގައި އެ ވާހަކަތައް އަޑު ނާއްސަވާ ރައީސް ސޯލިހް މަސައްކަތް ކުރެއްވީ ސީދާ ރައްޔިތުންނަށް ފައިދާ ވާނެ ގޮތަށް މެދުނުކެނޑި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށެވެ. ފިތުނައިގެ ވާހަކަތައް ރައީސް ސޯލިހް އަޑު ނާއްސަވައި ކުރިއަށް ވަޑައިގަތުމުގެ ހެޔޮ ނަތީޖާ ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ބޭރުގެ ހިލޭ އެހީ އާއި ލޯން އެހީއާ އެކުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިހާރު ވެސް މަޝްރޫއުތައް ހިނގަމުންދާ ކަމަށެވެ. އެގޮތަށް މަޝްރޫއުތައް ކުރިއަށް ދަނީ ބޭރުގެ ހިލޭ އެހީ އާއި ލޯން އެހީ ރާއްޖެ އަށް މަގުފަހިވާ ގޮތަށް ރައީސް ސޯލިހް ސަރުކާރުން ކަންކަން ކޮށްދިނީމަ ކަމަށް ވިދާޅުވިއެވެ.

އެއް މިސާލެއްގެ ގޮތުގައި ޝާހިދު ވިދާޅުވީ މީގެކުރިން އައްޑޫގައި ކަންކަން ކުރާ ވާހަކަ ދެއްކުން ފިޔަވައި އިތުރު ކަމެއް ނުވާ ކަމަށެވެ. އެކަމަކު މި ސަރުކާރުން އައްޑޫ ރައްޔިތުންނަށް ދައްކަމުން އަންނަނީ ކަންކަން ވަމުން އަންނަ ކަމުގެ ހެކި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދެވަނަ މިސާލެއްގެ ގޮތުގައި ޝާހިދު ދެއްކެވީ ރާއްޖޭގެ ރަށްތައް ބާރުވެރި ކުރުވައި ލާމަރުކަޒު އުސޫލުން ހިންގުމެވެ. މީގެކުރިން އަބަދުވެސް އަޑު އިވުނީ ލާމަރުކަޒީ ކުރާ ވާހަކަ ކަމަށާއި ރައީސް ސޯލިހްގެ ވެރިކަމުގައި މާލެ އަށް ޖަމާ ކުރެވިފައިވާ ބާރުތައް ދޫކޮށްލެއްވީ ތައުރީފް ހައްގުވާ މިންވަރަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަންނަވަނީ. --- ފޮޓޯ: ރައީސް އޮފީސް

ޝާހިދު ވިދާޅުވީ މިހާރު ވެސް އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދާ ކަމަކީ ނަފްރަތާއި ފިތުނަ އުފެއްދުން ކަމަށެވެ. އެމީހުން ބޭނުން ވަނީ ރާއްޖެ ހަމަނުޖެހުމުގެ މަގަށް ގެންދަން ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހުރީ ދިމާލަށް ފެންނަން ހުރި ކަންކަން. ދިވެހި ރައްޔިތުންނެއް ގުނބޯއެއް ނުހެއްދޭނެ. ދިވެހި ރައްޔިތުން މިތިބީ އެއަށްވުރެ މާ ބޮޑަށް ލޯހުޅުވި ހޭލެވިފައި." ޝާހިދު ވިދާޅުވިއެވެ.

"ވިއްކާނެ އެއްޗެއް ނެތިގެން. ބޮލަށް ދޮލަނގު ލައިގެން، ދޮލަނގަށް ނަފްރަތު ލައިގެން ވިއްކަން ނުކުމެ އެ ތިބީ. ދިވެހި ރައްޔިތުންނެއް އެ ދޮލަނގަކުން އެއްޗެއް ނުގަންނާނެ."

ޝާހިދުގެ ވާހަކަ ނިންމަވާލެއްވީ ރައީސް ސޯލިހާ އެކީގައި ރައްޔިތުން ކުރިއަށް ވަޑައިގަތުމަށް ހިތްވަރު ދެއްވަމުންނެވެ.



More from Vaguthu