%99 ރައްޔިތުން ތިބީ ލޯނާއި ބިލްތައް ނުދެއްކިފައި، ހައްލަކީ ގާސިމް: އިގްބާލް

Tue, 30 May 2023 12:42 AM

View on this article on Vaguthu

%99 ރައްޔިތުން ތިބީ ލޯނާއި ބިލްތައް ނުދެއްކިފައި، ހައްލަކީ ގާސިމް: އިގްބާލް

ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ތިބީ ލޯނުތަކާއި ބިލްތައް ނުދެއްކިފައި ކަމަށާއި ގައުމު މިހާރު އޮތް ހާލަތުން އެހެން ހާލަތަކަށް ގެންދަން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ހިދުމަތް ބޭނުންވާ ކަމަށާއި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އިގްބާލް އާދަމް މިރޭ ވިދާޅުވެއްޖެއެވެ.

ޖޭޕީން އެ ޕާޓީގެ އޮފީސް އަދި ޖަގަހަ، މ. ކުނޫޒުގައި ބޭއްވި "ކާމިޔާބުގެ ސައްލާ، ފަށަމާ ހޭވައްލާ" ޖަލްސާގައި ވާހަކަ ދައްކަވަމުން އިގްބާލް ވިދާޅުވީ ގާސިމް ވަރަށް ހަގު އުމުރުގައި ވަރަށް މިންނެއް މަސައްކަތުން މި ގައުމަށް ތަފާތު އެކިއެކި ދާއިރާތަކުން ގިނަ ގުނަ ހިދުމަތްތަކެއް ކޮށް ދެއްވަމުން ގެންދެވީ އެތައް އަނިޔާތަކަކާއި އެތައް ވޭންތަކެއް ތަހަންމަލް ކުރެއްވި ހާލުގައި ކަމަށެވެ.

އަދި 1984 ވަނަ އަހަރުން ފެށިގެން އިސްލާހީ މަސައްކަތް ގާސިމް ފައްޓަވައި އަދިވެސް ދުލެއް ނުދެއްވާ ހުންނެވީ މި ގައުމުގެ ރައްޔިތުން ދެކެ ނުހަނު ލޯބިވާތީ ކަމަށް އިގްބާލް ވިދާޅުވިއެވެ.

އިގްބާލް ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދާއި އިޖުތިމާއީ އަދާލަތެއް ދިވެހިންގެ އަތުގައި މިހާރު ނެތެވެ. އެކަންކަން އިސްލާހުކޮށް ދިނުމުގައި ބޭނުންވަނީ އޯގާތެރިކަމާއި އިހްސާންތެރިކަމާއި އަދުލުވެރިކަމާއި ކުލުނުވެރިކަމާ އެކީގައި ވަޑައިގަންނަވާ ހިލްމުވެރި، އިލްމުވެރި ތަޖުރިބާކާރު ބޭފުޅެއް ކަމަށާއި އެއީ އިލްމުވެރިންނާއި ޑޮކްޓަރުންނާއި ނަރުހުން ފަދަ މީހުން އުފެއްދެވި ގާސިމް ކަމަށް ވެސް އިގްބާލް ވިދާޅުވިއެވެ.

އިގްބާލް ވިދާޅުވީ ރާއްޖޭގެ އިޖުތިމާއީ ހާލަތު އޮތީ ވަރަށް ދަށް ހާލަތެއްގައި ކަމަށެވެ. އެގޮތުން ލިވާތު ކުރުމާއި ޒިނޭ ކުރުމާއި މަސްތުވާތަކެތި ފަދަ ކަންކަން އާންމުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ގާނޫނުތައް ހެދިފައި ހުއްޓަސް، ތަންފީޒުވަމުންދާ ތަން ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ގާސިމް ނުކުންނެވީ އެ ހުރިހާ މައްސަލަތަކެއް ހައްލުކޮށް ދިނުމަށް ކަމަށް ވެސް އިގްބާލް ވިދާޅުވިއެވެ.

އިގްބާލް ވިދާޅުވި ގޮތުގައި ދިވެހިންގެ ތެރޭގައި ކަރަންޓާއި ފެން ބިލާއި ފޯން ބިލާއި ލޯންތައް ނުދެއްކިފައި %99 ރައްޔިތުންނެއް އެބަތިބިއެވެ. ގައުމަށް ލިބޭ އާމްދަނީން، އެ ނަފާ ރައްޔިތުންނަށް ފޯރުނުކޮށްދެވުމުގެ ނަތީޖާއަކީ މުޅި ގައުމު ދަރަނިވެރިވުން ކަމަށް އިގްބާލް ވިދާޅުވިއެވެ.

އަދި މިހާރުގެ ހާލަތަށް ބަލާއިރު، ރާއްޖެ ވަނީ އެތައް ބިލިއަން ޑޮލަރަކުން ދަރާފައި ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖެ ރަނގަޅު މިސްރާބަކަށް ނުގެންދެވޭ ކަމަށްވާ ނަމަ، 2025 ވަނަ އަހަރާ ހަމައަށް ދާ އިރު، ގައުމު ބަނގުރޫޓުވުމަކީ ވަރަށް ގާތް ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ، އަޅުގަނޑުމެން އެންމެން އެއްބައި ކިއާފައި ޖޯޝާއި ފޯރިއާ އެކީގައި މަސައްކަތްކޮށްގެން އޮނަރަބަލް ގާސިމް އިބްރާހިމް ރާއްޖޭގެ ޒައާމަތާ ހަވާލުވެވަޑައިގެން އެމަނިކުފާނުގެ ހިދުމަތް އަޅުގަނޑުމެން ގައުމަށް ބޭނުންވާތީ މި މަސައްކަތުގައި އަޅުގަނޑުމެން މިރޭ މި ފަށައިގަތީ،" އިގްބާލް ވިދާޅުވިއެވެ.



More from Vaguthu