ރައީސް ކަމަށް ކުރިމަތިލެއްވުން ހުއްޓާލައްވައި ގާސިމަށް ފުރުސަތު ދެއްވާ: ރިޔާޒް

Tue, 30 May 2023 12:00 AM

View on this article on Vaguthu

ރައީސް ކަމަށް ކުރިމަތިލެއްވުން ހުއްޓާލައްވައި ގާސިމަށް ފުރުސަތު ދެއްވާ: ރިޔާޒް

ރާއްޖޭގެ ރައީސް ކަމަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވި ބޭފުޅުން އެކަން ހުއްޓާލައްވައި، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އެ ފުރުސަތު ދެއްވުމަށް ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު ރިޔާޒް ރަޝީދު މިރޭ ގޮވާލައްވައިފިއެވެ.

ޖޭޕީން އެ ޕާޓީގެ އޮފީސް އަދި ޖަގަހަ، މ. ކުނޫޒުގައި މިރޭ ބޭއްވި "ކާމިޔާބުގެ ސައްލާ، ފަށަމާ ހޭވައްލާ" ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ ރާއްޖެ މިހާރު އޮތް ހާލަތުން އެހެން ހާލަތަކަށް ގެންދަން ޖެހެނީ ރައްޔިތުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން ކަމަށެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ގޮތުން 2026 ވަނަ އަހަރު ދައުލަތް ބަނގުރޫޓުވުމުގެ ފުރުސަތު އޮތް އިރު، އެ އަހަރު ލޯންގެ ގޮތުގައި 26 ބިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް ރިޔާޒް ވިދާޅުވިއެވެ. އަދި މިހާރުގެ ސަރުކާރަށް އެކަން ކުރުމުގެ ގާބިލް ކަން ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދާ ނަމަ، އިގްތިސާދީ، ކަންކަން ދަންނަ ތަޖުރިބާ ހުރި ބޭފުޅަކާ މި ގައުމުގެ ވެރިކަން ހަވާލު ކުރަން ޖެހޭ. މިތިބަ ސިޔާސީ ލީޑަރުންގެ ތެރެއިން އަޅުގަނޑުމެންނަށް ފެންނަން ހުރި ހަމައެކަނި ބޭފުޅަކީ ގާސިމް. އެ ނޫން ބޭފުޅެއް ނެތް. އެ ނޫން ތަޖުރިބާއެއް ހުންނެވި ބޭފުޅެއް ވެސް ނެތް." މަޖިލިހުގެ ވިލިފުށީ ދާއިރާގެ މެމްބަރު ކަން ވެސް ކުރެއްވި ރިޔާޒް ވިދާޅުވިއެވެ.

ޕީޕީއެމް އަދި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގައި ޑެޕިއުޓީ ލީޑަރު ކަން ވެސް ކުރެއްވި ރިޔާޒް ވިދާޅުވީ ރައީސް ކަމަށް ކުރިމަތިލައްވާފައި ތިއްބެވި ބޭފުޅުން ވެސް ވެރިކަމަށް ކުރިމަތިލެއްވުމުގެ ވިސްނެވުން ދޫކޮށްލައްވައި ގައުމު ސަލާމަތް ކުރަން ބޭނުން ނަމަ، ގާސިމަށް ފުރުސަތު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ރައީސް ކަމަށް ކުރިމަތިލައްވާފައި ތިއްބެވި ބޭފުޅުން ވެސް ތިކަން ހުއްޓާލައްވާ. މި ގައުމު ސަލާމަތް ކުރަން ބޭނުން ނަމަ، ގާސިމަށް ފުރުސަތު ދެއްވާ. އެގޮތަށް ގައުމު އެދި ގޮވަނީ." ރިޔާޒް ވިދާޅުވިއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ ގާސިމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ރިޔާޒް ވިދާޅުވީ ރާއްޖެއަށް މިހާތަނަށް ގެނެސްދީފައި ހުރި ހުރިހާ ކާމިޔާބީއެއްގެ އަސްލަކީ ގާސިމް ކަމަށެވެ. ގާސިމްގެ އާއިލާ އަށް ބެލިޔަސް އެއީ ނަމޫނާ ބައެއް ކަމަށް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި ގާސިމަކީ ކުރިމަތިލެއްވި ކޮންމެ ދާއިރާއަކުން އެންމެ މަތީ ހަރުފަތަށް ވަޑައިގެން ހުންނެވި ބޭފުޅެކެވެ. ކައްކާ ގޭހުގެ އަގު ކޮންޓްރޯލް ކުރެވިފައި ވަނީ ގާސިމްގެ މަސައްކަތުން ކަމަށާއި ރާއްޖޭގެ ތެލުގެ އެންމެ ބޮޑު ރިޒާވެއް އޮތީ ގާސިމްގެ އަތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ދިވެހި ސަރުކާރަށް ވެސް މިހާތަނަށް އައިއިރު އެވަރުގެ ތަނެއް އަދި ހެދިފައެއް ނުވޭ." ރިޔާޒް ވިދާޅުވިއެވެ.

މީގެއިތުރުން ފަތުރުވެރިކަމުގެ ވިޔަފާރީގައި ވެސް އެ ވިޔަފާރި ފައްޓަވައިގެން ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ ބެޑް ކޮންޓްރޯލް ކުރެއްވި ބޭފުޅަކީ ގާސިމް ކަމަށް ރިޔާޒް ވިދާޅުވިއެވެ.

އިޖުތިމާއީ މަސައްކަތްތަކަށް ބަލާއިރު، "އާސަންދަ" އާއި "މަދަނަ" ވުޖޫދުވުމުގެ ކުރިން ގާސިމް ވަނީ އަމިއްލަ ހަރަދުގައި ދިވެހިންނަށް ބޭސްފަރުވާކޮށް ދެއްވާފައި ކަމަށް ރިޔާޒް ވިދާޅުވިއެވެ. ރިޔާޒް ވިދާޅުވި ގޮތުގައި އާސަންދަ ފަދަ ހިދުމަތްތައް ސަރުކާރުން ފެށީ މަޖުބޫރުވެގެންނެވެ.

ހަމައެއާއެކު، އެތައް ޒުވާނުންނަށް މަތީ ތައުލީމް ފޯރުކޮށްދީ، އެތައް ޕައިލެޓުންނަށް އަމިއްލަ ހަރަދުގައި ތަމްރީން ދީ ހިދުމަތަށް ނެރެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެއް ދާއިރާއެއް ނޫން، އެތައް ދާއިރާއަކުން އެމަނިކުފާނަކީ ގައުމަށް ހިދުމަތް ކުރަމުން އަންނަ ބޭފުޅެއް. އަނެއްކާ މިކަން ކުރަނީ ހިލޭ ސާބަހަށް." ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި ގާސިމަށް ލިބިވަޑައިގަންނަވާ އާމްދަނީގެ %60 ހަރަދު ކުރައްވަނީ ގައުމު ބިނާ ކުރެއްވުމަށެވެ. އަދި މިހެން ވިދާޅުވެވޭނެ ވިޔަފާރިވެރިއަކު ރާއްޖޭގައި ނުހުންނާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ތަކުރާރުކޮށް ފާހަގަ ކުރެއްވި ކަމަކީ ގާސިމްގެ ތައާރަފެއް ދޭން ބޭނުން ނަމަ، ފަސޭހަ ވާނެ ކަމެވެ.

"ގާސިމްގެ ތައާރަފެއް ގެނެސް ދޭން، ނޫނީ ގާސިމަކީ ކޮން ބޭފުޅެއް ކަން ގެނެސްދޭން އަޅުގަނޑު ނިދާފައި އޮއްވައި ގޮވާލިޔަސް، ގާސިމަކީ ކާކު ކަން ތިޔަބޭފުޅުންނަށް ވަރަށް ސާފުކޮށް ދަންނަވައި ދެވޭނެ." ޖޭޕީގެ އިސް ސަފުގައި މިހާރު ވަރަށް ހަރަކާތްތެރިކޮށް އުޅުއްވާ ރިޔާޒް ވިދާޅުވިއެވެ.



More from Vaguthu