އެމްޑީޕީން ބުނަނީ ހަރުގެ ހިސޯރުކޮށް، ގެއްލުން ދިނީ ކަމަށް!

Mon, 29 May 2023 08:53 PM

View on this article on Vaguthu

އެމްޑީޕީން ބުނަނީ ހަރުގެ ހިސޯރުކޮށް، ގެއްލުން ދިނީ ކަމަށް!

އާޓިފިޝަލް ބީޗު ކުރިމަތީގައި ހުންނަ ހަރުގެ އަށް ބަޔަކު ވަދެ، ހިސޯރުކޮށް ގެއްލުން ދިން މައްސަލަ އެމްޑީޕީން ކުށްވެރިކޮށް، އެކަން ކުރި މީހުންނާ މެދު ފިޔަވަޅު އަޅަން އެމްޑީޕީން ގޮވާލައިފިއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ހަރުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފައްދަވަން މަސައްކަތް ކުރައްވާ ދަ ޑިމޮކްރެޓްސްގެ ހަރުގެއަކަށް ބަދަލު ކުރުމުގެ މަސައްކަތް މިއަދު ވަނީ ފަށައިފައެވެ.

އެގޮތުން އެމްޑީޕީގެ ހަރުގޭގައި ހުރި އެކިއެކި ޕޯސްޓަރުތައް ވެސް ވަނީ ނައްޓާލައިފައެވެ. އަދި އެތަނުގައި ހާކާފައި ހުރި ރީނދޫ ކުލައިގެ ބަދަލުގައި މަޑު ނޫކުލަ ލާން ވަނީ ފަށައިފައެވެ.

ދަ ޑިމޮކްރެޓްސް އަށް ތާއީދު ކުރައްވާ ބޭފުޅުން ހަރުގެ ކޮންޓްރޯލް ނެގިއިރު، އެމްޑީޕީގެ ހަރުގެ ހުސް ކުރަން އެ ބިމުގެ ވެރިފަރާތުން އެންގި މައްސަލަ އެމްޑީޕީން ވަނީ ކޯޓަށް ވައްދައިފައެވެ.

އެމްޑީޕީގެ ހަރުގެ ދަ ޑިމޮކްރެޓްސްގެ ހަރުގެއަކަށް ބަދަލު ކުރަނީ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ އެމްޑީޕީން މާލޭގައި ހުންނަ މައި ހަރުގޭގެ ތަޅު ހަލާކުކޮށްލައިގެން ވަދެ ޕާޓީގެ މުދާތަކަށް ގެއްލުންދީ ހަރުގެ ހިސޯރުކުރިކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. ޕާޓީން ބޭނުން ކުރަމުން އަންނަ ހަރުގެއަކީ އެ ގޭގެ ވެރިފަރާތާ އެކީ ހެދިފައިވާ އެއްބަސްވުމެއްގެ ދަށުން ގަވައިދުން ކުލި ދައްކާ ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގަމުން އަންނަ ތަނެއް ކަމަށެވެ.

ހަރުގެ ވެރިފަރާތާއެކު އަނގަ ބަހުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ނިމެންދެން ހަރުގޭގައި ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގޭނެ ކަމަށް އެއްބަސްވެފައިވާ ކަމަށާއި އެއްބަސްވުމާ ހިލާފަށް ގޭގެ ވެރިފަރާތުން އަމަލުކޮށްފައިވާތީ ޕާޓީއަށް އެއްބަސްވުމުގެ ދަށުން ލިބިދޭ ހައްގުތައް ހިމާޔަތްކުރުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާ އެ މައްސަލައިގެ ޝަރީއަތް ހިނގަނިކޮށް ޝަރީއަތުން ވަކި ގޮތެއް ނިންމުމުގެ ކުރިން ހަރުގެއަށް ބަޔަކު ވަދެ ހިސޯރުކޮށް, މި ޕާޓީގެ މުދަލަށް ގެއްލުންދީފައިވާ ކަމަށް ބަޔާނުގައިވެއެވެ.

"މި ޕާޓީން ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައިވެސް އެދިފައި ވާނީ ވެރިފަރާތުގައި ވެސް އެދިފައިވާ ފަދައިން މި ޕާޓީއިން ސިޔާސީ ހަރަކާތް ހިންގުމަށް އެހެން ތަނެއް ހަމަޖެއްސުމަށްޓަކައި ޖުލައި 31 ގެ ނިޔަލަށް ހަރުގޭގައި ތިބެވޭނެ ގޮތަށް ކަނޑައަޅައިދިނުމަށެވެ." އެމްޑީޕީގެ ބަޔާނުގައިވެއެވެ.

ޝަފިއްޔާ މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަނީ. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

އެމްޑީޕީން ބުނީ އެ ޕާޓީއަކީ ރޭވިގެން އިންތިޒާމުވެގެން ސިޔާސީ ހަރަކާތް ހިންގުމަށް އަބަދުވެސް ވަކާލާތު ކުރާ އަދި ތަރުހީބުދޭ ޕާޓީއެއް ކަމަށެވެ. ސިޔާސީ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން އެހެން ޕާޓީއެއްގެ މުދަލަށް އަރައިގަނެ ގެއްލުން ދިނުމަކީ ވަރަށް ނާތަހުޒީބު ފިނޑި އަމަލެއް ކަމަށް އެ ބަޔާނުގައިވެއެވެ.

އަދި މި ގާނޫނާ ހިލާފު, ނާތަހުޒީބު, ފިނޑި އަމަލުގައި ޝާމިލުވާ މީހުންނާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް މައްސަލަ މި ޕާޓީގެ ފަރާތުން ހުށަހަޅާނެ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

ބޮޑުތަކުރުފާނު މަގުގައި ހުންނަ އެމްޑީޕީގެ ހަރުގެ ހުރި ބިމަކީ އެމްޑީޕީގެ ކުރީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ ޝަފިއްޔާ ޒުބައިރުގެ ބިމެކެވެ. އޭނާ މިހާރު މަސައްކަތް ކުރަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދަވާ ދަ ޑިމޮކްރެޓްސްގައެވެ.

ދަ ޑިމޮކްރެޓްސް އިން ހަރުގެ ހުޅުވާ ރަސްމިއްޔާތަށް ނޫސްވެރިން ދިއުމުން، ނޫސްވެރިންނާ ވާހަކަ ދައްކަމުން ޝަފިއްޔާ ބުނީ އެ ބިން މިހާރު އަމިއްލަ ވިޔަފާރިވެރިއަކަށް ކުއްޔަށް ދީފައިވާ ކަމަށެވެ. އެއީ އެ ވިޔަފާރިވެރިޔާ އެހެން ބަޔަކަށް ވެސް ކުއްޔަށް ދެވޭ ގޮތަށެވެ. އެނގިފައިވާ ގޮތުގައި އެ ވިޔަފާރިވެރިޔާ މިހާރު ވަނީ އެ ތަން ދަ ޑިމޮކްރެޓްސްގެ ސިޔާސީ ހަރަކާތްތައް ހިންގުމަށް ކުއްޔަށް ދީފައެވެ.

އެއީ ކޮން ވިޔަފާރިވެރިއެއް ކަން ޝަފިއްޔާ ހާމަ ނުކުރި ނަމަވެސް އެނގިފައިވާ ގޮތުގައި އެއީ ދަ ޑިމޮކްރެޓްސްގެ އިސް މީހެކެވެ.

ޝަފިއްޔާ ބުނާ ގޮތުގައި އޭނާ އާއި ވިޔަފާރިވެރިޔާއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރީ މެއި 15 އިން ފެށިގެންނެވެ.

ނޫސްވެރިންގެ ބައްދަލުވުން ނިމުމާ އެކު ހަރުގެ ހުޅުއްވައި ދެއްވީ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވާ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރުއެވެ.



More from Vaguthu