"ރާއްޖެއަށްޓަކައި ހިތާ ފުރާނައިން ޤުރުބާންވާން މިހުރީ ތައްޔާރަށް"

Fri, 26 May 2023 11:39 PM

View on this article on Vaguthu

"ރާއްޖެއަށްޓަކައި ހިތާ ފުރާނައިން ޤުރުބާންވާން މިހުރީ ތައްޔާރަށް"

ދިވެހި ރާއްޖޭގެ ކަންކަން މިހާރު ދަނީ ގޯހުން ގޯހަށް ކަމަށާއި އެކަންކަން ރަނގަޅު ކުރުމަށްޓަކައި ހިތާ ފުރާނައިން ޤުރުބާންވާން ތައްޔާރަށް ހުރި ކަމަށް އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީގެ ރިޔާސީ ޓިކެޓް ނާޒިމް އާއި ހަވާލު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ދިވެހި ފަސްގަޑު ދެކެ އޭނާއަށްވުރެ ބޮޑަށް ލޯބިވާ ދެވަނަ އެހެން ފަރުދަކު ނުހުނާނެކަމަށެވެ.

ނާޒިމް ވިދާޅުވީ، ދިވެހި ކާބަފައިން ރެޔާދުވާ ހޭދަކޮށްގެން ބިނާކުރި ޤައުމާއި، ހޯދި މަސްކަނޑުތަކާއި، ލެޔާއި ފުރާނައިން ޤުރުބާންވެގެން ޙިމާޔަތްކުރެއްވި އިސްލާމްދީން، އަތުންދޫވެގެން ދާތަން ބަލަންހުންނަން އޭނާއަށް ކެތް ނުވާ ކަމަށާއި ޤައުމުގެ ވެރިންގެ ކުރިމަތީގައި ޝަހީދު ޢަލިރަސްގެފާނާއި، ޝަހީދު ޙުސައިން އާދަމްފަދަ އަބްޠާލުންގެ ލޭގެ ޤުރުބާނީއަކީ އެއްވެސް އެއްޗަކަށްނުވެ ދާތަން ފެނުމުން އެކަން ޤަބޫލު ކުރަން ވެސް ދަތި ކަމަށެވެ.

"މިރޭ މިތަނުގައި އަޅުގަނޑު ހުއްޓި ހުންނައިރުވެސް، އަޅުގަނޑުގެ ކަންފަތުގައި ގުގުމަމުންދަނީ، ޢުމުރުން އެންމެ 19 އަހަރުގައި އަޅުގަނޑު ކުރި ހުވާ ކަމުގައި ނާޒިމް ވިދާޅުވިއެވެ.

"ދުޝްމަނުންނާއި ބަޣާވާތްތެރިންގެ ކިބައިން، ދިވެހި ދައުލަތް ސަލާމަތްކުރުމުގައި، ހަށިގަނޑާއި ފުރާނައިން ޤުރުބާންވާން ޖެހިއްޖެ ޙާލަތެއްގައި ޤުރުބާން ވުމަށް ކެރިހުރެ މާތްﷲ ގަންދީ ކުރި ހުވާ. އަޅުގަނޑުގެ ހިތުގެ ވިންދަކީ މިއަދުވެސް މިއީ. އަދި އަޅުގަނޑުގެ ތާއަބަދުގެ ޢަޒުމަކީވެސް މިއީ." ނާޒިމް ވިދާޅުވިއެވެ.

ދިވެހިންގެ ޑިމޮކްރަސީގެ ދަތުރުގައި، އެންމެ ގިނަ ލަކުނުތައް ލަމުންދަނީ ސަލާމަތީބާރުތަކުގެ ސަފުތަކުގައި ކަމަށާއި ސަލާމަތީ ބާރުތަކަކީ ޤައުމީ ސަލާމަތުގެ އެންމެ އިސް އަދި އެންމެ ފަހު ސަފު ކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެނަސް މިއަދު ސިފައިންނާއި ފުލުހުން ވަނީ ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ދެކޮޅުވެރިކަމުގެ ހަމަނުޖެހުމުގެ ތެރޭގައި ތާށިކޮށްފައި ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.


More from Vaguthu