ގާނޫނު އަސާސީ އިސްލާހުކޮށް ޑިމޮކްރަސީ ރާއްޖެއަށް ގެނައިތާ 15 އަހަރު ވެގެން ދިޔައިރު ވެސް ގައުމުގެ ކަންކަން ރަނގަޅުނުވި ކަމަށާއި އެހެންކަމުން މިއީ ސިޔާސީ ޕާޓީތަކުގެ ކުލަތައް ދޫކޮށް ގައުމީ ވިސްނުމަކަށް ޖާގަ ދޭން ޖެހޭ ވަގުތު ކަމަށް އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެމްއެންޕީގެ ރިޔާސީ ޓިކެޓް ނާޒިމް އާއި ހަވާލު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، މިއަދު ގައުމުގެ ހުރިހާ ކަމެއް އޮތީ ބޮއްސުންލާފައި ކަމަށެވެ. އެކަމުގެ މިސާލެއްގެ ގޮތުން އޭނާ ދެއްކެވީ ބޮޑެތި ކުށްވެރިންތަކަކަށް ރައީސުލްޖުމްހޫރިއްޔާ މާފު ދެއްވަމުން ގެންދެވުމެވެ.
ނާޒިމް ވިދާޅުވީ، މިއަދު ގައުމުގެ ކަންކަން ހިނގާ ގޮތައް ބަލާއިރު ގައުމު އޮތީ ކުށްވެރިންގެ އަތް މައްޗަށް ދިއުމުގެ މަގުމަތީގައި ކަމަށެވެ.
މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދޭނެ ކަމަށް ވިދާޅުވާ ވިދާޅުވުން ނާޒިމް މިރޭ ވެސް ތަކުރާރު ކުރެއްވިއެވެ.

ނާޒިމް ވިދާޅުވީ، އޭނާ އަކީ ރާއްޖޭގައި މިހާރު ތިއްބެވި ސިޔާސީ ލީޑަރުންނަށް ބަލާއިރު އެންމެ ހަގު ސިޔާސީ ލީޑަރު ނުވަތަ އެންމެ ފަހުން ނިކުތް ސިޔާސީ ލީޑަރަށް ވެދާނެ ކަމަށާއި ނަމަވެސް ގައުމީ މަސައްކަތުގައި އެހެން ލީޑަރުންގެ ކައިރީގައި އޭނާ ހަގު ނުވާނެ ކަމަށެވެ.
ނާޒިމް ވިދާޅުވީ، އޭނާ ހިތްވަރު ލިބިގަންނަނީ ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވިދާޅުވެފައި އޮންނަ ބަސްފުޅަކުން ކަމަށެވެ. "އަޅުގަނޑު ސިފައިންގެ ހިދުމަތުގައި ހުއްޓާ ބޭއިންސާފުން ވަކިކުރީ. މަގާމުގައި ހުއްޓާ ބޭއިންސާފުން ޖަލަށް ލެވުނު. ނަމަވެސް އަނެއްކާވެސް އަޅުގަނޑު މިހުރީ ގައުމީ ހިދުމަތުގައި. އަޅުގަނޑު މިހުރީ ހިތާއި ފުރާނަ ދިވެހި ގައުމަށް ދިނުމަށް ތައްޔާރަށް." ނާޒިމް ވިދާޅުވިއެވެ.
30 އަހަރުގެ ގައުމީ ހިދުމަތަށްފަހު، ގައުމުގެ އެންމެ މަތީ މަގާމަށް ކުރިމަތިލީ ސަބަބުތަކެއް އެބަ ހުރި ކަމަށާއި ވެރިކަމަށް އައުމަށް އެ ޕާޓީގެ ގާބިލުކަން އެބަހުރިތޯ ގިނަ ބަޔަކު ސުވާލު ކުރާ ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ މައިދާނުގައި މިހާރު ހުރި ބޮޑެތި ޕާޓީތަކުގެ މައްޗަށް އެމްއެންޕީން ކުރި ހޯދާނީ ކިހިނެތްތޯ ވެސް ސުވާލު ކުރައްވާ ކަމަށެވެ.

"އަޅުގަނޑު ޖަވާބު ވަރަށް ސާދާ. ރައްޖެއަށް ގާނޫނު އަސާސީ ތައާރަފްކޮށް ޕާޓީތަކުގެ ވެރިކަން ފުރުސަތު ލިބި މިވީ 15 ދުވަހުގެ ތެރޭގައި ޑިމޮކްރަސީގެ އުސޫލުތަކުގައި ދިވެހިން އެކަށީގެންވާ ވަރުގެ ކުރިއެރުމެއް ލިބިއްޖެތޯ ތިބޭފުޅުން ސުވާލު ކުރައްވާ. ފަނޑިޔާރުގެ މިނިވަންކޮށް މުސާރައާއި އިނާޔަތްތައް ރައްޔިތުންގެ މަޖިލީހުން ފާސް ކުރަން ފެށުމުން އަދުލު އިންސާފު ކަށަވަރުވިތޯ ތިބޭފުޅުން ސުވާލު ކުރައްވާ. ނުވަތަ ވީ ބަލިކަށިތޯ ތިބޭފުޅުން ސުވާލު ކުރައްވާ" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، ކިޔަވައިގެން ހިދުމަތަށް ނުކުންނަ އަމިއްލަ ފަންނީ ގާބިލުންގެ މައްޗަށް ވަޒީފާ ލިބޭތޯ ރައްޔިތުން ސުވާލު ކުރައްވަން ޖެހޭ ކަމަށާއި އަމިއްލަ މުދާ ރައްކާތެރިތޯ ވެސް ސުވާލު ކުރައްވަން ޖެހޭ ކަމަށެވެ.
"މި ސުވާލުތަކުގެ ޖަވާބުގައި އަޅުގަނޑު ދަންނަވަން އޮތީ ނޫނެކޭ. ނޫނެކޭ ކަމަށްވާނަމަ، ކުލަތައް ދޫކޮށްލައްވާ. ގައުމީ ވިސްނުމަކަށް ޖާގައެއް ދެއްވާ. ތައުލީމީ ވިސްނުންތަކާއި އިލްމީ ހައްލުތަކަށް ޖާގަ ދެއްވާ" ނާޒިމް ވިދާޅުވިއެވެ.