ނައީމާގެ މަރުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި

Fri, 26 May 2023 06:30 PM

View on this article on Vaguthu

ނައީމާގެ މަރުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި

ނ.މަނަދޫގައި މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާ މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެމީހަކު ހައްޔަރުކޮށްފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނައީމާ މަރާލި މައްސަލައިގެ ތަހްޤީޤަށް ބޮޑެތި ކުރިއެރުންތަކެއް ދަނީ ލިބެމުން ކަމަށެވެ.

މިމައްސަލާގައި ތުހުމަތުކުރެވޭ ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު އެބަތިބި ކަމަށާއި މައްސަލައިގެ ތަޙްޤީޤަށް މުހިންމު ހެކިތަކެއް ހުރިކަމަށް ބެލެވޭ ތަނެއް ފުލުހުން ބަލާ ފާސްކުރަމުން އެބަދާ ކަމަށް ވެސް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވިއެވެ.

ކޮމިޝަނަރ މުހައްމަދު ހަމީދު އިތުރަށް ވިދާޅުވީ މަރުގެ މައްސަލަ ތަޙްޤީޤު ކުރުމުގެ ތަޖުތިބާކާރު، އިންސްޕެކްޓަރ މުހައްމަދު ސާމިހް އިސްކޮށް ހުރެ މާލެއިން ދިޔަ ޓީމާއި ނ.އަތޮޅުގެ ފުލުހުން، މިމަރުގެ ހަޤީޤަތް ހޯދާ އިންސާފު ޤާއިމްކުރުމަށް ކުރަމުންދާ ބުރަ މަސައްކަތް ފަޚްރުވެރިކަމާއެކު ފާހަގަކުރައްވާ ކަމަށެވެ.

އިންސްޕެކްޓަރ މުހައްމަދު ސާމިހް އަކީ ފާއިތުވި ދިހަ ވަރަކަށް އަހަރުތެރޭގައި ރާއްޖޭގައި ހިންގި ބޮޑެތި މަރުތައް ތަހްގީގު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ފުލުސް އޮފިސަރެވެ. އޭނާ އިސްކޮށް ހުރެ ވަނީ ވަރަށް ގިނަ ކާމިޔާބު ތަހްގީގުތަކެއް މީގެ ކުރިން ވެސް ކޮށްފައެވެ.

އެކަނި ދިިރިއުޅެމުންއައި 62 އަހަރުގެ ނައީމާ މަރާލާފައި އޮއްވާ ފެނިފައި ވަނީ އޭނާ ދިރިއުޅޭ ގޭގެ ތެރެއިން އޭޕްރިލް މަހުގެ ހަތް ވަނަ ދުވަހު އިރުއްސޮނު ފަހުންނެވެ.

ނައީމާގެ މަރުގެ މައްސަލައިގައި ބަޔަކު ހައްޔަރު ކުރެވުނުކަން ފުލުހުން ހާމަމިކުރީ ނައީމާ މަރާލާފައި އޮއްވާ ފެނުނުތާ 50 ދުވަސް ފަހުންނެވެ.

ނައީމާގެ މަރާއި ގުޅިގެން ފުލުހުންގެ ފޮރެންސިކް ޓީމުން ވަނީ ކުށުގެ ވެށިން ގިނަ އަދަދެއްގެ ސުންކު (ސާމްޕަލް) ނަގައިފަ އެވެ. އޭގެ ތެރޭގައި ކުށްކުރި ކަމަށް ބެލެވޭ މީހާގެ ޑީއެންއޭ އާއި އިތުރު ފޮރެންސިކް ހެކިތައް ވެސް ހިމެނޭ ކަމަށް ކުރިން ވަނީ މައުލޫމާތު ލިބިފައެވެ.


More from Vaguthu