އެކަކު އެއްބަސްވެ، ނައީމާގެ މަރާއި ގުޅޭ ހެކިތައް ދައްކައިފި

Fri, 26 May 2023 08:08 PM

View on this article on Vaguthu

އެކަކު އެއްބަސްވެ، ނައީމާގެ މަރާއި ގުޅޭ ހެކިތައް ދައްކައިފި

ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލާގައި ހައްޔަރުކުރީ ދެ ދިވެހިން ކަމަށާއި އޭގެތެރެއިން އެކަކު ފުލުހުންގެ ތަހްގީގަށް އެއްބާރުލުންދީ ކޯޓުގައި ކުށަށް އިއުތިރާފް ވެފައިވާކަމަށް އެރަށުން މައުލޫމާތު ދީފިއެވެ.

ނައީމާގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރީ 20 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ. އެމީހުންނަކީ މަސްތުވާތަކެތީގެ ރެކޯޑާއި އަދި ތޫނު ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ރެކޯޑް ވެސް އޮންނަ ބައެކެވެ.

ހައްޔަރު ކޮށްފައިވާ މީހުންގެ ތެރެއިން އެކެއްގެ ނަމަކީ އަހްޒަމް އެވެ. ދެވަނަ މީހަކީ ރިފާޝް ނަމަކަށް ކިޔާ މީހެކެވެ.

މިއަދު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރި ޓްވީޓެއްގައި ވަނީ މައްސަލަ އާއި ގުޅުން ހުރި ތަނެއް ބަލައި ފާސްކުރަމުންދާކަން ކަށަވަރު ކޮށްދެއްވާފައެވެ. "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި ބަލައި ފާސްކުރަމުން ދަނީ އެރަށުގެ ނާމަގު ސަރަހައްދެވެ. އެއީ ނައީމާ މަރާލި މައްސަލައިގައި އިއުތިރާފްވި މީހާ ދިން މައުލޫމާތައް ބަލައި ފާސްކުރަމުންދާ ތަނެއް ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

ފުލުހުން އެސަރަހައްދު ފާސްކުރަމުން ދާއިރު ހައްޔަރު ކޮށްފައި ތިބި ދެމީހުން ވެސް އެތަނުގައި އެބަތިއްބެވެ. އެސަރަހައްދުން މިހާރު ފުލުހުން ވަނީ ކަތިވަޅިއަކާއި ބައެއް އެހެން އެއްޗެހި ހޯދާފައި ކަމަށް މައުލޫމާތު ލިބެއެވެ.

އެކަނި ދިިރިއުޅެމުންއައި 62 އަހަރުގެ ނައީމާ މަރާލާފައި އޮއްވާ ފެނިފައި ވަނީ އޭނާ ދިރިއުޅޭ ގޭގެ ތެރެއިން އޭޕްރިލް މަހުގެ ހަތް ވަނަ ދުވަހު އިރުއްސޮނު ފަހުންނެވެ. ނައީމާގެ މަރުގެ މައްސަލައިގައި ބަޔަކު ހައްޔަރު ކުރެވުނުކަން ފުލުހުން ހާމަމިކުރީ މިއަދު އެވެ. މިއަދަކީ ނައީމާ މަރާލާފައި އޮއްވާ ފެނުނުތާ 50 ވަނައަށްވީ ދުވަހެވެ.

ކޮމިޝަނަރ މުހައްމަދު ހަމީދު މިއަދު ވިދާޅުވީ މަރުގެ މައްސަލަ ތަޙްޤީޤު ކުރުމުގެ ތަޖުތިބާކާރު، އިންސްޕެކްޓަރ މުހައްމަދު ސާމިހް އިސްކޮށް ހުރެ މާލެއިން ދިޔަ ޓީމާއި ނ.އަތޮޅުގެ ފުލުހުން، މިމަރުގެ ހަޤީޤަތް ހޯދާ އިންސާފު ޤާއިމްކުރުމަށް ކުރަމުންދާ ބުރަ މަސައްކަތް ފަޚްރުވެރިކަމާއެކު ފާހަގަކުރައްވާ ކަމަށެވެ.


More from Vaguthu