ރައީސް އޮފީހުން އަންގަނީ "ފިކުރެއްގެ ދިރުން" ދިރުނަކަ ނުދޭނަމޭ- ޝުޖާއު

Sun, 26 Mar 2023 03:58 AM

View on this article on Vaguthu

ރައީސް އޮފީހުން އަންގަނީ "ފިކުރެއްގެ ދިރުން" ދިރުނަކަ ނުދޭނަމޭ- ޝުޖާއު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގަނީ އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަން ދިރުނަކަ ނުދޭނަމޭ ކަމަށް މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއި މިފަދައިން ވިދާޅުވެފައިވަނީ ސްޓޭޓް ޓްރޭޑިންގ އޯގަނިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރު، އަމްރު މުހައްމަދު ރަޝާދުގެ ޕްރޮގްރާމެއް ޕީއެސްއެމުން ދައްކަން ހަމަޖެހިފައިވަނިކޮށް، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު އެތަނަށް ވަޑައިގެން އެ ޕްރޮގްރާމް ހުއްޓުވި ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވުމުންނެވެ.

އެގޮތުން ޝުޖާއު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ފިކުރެއްގެ ދިރުން "ދިރުނަކަ ނުދޭނަމޭ" ރައީސް އޮފީހުން އަންގާ ކަމަށެވެ. އެހެން ކަމުން ދެން ޖެހޭނީ ސަރުކާރު ބާލަން ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"ދެން ޖެހޭނީ ބާލަން! މި މުސީބާތުން ސަލާމަތްވުން ނޫން ގޮތެއް ނެތް. ދިރެން އޮތީ ބޭލިގެން. ބޭލުން ނޫން ގޮތެއް ނެތް. އޮތް ގޮތަކީ ބޭލުން" ޝުޖާއު ކުރެއްވި ޓުވިޓުގައި ވިދާޅުވިއެވެ.

މިރޭ 21:00 ގައި އޮތް ރާއްޖެ މިއަދު ޕްރޮގްރާމްގައި ދެއްކުމަށް އަމްރުގެ އިންޓަވިއުގެ ރިކޯޑިން ހަދާފައިވަނީ އިއްޔެ ހެނދުނު 10:30 އިން 11:00 އާއި ދެމެދުގެ ވަގުތެއްގައެވެ.

ނަމަވެސް ރެކޯޑިންގ ނިމުނު ފަހުން ރައީސް އޮފީހުން ވަނީ އަމުރުގެ ޕްރޮގްރާމް ދެއްކުން މަނާ ކޮށްފައެވެ. މިކަމާއި ގުޅިގެން ޕީއެސްއެމް އަދި އެސްޓީއޯގެ ބަހެއް ލިބިފައި ނުވާއިރު، އަމްރުގެ ވީޑިއޯ ދެއްކުން ހުއްޓުވީ މިއުވާން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާ މެމްބަރު އަލީ އާޒިމް ވެސް ވަނީ ވިދާޅުވެފައެވެ.


More from Vaguthu