މެދުކަނޑާނުލާ ރޯދަ މަހު ވެސް އިޖުތިޖާޖު އޮންނާނެ- ޕީޕީއެމް

Sun, 26 Mar 2023 02:12 AM

View on this article on Vaguthu

މެދުކަނޑާނުލާ ރޯދަ މަހު ވެސް އިޖުތިޖާޖު އޮންނާނެ- ޕީޕީއެމް

އިދިކޮޅު ލީޑަރު، އަދި ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލާ ކުރިއަށް ގެންދާ އިހުތިޖާޖު ރޯދަ މަހަށް މެދުކަނޑާނުލާ ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

ވ. އާރަށު މައްސަލައާއި ގުޅޮގެން ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުން އެމަނިކުފާނު 11 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެއާއި އެކީ ޔާމީންގެ ސަޕޯޓަރުން އަންނަނީ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ މާލޭގައި އިހުތިޖާޖު ކުރަން ފަށާފައެވެ.

އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ، ޔާމީން މިނިވަން ކުރުމަށް ގޮވާލާ ކުރިއަށް ގެންދާ ސުލްހަވެރި މަގުމަތީ ހަރަކާތްތައް ރޯދަ މަހުގެ ފުރަތަމަ ދުވަހަށް މެދުކަނޑާލުމަށް ފަހު ރޭ ފެށިފައިވާ ކަމަށެވެ.

އެގޮތުން ކޮންމެ ރެއަކު ވެސް ރޭގަނޑު 21:30 އިން 23:30 އަށް ޕީޕީއެމް އޮފީސް ކުރިމަތީ އިހުތިޖާޖު ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މުހައްމަދު އިސްމާއީލް ވިދާޅުވީ، ރޯދައަށް އިހުތިޖާޖު ހުއްޓާ ނުލަން ނިންމީ އެއްވެސް ރޯދަމަހެއްގައި ސަރުކާރުން އިދިކޮޅު ލީޑަރަށް ލުޔެއް ނުދޭތީކަމަށާއި ކޮންމެ ރޯދަ މަހެއްގައި އެމަނިކުފާނު ހުންނަވަން ޖެހެނީ ކޮންމެ ވެސް ބަންދެއްގައި ކަމަށެވެ.

އޭނާ ވަނީ އިދިކޮޅުން ކުރިއަށް ގެންދާ މި އިހުތިޖާޖުގައި ވީހާ ވެސް ގިނަ ސަޕޯޓަރުން ބައިވެރިވުމަށް ގޮވާލާފައެވެ.


More from Vaguthu