ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ސްޓޭޓް ޓްރޭޑިންގ އޯގަނިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިންގ ޑިރެކްޓަރ އަމްރު މުހައްމަދު ރަޝާދުގެ ޕްރޮގްރާމް ކެންސަލް ކުރުމުން، އަމްރުގެ އިންޓަވިއު ދައްކަން ސަންގު ޓީވީން ނިންމައިފިއެވެ.
"ވަގުތު"އަށް އެނގިފާއިވާގޮތުން މިރޭ 9:00 ޖަހާއިރު އޮތް ރާއްޖެ މިއަދު ޕްރޮގްރާމް ގައި ދެއްކުމަށް އަމުރުގެ އިންޓަވިއުގެ ރެކޯޑިންގ ހަދާފައި ވަނީ މިއަދު ހެނދުނު 10:30 އިން 11:00 އާ ދެމެދު އެވެ.
ނަމަވެސް ރެކޯޑިންގ ނިމުނު ފަހުން ރައީސް އޮފީހުން ވަނީ އަމުރުގެ ޕްރޮގްރާމް ދެއްކުން މަނާ ކޮށްފައެވެ.
މިކަމާއި ގުޅިގެން ޕީއެސްއެމްގެ ބަހެއް ހޯދުމަށް އެތަނުގެ އިސްވެރިއަކަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.
ޕީއެސްއެމްއިން އަމްރުގެ ޕްރޮގްރާމް ކެންސަލް ކުރިތާ މާގިނައިރުތަކެއް ނުވަނީސް ސަންގު ޓީވީން ވަނީ އަމްރުގެ އިންޓަވިއުއެއް މާދަމާރޭ އޮންނާނެ ކަމަށް ބުނެފައެވެ.
ސަންގު ޓީވީން ބުނި ގޮތުގައި އަމްރުގެ އިންޓަވިއު އޮންނާނީ މާދަމާ ރޭ 22:00 ގައި ސަންގުޓީވީ ޚަބަރަށްފަހު ޕްރޮގްރާމްގައެވެ.
"ޕްރޮގްރާމް ކެންސަލް އެއް ނުވާނެ" ސަންގު ޓީވީން ކުރި ޓުވިޓެއްގައި ބުންޏެވެ.
. @stoplc ge MD @HusenAmr maadhamaarey 2200hrs SanguTV Khabarahfahu program gai bahdhalkuravvaane. Program cancel eh nuvaane. Inthizaarukollavvaa!
— Sangu TV (@Sangu_TV) March 25, 2023
ޕީއެސްއެމްއިން ދައްކަން ނިންމާފައިވާ އަމްރުގެ ޕްރޮގްރާމް ކެންސަލް ވުމާއި ގުޅިގެން އެސްޓީއޯއިން ވެސް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
އަމްރު އަކީ އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނަށް ތާއިދު ކުރައްވާ ބޭފުޅެކެވެ.