އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަން އޮފީހަށް 124 މައްސަލަ

Fri, 06 Aug 2021 12:09 AM

View on this article on Raajje.mv

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަން އޮފީހަށް 124 މައްސަލަ

    އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަން އޮފީހަށް މިހާތަނަށް 124 މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ އޮފީހުން ބުނެފިއެވެ.

    ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބުރާސްފަތި ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން އެ އޮފީހުގެ ޑީޖީ އަޙްމަދު ޔާމީން ވިދާޅުވީ, ފާއިތުވެދިޔަ ދެ ދުވަހު ވެސް އެ އޮފީހަށް މައްސަލަ ހުށަހެޅުނު މިންވަރު އިތުރުވެގެން ހިނގައްޖެ ކަމަށެވެ. އަދި މިކަމުން ވެސް އަންގައިދެނީ އެ އޮފީހަށް ރައްޔިތުންގެ އިތުބާރު އޮތް މިންވަރު ކަމަށެވެ.

    ޔާމީން ވިދާޅުވީ އެ އޮފީހަށް މައްސަލަތައް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 13 އޮގަސްޓް ކަމަށާއި, ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އައުމުން, މައްސަލަ ހުށަހެޅޭ މުއްދަތު އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށާއި މިހާރު އޮތް ގޮތުން މައްސަލަ ހުށަހެޅުމުގެ ފަހު ތާރީޚަކީ 13 އޮގަސްޓް ކަމަށެވެ.

    އޮމްބަޑްސްޕާސަން އޮފީހަކީ ވަގުތީ އޮފީހަކަށްވުމުން ޤާބިލް މުވައްޒަފުން ހޯދުމަށް ދަތިތަކާއި ކުރިމަތިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ އޮފީހުގެ މަސައްކަތްތައް ނިންމުމަށް ލާޒިމް ކުރަނީ ދެ އަހަރުން ކަމަށާއި އެ މުއްދަތުގެ ތެރޭގައި މައްސަލަތައް ނުނިމިއްޖެނަމަ އެ އޮފީސް ހިންގަމުންދާ މުއްދަތު ދިގުކުރުމުގެ ބާރު ރައީސްއަށް ލިބިވަޑައިގަންނަވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

    އެ އޮފީހުން ބުނީ މައްސަލަ ހުށަހެޅުމުގެ 70 ފޯމާއި ބަދަލު ހޯދުމަށް އެދި 54 ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މަދަނީ 107 މައްސަލައާ ޖިނާއީ 17 މައްސަލަ ހިމެނޭ ކަމަށެވެ.

    މައްސަލަ ހުށަހަޅާ މީހުންނަށް މައްސަލަ ލިބުނު ކަމުގެ ލިޔުން ހަވާލުކުރަމުންދާކަން ފާހަގަކުރައްވައި, އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަން އޮފީހުގެ ޕަބްލިކް ރިލޭޝަންސް އެގްޒެކްޓިވް ޢާއިޝަތު ފަތުޙީ ވިދާޅުވީ, 87 މީހަކަށް ލިޔުން ހަވާލުކޮށްފައިވާ ކަމަށާއި މައްސަލަ ރަޖިސްޓްރީ ކުރިކަމުގެ 39 ލިޔުން ހަވާލުކޮށްފައިވާ ކަމަށެވެ.

    އެ އޮފީހުން ބުނީ މައްސަލަތައް ބަލާއިރު އެއީ އޮފީހުގެ މެންޑޭޑްގެ ތެރޭގައި ހިމެނޭ މައްސަލައެއްތޯ ބަލާ ކަމަށާއި މައްސަލާގައި ހެކި ލިބިފައި ހުރި މިންވަރަށް ވެސް ބަލާ ކަމަށެވެ.

    އެ އޮފީހުން ކުރާ މަސައްކަތްތަކުގެ މައުލޫމާތު އަދިވެސް ވަރަށް ގިނަ މީހުންނަށް ނޭނގޭ ކަމަށާއި އެ މައުލޫމާތު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދީ، ރައްޔިތުންގެ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުތައް ހިންގަމުން އަންނަކަމަށް ވަނީ ބުނެފައެވެ.