އިމިގްރޭޝަންގެ ހުރިހާ ބޯޑަރ އޮފިސަރުން ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފި

Thu, 05 Aug 2021 09:55 PM

View on this article on Raajje.mv

އިމިގްރޭޝަންގެ ހުރިހާ ބޯޑަރ އޮފިސަރުން ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފި

  ރާއްޖޭގެ ބޯޑަރުގައި ހަރަކާތްތެރިވާ އިމިގްރޭޝަންގެ ހުރިހާ ބޯޑަރ އޮފިސަރުން ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފިއެވެ.

  އިމިގްރޭޝަނުން ބުނީ ރާއްޖޭގެ ހުރިހާ އިންޓަރނޭޝަލް އެއަރޕޯޓްތަކުގައި ހަރަކާތްތެރިވާ އިމިގްރޭޝަންގެ 121 އޮފިސަރުން ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށާއި މީގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މަސައްކަތް ކުރާ 108 އޮފިސަރުންނާއި, ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހަރަކާތްތެރިވާ އޮފިސަރުންވެސް ހިމެނޭ ކަމަށެވެ.

  އިމިގްރޭޝަންގެ ހުރިހާ ބޯޑަރ އޮފިސަރުން ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާއިރު, ސަރުކާރުގެ މުއައްސަސާތަކުގެ ހުރިހާ މުވައްޒަފުން ވެކްސިން ފުރިހަމަކުރުމަށް އެޗްޕީއޭއިން އެދިފައިވާތީ, ހުރިހާ މުވައްޒަފުންވެސް ވެކްސިންގެ ޑޯޒުތައް ފުރިހަމަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އިލްތިމާސް ކުރައްވާފައެވެ.

  ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި ވަނީ, މިހާތަނަށް ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަކޮށްފައިނުވާ މުވައްޒަފުން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި، އަދި ފުރިހަމަކުރަންޖެހޭ އިތުރު ޑޯޒް, އެ ޑޯޒެއް ފުރިހަމަކުރަންޖެހޭ މުއްދަތުގެ ތެރޭގައި ފުރިހަމަކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ކަމަށެވެ. އަދި، ވަގުތީގޮތުން ކުރިމަތިވެފައިވާ ހާލަތެއްގެ ސަބަބުން ވަކި މުއްދަތަކަށް ވެކްސިންޖެހުން ރައްކައުތެރިނޫންކަމަށް (ދިވެހިރާއްޖޭގައި ރަޖިސްޓަރީވެފައިވާ) މެޑިކަލް ޑޮކްޓަރަކު ލަފާ ދޭ މުވައްޒަފުން ވެސް، ލަފާދީފައިވާ މުއްދަތު ހަމަވުމުން ވެކްސިން ފުރިހަމަކުރުމަށް މި ދެންނެވުމުގައި ވެއެވެ.

  މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ އިދާރާތަކުގެ ވެރިން، އެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވެކްސިން ފުރިހަމަކުރުމަށް ބާރުއަޅުއްވައި، ވެކްސިން ފުރިހަމަކުރޭތޯ ބައްލަވައިދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ.

  އެޗްޕީއޭއިން އާންމުކުރި ސަރކިއުލާއެއްގައި ވަނީ ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ވެކްސިން ފުރިހަމަކުރުމުގެ ކެމްޕޭން މާލެ އާއި އަތޮޅުތެރޭގައި މިހާރު ފަށާފައިވާކަމަށެވެ. އަދި ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ވެކްސިން ފުރިހަމަކުރެވޭ ވަރަށް މިހާރު ވެކްސިން ލިބިފައިވާކަމަށާއި، މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފައި، ބަލިން ރައްކާތެރިވެ ތިބުމަށް ވީހާވެސް އަވަހަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުން މުހިންމު ކަމަށެވެ.

  އެހެންކަމުން ސަރުކާރުގެ އޮފީސްތަކާއި، ދައުލަތުގެ މުއައްސަސާތައް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަކީ ވެކްސިން ފުރިހަމަވެފައިވާ މީހުންކަން ޔަގީންކުރުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ. ވެކްސިން ޖެހުމުގައި ދަތިވާނަމަ އަދި އިތުރު އެހީ ބޭނުންވާނަމަ އެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ބުނެފައިވެއެވެ.

  މި ހިނގާ އޮގަސްޓު މަސް ނިމުމުގެ ކުރިން ރާއްޖޭގެ އާބާދީގެ 90 އިންސައްތަ މީހުންނަކީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންކަމުގައި ޔަގީންކުރުމަށް މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ވަނީ އަނެއްކާވެސް ވެކްސިން ކެމްޕޭނެއް ފަށާފައެވެ.

  ރާއްޖޭގެ އާބާދީގެ އެންމެންނަށް ވެކްސިން ޖެހޭ ވަރަށް ވެކްސިން ލިބިފައިވާކަމަށް ވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.