ފިނޭންސް މިނިސްޓަރ އަމީރު ރަސްމީ ދަތުރުފުޅެއްގައި ޔޫއޭއީއަށް

Thu, 05 Aug 2021 09:26 PM

View on this article on Raajje.mv

ފިނޭންސް މިނިސްޓަރ އަމީރު ރަސްމީ ދަތުރުފުޅެއްގައި ޔޫއޭއީއަށް

    ރަސްމީ ދަތުރުފުޅެއްގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ޔޫއޭއީއަށް ފުރާވަޑައިގެންފިއެވެ.

    މިނިސްޓަރުގެ މި ދަތުރުފުޅުގައި ތަރައްގީގެ ބައިވެރިންނާއި ބޭންކުތަކުގެ އިސްވެރިންނާއި އިންވެސްޓަރުންނާއި ބައްދަލުކުރައްވާނެއެވެ. ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ މެދުއިރުމަތީގެ އިންވެސްޓަރުންނާއި އޮންނަ ގުޅުން ބަދަހިކުރުމާއި އިގްތިސާދީ ގޮތުން ރާއްޖެއަށް ލިބިފައިވާ ކުރިއެރުމުގެ ވާހަކަ ކިޔައިދިނުމެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުއެވެ.

    ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ދައުލަތުގެ މުދަލެއް ރަހުނުކޮށްގެން މިހާތަނަށް ދަރަންޏެއް ނަގާފައި ނުވާނެ ކަމަށާއި ކުރިޔަށްއޮތް ތަނުގައިވެސް އެގޮތަށް ދަރަންޏެއް ނެގުމަށް މިނިސްޓަރް އަމީރު ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށެވެ.

    ކޮވިޑް-19ގެ ކުރިން ރާއްޖޭގެ އިގުތިސާދު އޮތް ހިސާބަށް އަލުން ގެންދިއުމަށް ކުރަންޖެހޭ ޚަރަދުތައް ކުރުމަކީ ސަރުކާރުން މިހާރު އިސްކަންދީގެން ކުރަމުން އަންނަ ކަމެއްކަމަށް ފިނޭންސް މިނިސްޓްރީން ދާދި ފަހުން ވަނީ ބުނެފައެވެ. ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ އާމްދަނީއަށް ވަރަށްބޮޑު ލޮޅުމެއް އައިސްފައިވާ ކަމަށާއި 2020 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދު 34 އިންސައްތަ ދަށަށް ދިޔަކަން މިނިސްޓަރ އަމީރު ވަނީ ފާހަގަކުރައްވާފައެވެ. އޭގެ ސަބަބުން ސަރުކާރުން އަންދާޒާކުރި އާމްދަނީ 15 ބިލިއަން ރުފިޔާއިން ދަށަށް ދިޔަކަމަށް ވިދާޅުވިއެވެ. އަދި 2021 ވަނަ އަހަރު ވެސް ދައުލަތުގެ އާމްދަނީއަށް ލޮޅުން އައިސްފައިވާ ކަމަށް ވިދާޅުވިއެވެ.