މިހާރު މަޑުކުރައްވަނީ މިނިމަމް ވޭޖް ބޯޑުގެ ލަފަޔަކަށް ކަމަށް މިނިސްޓަރ ފައްޔާޒު ވިދާޅުވެއްޖެ

Thu, 22 Jul 2021 08:00 AM

View on this article on Raajje.mv

މިހާރު މަޑުކުރައްވަނީ މިނިމަމް ވޭޖް ބޯޑުގެ ލަފަޔަކަށް ކަމަށް މިނިސްޓަރ ފައްޔާޒު ވިދާޅުވެއްޖެ

  ވަޒީފާ އަދާކުރާ ފަރާތްތަކަށް ދޭ، އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުމަށް މިހާރު މަޑުކުރައްވަނީ މިނިމަމް ވޭޖް ބޯޑުގެ ލަފަޔަކަށް ކަމަށް މިނިސްޓަރ ފައްޔާޒު ވިދާޅުވެއްޖެއެވެ.

  ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމަށް އެ ބޯޑުގެ ލަފަޔަށް މަޑުކުރައްވަމުންދާ ކަމަށާއި ވަރަށް އަވަހަށް އެ ބޯޑުން ލަފާ އަރުވާނެ ކަމަށް ޤަބޫލުކުރެއްވޭ ކަމަށެވެ.

  2021 ވަނަ އަހަރު ނިމުމުގެ ކުރިން އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައަޅަންވާނެ ކަމަށް ވަޒީފާއާ ބެހޭ ގާނޫނުން އިކޮނޮމިކް މިނިސްޓަރަށް ލާޒިމް ކުރެއެވެ. މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުން ވަނީ ވަޒީފާއާ ބެހޭ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައެވެ. އެއް އިސްލާހަކީ މިނިމަމް ވޭޖް ކަނޑައެޅުމެވެ. ގާނޫނު ބުނާގޮތުން ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުގައި އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ގާނޫނުގައި ބުނާ ގޮތުގެމަތިން މިނިސްޓަރު ކަނޑައަޅަންޖެހޭނެއެވެ. މިކަމާ ގުޅިގެން މިނިސްޓަރު ކުރާ ފުރަތަމަ އަމުރަށް 2021 ވަނަ އަހަރު ނިމުމުގެ ކުރިން ވަޒީފާދޭ ފަރާތްތަކުން އަމަލުކުރަންވާނެ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ. ވަޒީފާއާ ބެހޭ ގާނޫނުގައި ވަނީ 2021 ވަނަ އަހަރު ނިމުމުގެ ކުރިން 9 ސިނާއަތަކަށް އެންމެ ކުޑަ މުސާރަ ނުވަތަ މިނިމަމް ވޭޖު ކަނޑަޅުން ލާޒިމުވާނެ ގޮތަށެވެ.

  އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނެ ސިނާއަތްތަކަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތާއި ފަތުރުވެރިކަމުގެ ސިނާއަތާއި ކޮންސްޓްރަކްޝަން ސިނާއަތާއި ދަތުރުފަތުރުގެ ސިނާއަތާއި ސިއްހީ ޚިދުމަތުގެ ދާއިރާއާއި ތައުލީމީ ޚިދުމަތުގެ ދާއިރާގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އިންފޮމޭޝަން، ކޮމިއުނިކޭޝަން، ޓެކްނޮލޮޖީ އަދި މެރިޓައިމް ޝިޕިން ސިނާއަތެވެ.

  މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި މިނިސްޓަރަށް ލަފާ ދިނުމަށް 11 މެމްބަރުން އެކުލެވޭ ބޯޑެއް އޮވެއެވެ. ވަޒީފާއާ ބެހޭ ގާނޫނަށް މި އިސްލާހު ގެނައުމުގެ ކުރިން ސަރުކާރުން ވަނީ 4000 އާއި 8000 ރުފިޔާ އާ ދެމެދުގެ އަދަދެއް މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅާފައެވެ. އެކަމާ ގުޅިގެން ބޮޑެތި މަޝްވަރާތަކެއް ވެސް ކޮށްފައިވެއެވެ. މިނިމަމް ވޭޖް ބޯޑުގެ ލަފާގައި ވަނީ، އެންމެ ކުޑަ އުޖޫރައަކީ އަސާސީ މުސާރައިގެ ގޮތުގައި 6،400ރ. ކަނޑައެޅުމަށެވެ. އަދި ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންނާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް 6،400ރ.-8،600ރ. ދެމެދުގެ އަދަދެއް ކަނޑައެޅުމަށެވެ.  

  މިނިމަމްވޭޖް ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުފުޅެކެވެ.