ވަޒަންތަކެއް ފެނިގެން ހައްޔަރުކުރި ފަތުރުވެރިޔާ ޑީޕޯޓުކޮށްލައިފި

Thu, 22 Jul 2021 05:52 AM

View on this article on Raajje.mv

ވަޒަންތަކެއް ފެނިގެން ހައްޔަރުކުރި ފަތުރުވެރިޔާ ޑީޕޯޓުކޮށްލައިފި

    ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ށް ފުރަން ދިޔަ ފަތުރުވެރިއެއްގެ ދަބަހުން ވަޒަންތަކެއް ފެނިގެން ހައްޔަރުކުރި ފަތުރުވެރިޔާ ޑީޕޯޓުކޮށްލައިފިއެވެ.

    އިމިގްރޭޝަނުން ބުނީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަންއަށް ލިބިގެންވާ ބާރުގެ ދަށުން ދުވަހަކުވެސް ރާއްޖެ ނާދެވޭ ގޮތަށް އެ މީހާ މި މަހުގެ 20ވީ އަންގާރަ ދުވަހު ޑީޕޯޓްކޮށްލާފައިވާ ކަމަށެވެ. ޑީޕޯޓްކޮށްލީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަހަލަ ކަމަކަށްވާތީ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

    އޭނާގެ ބަންދަށް އެންމެ ފުރަތަމަ ތިން ދުވަސް ޖަހާފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އަދި އޭނާގެ ބަންދަށް އޭރު ދިން މުއްދަތު ހަމަވެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިތުރު ހަތަރު ދުވަސް ޖަހައިދީފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ.

    ފުލުހުން ބުނެފައިވަނީ ވަޒަންތައް ފެނިފައިވަނީ ނެމީބިއާގެ 60 އަހަރުގެ ފަތުރުވެރިއެއްގެ ދަބަހުން ކަމަށެވެ. ނެމީބިޔާއަކީ އެފްރިކާގެ ހުޅަނގު ދެކުނު ބިތުގައިވާ ގައުމެކެވެ. އެ މައްސަލަ ފުލުހުންނަށް ލިބިފައި ވަނީ މި މަހުގެ 10ވީ ހޮނިހިރު ދުވަހުގެ ހެނދުނު 9:52 ހާއިރުއެވެ.

    މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާއިރު، އިތުރު ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

    ރާއްޖޭގައި އާންމުން މިގޮތަށް ވަޒަން ފަދަ ތަކެތި ގެންގުޅުމަކީ ގާނޫނާ ޚިލާފު ކަމެކެވެ. އަދި އެފަދަ ތަކެތި ރާއްޖެ އެތެރެކުރުމަކީ ވެސް މަނާ ކަންކަމެވެ.