ދިވެހިންނާއި ވޯކްޕާމިޓް ހޯލްޑަރުންނަށް ޕީސީއާރް ނެގެޓިވް ނަތީޖާއާއެކު ރާއްޖެ އާދެވޭނެ

Thu, 22 Jul 2021 06:02 AM

View on this article on Raajje.mv

ދިވެހިންނާއި ވޯކްޕާމިޓް ހޯލްޑަރުންނަށް ޕީސީއާރް ނެގެޓިވް ނަތީޖާއާއެކު ރާއްޖެ އާދެވޭނެ

  ދިވެހިންނާއި ވޯކްޕާމިޓް ހޯލްޑަރުންނަށް ޕީސީއާރް ނެގެޓިވް ނަތީޖާއާއެކު ރާއްޖެ އާދެވޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

  ދިވެހިންނާއި ވޯކް ޕަރމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުމާ ގުޅޭގޮތުން އެޗްޕީއޭއިން ބުނީ ޖުލައި 26 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވޯކް ޕަރމިޓް ހޯލްޑަރުން ރާއްޖެއަށް އެތެރެވާއިރު 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ނަތީޖާއެއް އޮންނަން ޖެހޭ ކަމަށެވެ.

  އެޗްޕީއޭއިން ބުނީ ރާއްޖޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވެ ބަލިން ފަސޭހަވެފައިވާ ފަރާތްތަކުގެ ތެރެއިން ޕޮޒިޓިވްވި ސާމްޕަލް ނެގި ތާރީޚުން ފެށިގެން 60 ( ފަސްދޮޅަސް) ދުވަސް ނުވާ ފަރާތްތަކާއި ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)އިން އިމަރޖެންސީ ޔޫސްއަށް ލިސްޓްކޮށްފައިވާ ކޮވިޑް-19ގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް، (ރާއްޖެއަންނަ ދުވަހާ ހަމައަށް) 14 ދުވަސް ވެފައިވާ ފަރާތްތައް ކަރަންޓީނު ވާން ނުޖެހޭނެ ކަމަށެވެ. އަދި މި ފަރާތްތަކާއެކުގައި ދަތުރުކުރާ، ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ވެސް ކަރަންޓީނުވާކަށް ނުޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

  ނަމަވެސް ކޮވިޑް-19 ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސް ވެފައިވާ ފަރާތްތަކާއި، އެކުގައި ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ރާއްޖެ އެތެރެވާތާ 5 ނުވަތަ 7 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހަދަން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އެ ހާލަތްތަކަށް ނުފެތޭ ފަރާތްތައް ރާއްޖެ އެތެރެވުމަށްފަހު 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭ ކަމަށާއި، މި ފަރާތްތައް ކަރަންޓީނުން ދޫކޮށްލެވޭނީ ޕީސީއާރު ޓެސްޓު ހަދައި ނަތީޖާ ނެގެޓިވް ވުމުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

  މީގެ އިތުރުން އެޗްޕީއޭއިން ބުނީ ދަތުރުކުރާ ފަރާތްތައް ދަތުރުކުރަންވާނީ ހާލުބެލުމުގެ ޕޯޓަލްއިން ދަތުރުކުރުމުގެ ހުއްދަ ދުރާލައި ހޯދައިގެން ކަމަށެވެ.

  ކުރިއަށް އޮތްތަނުގައި ބަލީގެ ހާލަތު އޮތްގޮތަށް ބަލައި އުސޫލަށް ބަދަލުކުރެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.