މީހުން ދިރިއުޅޭ ރަށްރަށަށް ފަތުރުވެރިން ދިއުމުގައި އަމަލުކުރަން ޖެހޭ އުސޫލަށް ބަދަލުތަކެއް

Thu, 22 Jul 2021 05:58 AM

View on this article on Raajje.mv

މީހުން ދިރިއުޅޭ ރަށްރަށަށް ފަތުރުވެރިން ދިއުމުގައި އަމަލުކުރަން ޖެހޭ އުސޫލަށް ބަދަލުތަކެއް

  ޖުލައި 26 ވަނަ ދުވަހުން ފެށިގެން ގެސްޓްހައުސް ހުންނަ ރަށްރަށުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގާފައިވާ ގޮތަށް ކޮވިޑް-19ގެ ވެކްސިންގެ ޑޯޒު ފުރިހަމަވެފައިވާނަމަ، ވެކްސިންގެ ޑޯޒުތައް ފުރިހަމަނުވާ ފަތުރުވެރިންނަށް އެރަށަކަށް ދަތުރުކުރެވޭނެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

  2021 ޖުލައި 26 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިން، މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކް އިން ވުމާ ގުޅޭގޮތުން އެޗްޕީއޭއިން ބުނީ ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)އިން އިމަރޖެންސީ ޔޫސްއަށް ލިސްޓްކޮށްފައިވާ ކޮވިޑް-19 ގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސް ވެފައިނުވާ ނަމަ، މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކް-އިން ނުވެވޭނެ ކަމަށެވެ. އަދި ގެސްޓްހައުސްތަކަށް ޗެކް-އިން ކުރާ، ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަތުރުވެރިންނާއެކު ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިންނަށް ޗެކް-އިން ވެވޭނެ ކަމަށެވެ.

  އެޗްޕީއޭއިން ބުނީ ރާއްޖެއަށް އެތެރެވާއިރު 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ނަތީޖާއެއް އޮންނަން ޖެހޭ ކަމަށާއި، މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓްހައުސްތަކުން ފަތުރުވެރިން ޗެކް-އައުޓް ވާއިރު ނެގެޓިވް ޕީސީއާރު ނަތީޖާއެއް އޮންނަން ޖެހޭ ކަމަށެވެ.

  ގެސްޓްހައުސް ހުންނަ ރަށުގައި އެޗްޕީއޭއިން އަންގާފައިވާ ގޮތަށް ވެކްސިންގެ ޑޯޒުތައް ފުރިހަމަވުމުން، ކޮވިޑް-19ގެ ވެކްސިންގެ ޑޯޒުތައް ފުރިހަމަނުވާ ފަތުރުވެރިންނަށް ގެސްޓްހައުސްތަކަށް ޗެކް-އިން ވުމަށް ހުޅުވާލާފައިވާކަން ފާހަގަކޮށް އެ އޭޖެންސީން ބުނީ ރަށުގައި ދިރިއުޅޭ އާބާދީގެ 60 އިންސައްތައަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައިވުމާއި، ރަށުގައި ފަތުރުވެރިންނަށް ޚިދުމަތްދިނުމުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް ހިމެނޭގޮތަށް 95 އިންސައްތަ މީހުންނަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައިވާނަމަ އެފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިން ޑޯޒްތައް ފުރިހަމަވާން ޖެހޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

  އެޗްޕީއޭއިން ބުނީ ވެކްސިން ޑޯޒް ފުރިހަމަވެފައިވާ ކަމަށް ބަލާނީ ވެކްސިން ޖަހަންޖެހޭ ޑޯޒްތައް ފުރިހަމަ ވުމަށްފަހު 14 ދުވަސް ވުމުން ކަމަށެވެ.

  ފަތުރުވެރިން ރާއްޖެއަށް ދަތުރުކުރާ ގައުމުތަކުގައި ބަލީގެ ހާލަތު އޮތްގޮތަށް ބަލައި މީހުން ދިރިއުޅޭ ރަށްރަށަށް ފަތުރުވެރިން ޗެކް-އިން ކުރުމުގައި އަމަލުކުރުމަށް ބަދަލުގެނެވޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.