ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް މަހާޒު

Tue, 23 Feb 2021 01:45 PM

View on this article on Sun Online

ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް މަހާޒު

ޖުޑީޝަލް ސަވިސް ކޮމިޝަން (ޖޭއެސްސީ)ގެ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ސުޕްރީމް ކޯޓުގެ ފަރާތުން ފަނޑިޔާރު މަހާޒު އަލީ ޒާހިރު ހަމަޖައްސައިފި އެވެ.

ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަކީ ފަނޑިޔާރަކާ ގުޅޭ ޝަކުވާއެއް ބަލައި، ޖޭއެސްސީއިން ނިންމާ ނިންމުންތަކުގެ ތެރެއިން ފަނޑިޔާރަކު މަގާމުން ވަކިކުރަން ރައްޔިތުން މަޖިލީހަށް ހުށަހެޅުމަށް ނިންމާ ނިންމުންތައް ފިޔަވައި، އެނޫން ނިންމުންތައް އިސްތިއުނާފު ކުރުމަށްޓަކައި އުފެއްދި މަޖިލީހެކެވެ. އެ މަޖިލީހަށް ކޮންމެ އަހަރަކު ބޭފުޅުން އައްޔަން ކުރަން ޖެހެ އެވެ.

އެ މަޖިލިސް އެކުލެވިގެން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަފަނޑިޔާރާއި، ޖޭއެސްސީގައި ހިމެނޭ އެ ކޯޓުގެ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކާއި، ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި ހިމެނޭ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކާއި، އަދި ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި ނުހިމެނޭ ފަނޑިޔާރެއް ހިމެނޭ ގޮތަށް ތިން ފަނޑިޔާރުގެ މައްޗަށެވެ.

މިއަދު ސުޕްރީމް ކޯޓުން ބުނެފައި ވަނީ އެ ކޯޓުގެ ފަރާތުން ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ފަނޑިޔާރު މަހާޒު ހަމަޖައްސާފައިވާ ކަމަށެވެ.

އެންމެ ފަހުން ސުޕްރީމް ކޯޓުގެ ފަރާތުން ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ހަމަޖައްސާފައިވަނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އެވެ.

މިދިޔަ ހަފްތާގައި ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ހަސަން ޝަފީއުވެސް ވަނީ އެ މަޖިލީހަށް ހަމަޖައްސައިފަ އެވެ.

ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލިސް އުފެއްދީ ޖޭއެސްސީގެ ގާނޫނަށް ގެނައި ދެވަނަ އިސްލާހުގެ ދަށުންނެވެ.