ފައިޒާ ވެކްސިން ކޮވިޑްގެ ވޭރިއެންޓްތަކާ ދެކޮޅަށް ވެސް ރަނގަޅު

Fri, 08 Jan 2021 05:07 PM

View on this article on Mihaaru

ފައިޒާ ވެކްސިން ކޮވިޑްގެ ވޭރިއެންޓްތަކާ ދެކޮޅަށް ވެސް ރަނގަޅު

ކޮވިޑް-19ގެ ވައިރަސް މިއުޓޭޓްވެ އުފެދިފައިވާ ވޭރިއެންޓްތަކުގެ ތެރެއިން ބައެއް ގައުމުތަކުގައި ފެތުރެމުންދާ ދެ ވޭރިއަންޓާ ދެކޮޅަށް ވެސް، ފައިޒާ ވެކްސިން ކާމިޔާބުކަމާ އެކު ބޭނުންކުރެވޭކަމަށް ދިރާސާއަކުން ދައްކައިފި އެވެ.


އިނގިރޭސިވިލާތުން ފެނުނު ވޭރިއަންޓަކާއި ދެކުނު އެފްރިކާއިން ފެނުނު ވޭރިއަންޓަށް ސައިންސްވެރިން ދީފައިވާ ނަމަކީ "އެން 501 ވައި" އެވެ. ސައިންސްވެރިން މިހާތަނަށް ކަންބޮޑުވަމުން ދިޔައީ ކޮވިޑަށް އުފައްދާފައިވާ ވެކްސިން ބޭނުންކޮށްގެން ދިފާއު ނުވެވޭ ފަދަ ގޮތަކަށް ވައިރަސް މިއުޓޭޓް ވެފައި ވެދާނެތީ އެވެ.

ފައިޒާގެ ވެކްސިން ވޭރިއަންޓްތަކާ ދެކޮޅަށް މަސަައްކަތްކުރޭތޯ ބަލަން ކުރި ދިރާސާގައި ކުރި ކަަމަކީ ލެބޯޓްރީގައި ވައިރަހަށް އެ ބަދަލު ގެނައުމެވެ. އެއަށް ފަހު ފައިޒާ ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހެއްގެ ގައިން ނަގާފައިވާ ލޭގެ ތެރެއަށް، ބަދަލު ގެނައި ވައިރަސް ދޫކޮށްްލި އެވެ. އެ ދިރާސާގެ ރިޕޯޓް މިދިޔަ ބުރާސްފަތިދުވަހު އާއްމުކުރި އިރު އޭގައި ބުނެފައިވާ ގޮތުގައި ވެކްސިން ދީފައިވާ ލޭގެ ތެރެއަަށް، ބަދަލު ގެެނެސްފައިވާ ވައިރަސް ދޫކުރުމަކުން ވެކްސިންގެ ބާރަކަށް ބަދަލެއް ނާދެ އެވެ.

ނަމަވެސް، ފައިޒާ އާއި ޔުނިވާސިޓީ އޮފް ޓެކްސަސްގެ މެޑިކަލް ބްރާންޗްގެ ރިސާޗަރުން ކުރި މި ދިރާސާގައި ފުރިހަމައަށް މިއުޓޭޓްވެފައިވާ ވައިރަހެއް ބޭނުމެއް ނުކުރެ އެވެ.

މިދިޔަ މަހު ފައިޒާ އިން ބުނީ ކޮވިޑްގެ މިއުޓޭޓްވެފައިވާ ވޭރިއެންޓްތައް ޓެސްޓްކުރަމުން، ވެކްސިންގެ ކަވަރޭޖްގެ ތެރޭގައި ހިމަނަމުން އަންނަ ކަމަށެެވެ.

"ވެކްސިން ކަވަރޭޖަށްޓަކައި، [ވައިރަހަށް އަންނަ] ފާހަގަކޮށްލެވޭ ބަދަލުތައް މޮނިޓާކުރަމުން ދާން ޖެހޭނެ،" ރިސާޗަރުންގެ ބަޔާނެއްގައި ބުންޏެވެ.

ފައިޒާގެ ވެކްސިން އެމެރިކާ އާއި އިނގިރޭސިވިލާތުގައި ވަނީ ދޭން ފަށައިފަ އެވެ. ބައެއް އެހެން ގައުމުތަކުގައި ވެސް އެ ވެކްސިނަށް ހުއްދަ ދީ އާންމުންނަށް ވެކްސިން ޖެހުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.