ބޭރުގެ ގައުމެއްގެ ސިފައިން މިހާރު ރާއްޖޭގައި ނުތިބޭނެ: ރައީސް

Sat, 27 Jul 2024 11:20 AM

View on this article on Thiladhun

ބޭރުގެ ގައުމެއްގެ ސިފައިން މިހާރު ރާއްޖޭގައި ނުތިބޭނެ: ރައީސް

ރާއްޖޭގެ ދިފާއީ ސިޔާދަތު ކަށަވަރު ކުރުމަށް ކުރެވުނު ފުރަތަމަ މަސައްކަތަކީ ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލުންކަމަށާއި، ޔުނިފޯމް އަޅައިގެން އަދި ޔުނިފޯމު ނާޅާވިޔަސް ބޭރުގެ ގައުމެއްގެ ސިފައިނެއް މިހާރު ރާއްޖޭގައި ނުތިބޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.



ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ރޭ މާލޭގެ ސޯސަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ރާއްޖޭގެ ދިފާއީ ސިޔާދަތު ކަށަވަރުކުރުމުގެ ގޮތުން ކުރެވުނު ފުރަތަމަ މަސައްކަތަކީ ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ރާއްޖެއިން ގެންދިއުން ކަމަށެވެ. އަދި އިންޑިއާއާއެކު އޮތް ގާތްގުޅުމުގެ ތެރެއިން އެކަން މިހާރު ހާޞިލުކުރެވިފައިވާކަމަށް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ، ޔުނިފޯމް އަޅައިގެން އަދި ޔުނިފޯމު ނާޅާވިޔަސް ބޭރުގެ ގައުމެއްގެ ސިފައިން މިހާރު ރާއްޖޭގައި ނުތިބޭނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

ރައީސް ވިދާޅުވިގޮތުގައި އިންޑިޔާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދީފައިވާ ޕްލެޓްފޯމުތަކުގައި ތިބި މިލިޓަރީ މީހުން މިހާރު ވަނީ ގެންގޮސްފައެވެ. އަދި މަދަނީ މީހުން ބޭނުންކޮށްގެން މިހާރު އެ ޕްލެޓްފޯމުތައް ބޭނުންކުރަން ފަށާފައިވާކަމަށް ވިދާޅުވިއެވެ. މިގޮތަށް މަދަނީ މީހުން ބޭނުންކޮށްގެން އޮޕަރޭޓްކުރަން ފެށިފަހުން ބަލިމީހަކު ގޮވައިގެން ހަނިމާދޫން މާލެއަށް ފުރަތަމަ ފްލައިޓް ރޭ ދަތުރުކޮށްފައިވާކަމުގައި ވެސް ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުގެ ބިޔަ ސަރަހައްދު ރާއްޖެއަށް ނުބެލެހެއްޓޭނަމަ ދިފާއީ ސިޔާދަތު ޔަޤީންނުވާނެ ކަމަށާއި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޔޫ.އޭ.ވީގެ އެހީގައި މިހާރު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް 24 ގަޑިއިރު ކުރެވެމުންނަކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރަށްވާފައެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމުގެ ރަތްރޮނގު، ފަވާލެވިފައިވާ ރަތްރޮނގެއްގެ ގޮތުގައި ތާއަބަދަށް ދަމަހައްޓައި ޤައުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަކީ ފަޚުރެއްގެ ގޮތުގައި އެމަނިކުފާނު ދެކިވަޑައިގަންނަވާކަމުގައެވެ.

The post ބޭރުގެ ގައުމެއްގެ ސިފައިން މިހާރު ރާއްޖޭގައި ނުތިބޭނެ: ރައީސް first appeared on Thiladhun.



More from Thiladhun