އިމަގުން އިހަވަންދޫގައި ތަރައްގީކުރި ޒަމާނީ ވޮލީ ކޯޓް ހުޅުވައިފި

Sat, 27 Jul 2024 11:06 AM

View on this article on Thiladhun

އިމަގުން އިހަވަންދޫގައި ތަރައްގީކުރި ޒަމާނީ ވޮލީ ކޯޓް ހުޅުވައިފި

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) އިން އެ ރަށުގައި ތަރައްގީކުރި ޒަމާނީ ވޮލީ ކޯޓް ރަސްމީކޮށް ހުޅުވައި ބޭނުން ކުރަން ފަށައިފިއެވެ.



މި ކޯޓް ރަސްމީކޮށް ހުޅުވުމަށް ބުރާސްފަތި ދުވަހުގެ ރޭ އެ ކޯޓުގައި ވަނީ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މިގޮތުން އަންހެން ވޮލީ މެޗެއް ވަނީ ކުޅެފައެވެ. މި މެޗުގައި ބައްދަލުކުރީ މޮޅަދޫ އަންހެން ވޮލީ ޓީމާއި އިމަގު އަންހެން ވޮލީ ޓީމެވެ.

މި ކޯޓް ތަރައްގީ ކުރުމަށް އެ ޖަމިއްޔާއިން ނިންމައި އެކަން އިއުލާން ކޮށްފައި ވަނީ، އެ ޖަމިއްޔާއަށް 25 އަހަރު ފުރުނު މުނާސަބާއާއި ގުޅުވައިގެން 2021 ވަނަ އަހަރުއެވެ.

ވޮލީ ކޯޓް ނިންމައި ބޭނުން ކުރަން ފެށުމުގެ އުފަލާއި، އެ ޖަމިއްޔާއަށް 28 އަހަރު ފުރުމުގެ މުނާސަބާއާއި މިނިވަން ދުވަހުގެ މުނާސަބާއާއި ގުޅުވައިގެން އިމަގުން އަންނަނީ ހަރަކާތްތަކެއް ހިންގަމުންނެވެ.

މިގޮތުން ހުކުރު ދުވަހު ހަވީރު ވަނީ ކުޑަކުދިންގެ ހަވީރެއް ބާއްވާފައެވެ. އަދި އެ ރޭ ޝޯއެއް ވަނީ ބާއްވާފައެވެ. ހޮނިހިރު ދުވަހު ހަވީރު ބޮޑެތި މީހުންނަށް ހާއްސަ ހަރަކާތެއް ބޭއްވުމަށް ނިންމާފައިވާއިރު އެ ރޭ ފުޅަނދު ބުރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިމަގުން ތަރައްގީ ކޮށްފައިވާ މި ކޯޓް ހެދުމަށް ބޭނުންވާ ތަކެތި ހޯދާފައި ވަނީ ހެޔޮ އެދޭ ފަރާތްތަކުގެ އެހީތެރިކަމާއި އެކުއެވެ. މި މަސައްކަތުގައި އަމަލީގޮތުން ހަރަކާތްތެރުވީ އިމަގުގެ މެމްބަރުންގެ އިތުރުން ހެޔޮއެދޭ ފަރާތްތަކެވެ.

މި ޕްރޮޖެކްޓަށް އެހީތެރިވެދެއްވި ހއ.އަތޮޅު ކައުންސިލާއި، އިހަވަންދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިތުރުން ރާއްޖޭގެ ސްޕޯޓްސް މިނިސްޓްރީން ވެދެއްވި އެހީތެރިކަން ފާހަގަކޮށް އިމަގުން ޝުކުރު އަދާކުރެއެވެ.

އިމަގު ޖަމިއްޔާއަކީ އިހަވަންދުގެ ކުރިއެރުމަށް މަސައްކަތް ކުރަމުން އަންނަ ފާހަގަ ކޮށްލެވޭ ޖަމިއްޔާއެކެވެ. އިހަވަންދޫ ސްކޫލުގައި އައުޓްޑޯ ލައިބްރަރީއެއް ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ވެސް އެ ޖަމިއްޔާއިން އަންނަނީ ކުރަމުންނެވެ. މީގެއިތުތުން އެ ރަށުގައި މައިޒާން ތަރައްގީ ކުރުމުގެ މަސައްކަތަށް އެ ޖަމިއްޔާއިން އަންނަނީ ތައްޔާރުވަމުންނެވެ.

The post އިމަގުން އިހަވަންދޫގައި ތަރައްގީކުރި ޒަމާނީ ވޮލީ ކޯޓް ހުޅުވައިފި first appeared on Thiladhun.



More from Thiladhun