އިހަވަންދޫގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ވެމްކޯއާއި ހަވާލުކުރަން ނިންމައިފި

Mon, 06 May 2024 06:55 PM

View on this article on Thiladhun

އިހަވަންދޫގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ވެމްކޯއާއި ހަވާލުކުރަން ނިންމައިފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ހަވާލު ކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.



ކައުންސިލުން ނިންމާފައިވަނީ އެ ރަށުގެ މަގުތަކާއި ޕާކުތަކާއި އާންމުތަންތަން ކުނިކަހައި ސާފުކޮށް، ކުނިނެގުމާއި ކުނި މެނޭޖްކުރުމުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް، މަހަކަށް 100000 (އެއްލައްކަ) ރުފިޔާގެ ގްރާންޓަކާއިއެކު ވެމްކޯއާއި އެ މަސައްކަތް ހަވާލުކުރުމަށެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ބުނީ ގާނޫނީގޮތުން ރަށްރަށުގެ ކުނި މެނޭޖްކޮށް ބެލެހެއްޓަން މަތިކޮށްފައިވާ ފަރާތަކީ ކައުންސިލް ކަމަށާއި، މިވަގުތު ގޭބިސީތަކުން ކުނިނަގައި ކުނިކޮށްޓައް ގެންގޮސް ރަށުގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ކައުންސިލުން ކަމަށެވެ.

ސޮބާހް އިތުރަށް ބުނީ މިހާރު ބޭނުން ކުރަމުން އަންނަ ކުނިކޮށި އޮތްތަނުގެ ގޮތުން އަންދައިގެން ކުނި ނައްތާލުމަކީ ކުރެވޭ ކަމަކަށް ނުވާތީ، ކުނިކޮށި މިހާރު ފުރިފައިވާ ކަމަށެވެ. ވެމްކޯއިން އެތަން ހުސްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ކުނިކޮށި އެހެން ތަނަކަށް ބަދަލު ކުރުމަށް ބޭނުންވާތީ އައު ކުނިކޮށްޓެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް މިހާރު ކައުންސިލުން ވަނީ އިއުލާން ވެސް ކޮށްފައެވެ.

ސޮބާހް އިތުރަށް ބުނީ ވެމްކޯއިން މިހާރު ވަގުތީ އޮފީހެއް އެ ރަށުގައި ގާއިމްކޮށް މަސައްކަތް ފަށާފައިވާ ކަމަށާއި، މިހާރު އެތަނަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ވެމްކޯއިން މަސައްކަތް ފަށައިގަތުމާއިއެކު އެ ރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރާ ކަމށެވެ.

ހަތަރު ހާހެއްހާ މީހުންގެ އާބާދީއެއް އޮތް އިހަވަންދޫއަކީ އެ އަތޮޅުގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށެވެ.

The post އިހަވަންދޫގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ވެމްކޯއާއި ހަވާލުކުރަން ނިންމައިފި first appeared on Thiladhun.



More from Thiladhun