އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ އަމަލުތައް ވަގުތުން ހުއްޓުވައި ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމު ކުރަން ޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ 15 ވަނަ ސަމިޓްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ގޮތުން ވާހަކަ ދައްކަވަމުން ޝަހީމް ވަނީ އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ކުރަން ގޮވާލައްވައިފައެވެ. އަދި ބައިނަލްއަގުވާމީ ކޯޓުގައި އިސްރާއީލާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައަށް ރާއްޖެއިން ތާއީދުކޮށް އިސްރާއީލްއާ ދެކޮޅަށް ވަކާލާތު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބަލާލި ކޮންމެ ދިމާއަކުން ވެސް ފެންނަނީ ފަލަސްތީނަށް ތާއީދުކޮށް ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އެތައް ހާސް ބަޔަކު އެއްވެ އުޅޭ ތަން. ފަލަސްތީނުގެ ރައްޔިތުން ދައްކަމުން އަންނަ ހިތްވަރު އިސްރާއީލަށް ބަލިކޮށް ނުލެވުނު." ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ އިތުރަށް މަސައްކަތްކޮށްގެން އިސްރާއީލްގެ އަމަލުތަކަށް ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށެވެ.
"ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ ހިތާމަތައް ނިމުމަކަށް ގެންނަން ޖެހޭ. އަދި ހަމަނުޖެހުންތައް ތަޖުރިބާކޮށްފައިވާ ސަރަހައްދަކަށް ހަމަޖެހުން ގެންނަން ޖެހޭ. މި ހަނގުރާމަ މިހާރު ނިމުމަކަށް ގެންނަން އެބަޖެހޭ،" ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވި ގޮތުގައި ދިވެހި ސަރުކާރުން އެންމެ އިސްކަމެއް ދެނީ އިސްލާމީ ދުނިޔެއާ ހަރުދަނާ ގުޅުމެއް ގާއިމު ކުރާށެވެ. އަދި އިސްލާމް ދީނުގެ ހަމަތަކާއި އެއްގޮތަށް ގައުމީ ފެންވަރުގައި އަދި ބައިނަލްއަގުވާމީ ފެންވަރުގައި ކަންކަން ގެންދިއުމަށް ބާރު އަޅަން ބޭނުންވާ ކަމުގައި ވިދާޅުވިއެވެ.
ފަލަސްތީނުގެ މިނިވަން ދައުލަތް ގާއިމުވަންދެން ހުއްޓުމެއް ނެތި މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ފަލަސްތީނަށް އދ. ގެ ފުރިހަމަ މެމްބަރުކަން ދިނުމަށް ރާއްޖެ އިން ދެމި އޮންނާނެ ކަމަށެވެ. ފަލަސްތީނަށް އދ. ގެ ފުރިހަމަ މެމްބަރުކަން ލިބުމަކީ މި ސަރަހައްދުގައި ދެމެހެއްޓެނިވި ސުލްހައެއް ގާއިމު ކުރުމުގެ ފެށުން ކަމަށް އޭނާ ވިދާޅުވިއެވެ.
މި ތަގުރީގުގައި ޝަހީމް ވަނީ މިޔަންމާގެ މުސްލިމުންގެ ދިފާއުގައި އިސްލާމީ އުންމަތުން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. މިޔަންމާގެ ރޮހިންޖާ މުސްލިމުންނަށް ލިބެމުންދާ އަނިޔާ އާއި ތަފާތު ކުރުން އިތުރުވަމުންދާ ކަމަށާއި ދާދި ފަހުން ދިން ވައިގެ ހަމަލާތައް ހިމެނޭ ގޮތަށް މިހާރު ހިނގަމުންދާ ބިރުވެރި ޖަރީމާތަކުގެ ސަބަބުން އެތައް ހާސް ބަޔަކު މަރުވެ، ޒަހަމްވެ، ގެދޮރު ގެއްލިފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ރޮހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް ހުއްޓުވުމަށް މިޔަންމާ ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
The post އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ އަމަލުތައް ވަގުތުން ހުއްޓުވަން ޖެހޭ: ޝަހީމް first appeared on Thiladhun.