ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުން ބަލިވި ސަބަބު އެމްޑީޕީން ހޯދަނީ

Thu, 02 May 2024 08:21 PM

View on this article on Thiladhun

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުން ބަލިވި ސަބަބު އެމްޑީޕީން ހޯދަނީ

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާއި މިދިޔަ މަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީ އަށް ނާކާމިޔާބީ އާ ކުރިމަތިލާން ޖެހުނު ސަބަބުން ބަލައި އެކަންކަން ހަރުދަނާ ކުރުމަށް އެ ޕާޓީގެ ގައުމީ މަޖިލިހުން ރޭ ފާސްކޮށްފިއެވެ.



މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ވާދަކުރައްވައި އެ އިންތިހާބުގައި ރައީސް ސޯލިހަށް ވަނީ ބޮޑު ނާކާމިޔާބީއެއް ކުރިމަތިވެވަޑައިގެންފައެވެ. އެ ނާކާމިޔާބީއާ އެކުގައި ދެން އެމްޑީޕީން ކުރިމަތިލީ މަޖިލިހުގެ އިންތިހާބުގައެވެ. އެ އިންތިހާބުގައި 93 ދާއިރާ ގޮނޑީގެ ތެރެއިން އެމްޑީޕީ އަށް ނެގުނީ އެންމެ 12 ދާއިރާގެ ގޮނޑިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ދެ އިންތިހާބުން ވެސް އެމްޑީޕީ އަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ބަލިބި ސަބަބު ދަނެގަނެ، މަގު ޗާޓެއް އެކުލަވާލަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ނާކާމިޔާބުވީ އިންތިހާބުގެ ކެމްޕެއިން ހިންގި ގޮތުންތޯ، ލީޑަޝިޕްގެ މައްސަލައެއްތޯ ނުވަތަ ރާއްޖޭގެ ސިޔާސީ މާހައުލަށް މިވަގުތު އައިސްފައިވާ ބަދަލަކުންތޯ ބަލަން ބޭނުންވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެމްޑީޕީގެ ކުރިމަގު ދެން ބައްޓަން ކުރާނީ ދެ އިންތިހާބުން ބަލިވި ސަބަބު ދެނެގަތުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ހުރިހާ ކަމެއް ދެނެގަތުމަށް ފަހު އަޅުގަނޑުމެން ކުރިއަށް ގެންދާނީ،" ފައްޔާޒު ވިދާޅުވިއެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލިހުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އިން އެކަނި 66 ގޮނޑި ނެގިއިރު، ކުރިން ޕީއެންސީގައި ތިބެފައި އަމިއްލަ ގޮތުން ވާދަކުރެއްވި ބައެއް ކެންޑިޑޭޓުންނާއި ޕީއެންސީން ތާއީދުކުރި ކެންޑިޑޭޓުންނާ އެކު ޕީއެންސީން ވަނީ 77 ގޮނޑި ކަށަވަަރުކޮށް މަޖިލިހުގެ ސުޕާ މެޖޯރިޓީ ހޯދައިފައެވެ.

ދެ އިންތިހާބުން ބަލިވުމާ ގުޅިގެން އެމްޑީޕީގެ ލީޑަޝިޕްގެ އިސްތިއުފާ އަށް ގޮވާލުމުގެ އަޑުތައް ގަދަވެފައިވާތީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފައްޔާޒް ވިދާޅުވީ އިސްތިއުފާ ދިނުމުގެ އެއްވެސް ވިސްނުމެއް ލީޑަޝިޕްގެ ބޭފުޅުން ނުގެންގުޅުއްވާ ކަމަށެވެ. އަދި ލީޑަޝިޕްގެ އިސްތިއުފާ އަށް ވަކާލާތު ކުރަނީ އެމްޑީޕީގެ މެމްބަރުންގެ ނޫން ކަމަށާއި އެކަމަށް ގޮވާލަނީ އެމްޑީޕީއާ ވާދަވެރި ފަރާތްތަކުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވިސްނުމުގައެއް އެއްވެސް ގޮތަކަށް ނެތް ޕާޓީގެ އެއްވެސް މަގާމެއްގައި ތިބި އެއްވެސް ބޭފުޅަކު މި ވަގުތު އިސްތިއުފާ ދިނުމެއް، އެއީ އަޅުގަނޑުމެން ގަބޫލުކުރާ ކަމެއް ވެސް ނޫން،" ފައްޔާޒު ވިދާޅުވިއެވެ.

 

The post ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުން ބަލިވި ސަބަބު އެމްޑީޕީން ހޯދަނީ first appeared on Thiladhun.



More from Thiladhun