ނޮޅިވަރަންފަރާއި އެއްވަރުވެ ހަނިމާދޫގެ އަމިއްލަ ބާރު ގެއްލިއްޖެ

Thu, 08 Jun 2023 10:41 PM

View on this article on Thiladhun

ނޮޅިވަރަންފަރާއި އެއްވަރުވެ ހަނިމާދޫގެ އަމިއްލަ ބާރު ގެއްލިއްޖެ

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023" ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި މިއަދު ހަވީރު ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބާއި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ބައްދަލުކުރި މެޗު އެއްވަރުވެ، މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދުމުގެ އަމިއްލަ ބާރު ހަނިމާދޫއަށް ގެއްލިއްޖެއެވެ.

މިއަދު ހަވީރު ކުޅުދުއްފުށީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 1-1 ގެ ނަތީޖާއިންނެވެ.

ގްރޫޕްގައި ހަތަރު ޓީމް ހިމެނޭއިރު މިހާތަނަށް ގްރޫޕް އޭގައި ކޮންމެ ޓީމެއް ވެސް ވަނީ ދެ މެޗު ކުޅެފައެވެ. ކުޅުނު ދެ މެޗުން މޮޅުވެ މި ގްރޫޕްގެ ޕޮއިންޓް ތާވަލުގައި ހަ ޕޮއިންޓާއިއެކު އެއްވަނާގައި އޮތީ ޒިގްޒެގެވެ. ޒިގެޒެގުން ސެމީގެ ޖާގައެއް ކަށަވަރު ކޮށްފައިވާއިރު، މި ގްރޫޕްގެ ދެވަނާގައި އޮތީ ކުޅުނު ދެ މެޗުން ވެސް އެއްވަރުވި ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބެވެ. އެ ޓީމަށް ލިބިފައި ވަނީ ދެ ޕޮއިންޓެވެ. މި ގްރޫޕްގެ ތިންވަނާގައި އޮތް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށާއި ހަތަރު ވަނާގައި އޮތް މާއްޓޭ ސްޕޯޓްސް އަށް ލިބިފައި ވަނީ އެއް ޕޮއިންޓެވެ.

މި ގްރޫޕުގައި ބާކީ ދެން އޮންނާނީ ދެ މެޗެވެ. އަންނަ އާދީއްތަ ދުވަހު ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބާއި ޒިގްޒެގް ބައްދަލުކުރާ މެޗު ކާމިޔާބު ކޮށްގެން ސެމީން ޖާގަ ހޯދުމުގެ ބާރު ނޮޅިވަރަންފަރަށް އޮތްއިރު، މި މެޗުން ނޮޅިވަރަންފަރަށް މޮޅު ނުވެވިއްޖެނަމަ، ދެން ސެމީން ޖާގަ ލިބޭނީ ހޯމަ ދުވަހު މާއްޓޭ ސްޕޯޓްސް އާއި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށެވެ. ޒިގްޒެގާއި ނޮޅިވަރަންފަރު އެއްވަރުވެ، މާއްޓޭ ސްޕޯޓްސްއާއި ހަނިމާދޫ އެއްވަރު ވެއްޖެނަމަ ސެމީގެ ޖާގަ ލިބޭނީ ވެސް ނޮޅިވަރަންފަރަށެވެ.

މިއަދު މެޗު ފަށައިގެން ފުރަތަމަ ދިހަވަރަކަށް މިނެޓް ނޮޅިވަރަންފަރުން ޑޮމިނޭޓް ކުރިނަމަވެސް ހަނިމާދޫން ވަނީ މަޑުމަޑުން ގޭމްތެރެއަށް ވަދެ މެޗުގެ ކޮންޓްރޯލް އަތުލާފައެވެ. ނަތީޖާއެއްގެ ގޮތުން އެ ޓީމުން ވަނީ މެޗުގެ 23 ވަނަ މިނެޓުގައި ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބު ކޮށްދީފައި ވަނީ ހަނިމާދޫ ޓީމްގެ ކެޕްޓަން އާލިފް އިބްރާހީމް އެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ ހަނިމާދޫ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ދެ މިނެޓް ތެރޭ ހަނިމާދޫގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ނޮޅިވަރަންފަރު ޓީމްގެ ކެޕްޓަން މުޙައްމަދު ރިޔާޒު ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ބައިކޮޅަށް ވަތް ލަނޑާއިއެކު ހަނިމާދޫ ޓީމުން ވަނީ، ޓީމް ކުރިއަށް ޖައްސައި ލަނޑު ޖަހަން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. އެ ޓީމުން ފުރުޞަތުތަކެއް ހޯދި ނަމަވެސް ނޮޅިވަރަންފަރު ޓީމުން ފަހަތަށް ޖެހި ވަނީ ހަނިމާދޫ އެޓޭކްތައް ހުއްޓުވުމުގައި ކާމިޔާބު ހޯދާފައެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ނޮޅިވަރަންފަރު ޓީމްގެ ފަހަތުގައި މޮޅު ކުޅުމެއްދެއްކި އެ ޓީމްގެ ޖޯޒީ ނަމްބަރު 19، ހުސެއިން ނިއުޝާދެވެ.

މި މުބާރާތުގައި މާދަމާ ކުޅޭނީ ގްރޫޕް ބީގެ މެޗެކެވެ. މާދަމާގެ މެޗުގައި ބައްދަލުކުރާނީ ނޮޅިވަރަމް ހުވާސް އާއި ނައިވާދޫ ޓްރެއިނާސް ސްޕޯޓްސް ކުލަބެވެ.

The post ނޮޅިވަރަންފަރާއި އެއްވަރުވެ ހަނިމާދޫގެ އަމިއްލަ ބާރު ގެއްލިއްޖެ first appeared on Thiladhun.



More from Thiladhun