ހައިކޯޓާއި ކްރިމިނަލް ކޯޓަށް އައްޔަންކުރި ފަނޑިޔާރުން ހުވާކުރައްވައިފި

Thu, 08 Jun 2023 06:18 PM

View on this article on Thiladhun

ހައިކޯޓާއި ކްރިމިނަލް ކޯޓަށް އައްޔަންކުރި ފަނޑިޔާރުން ހުވާކުރައްވައިފި

ހައިކޯޓާއި ކްރިމިނަލް ކޯޓަށް އައްޔަންކުރި ފަނޑިޔާރުން ހުވާކުރައްވައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވިދާޅުވީ، ދިވެހިރާއްޖޭގެ ހައިކޯޓަށާއި، ކްރިމިނަލް ކޯޓަށް އައްޔަނު ކުރެއްވި ދެ ފަނޑިޔާރުން ފަނޑިޔާރުކަމުގެ ހުވާ މިއަދު ކުރައްވާފައިވާ ކަމަށެވެ.

މި ބޭފުޅުންނަށް ފަނޑިޔާރުކަމުގެ ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ މުޙައްމަދު އިބްރާހީމްއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނު ކުރައްވާފައި ވަނީ، އަލްއުސްތާޛު މުޙައްމަދު ޝަނީޒް ޢަބްދުﷲ (ގދ.ގައްދޫ، ހަނދުވަރީނާޒް) އެވެ. އަދި ކްރިމިނަލް ކޯޓަށް ޢައްޔަނު ކުރައްވާފައި ވަނީ އަލްއުސްތާޛާ ޢާއިޝަތު ނުޒުހާ ( މާލެގަން، ފެނާތުރު، ޏ. ފުވައްމުލައް) އެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް އަލްއުސްތާޛު މުޙައްމަދު ޝަނީޒް ޢަބްދުﷲ ޢައްޔަންކުރުމަށް ނިންމާފައިވާނީ 2023 މޭ 24 ވަނަ ދުވަހު ބޭއްވުނު މިކޮމިޝަންގެ 35 ވަނަ ބައްދަލުވުމުގައެވެ.

އަލްއުސްތާޛު މުޙައްމަދު ޝަނީޒަކީ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ އަދި ވިލާ ކޮލެޖްއިން މާސްޓާސް އޮފް ޝަރީއާ އެންޑް ލޯ (ސްޕްޝަލައިޒޭޝަން އިން ކްރިމިނަލް ލޯ) ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި 9 އަހަރު ދުވަހަށްވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާ އިރު އަލްއުސްތާޛު މުޙައްމަދު ޝަނީޒްވަނީ އެ މުއްދަތުގައި ވަކީލުކަމާއި މެޖިސްޓްރޭޓްކަން އަދާ ކުރައްވާފައެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަނު ކުރެއްވިއިރު އަލްއުސްތާޛު މުޙައްމަދު ޝަނީޒް ހުންނެވީ ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމުގެ މަޤާމްގައެވެ.

ކްރިމިނަލްކޯޓަށް ފަނޑިޔާރުކަމަށް ޢާއިޝަތު ނުޒުހާ ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް ޢައްޔަންކުރުމަށް ނިންމާފައިވާނީ 2023 މޭ 14 ވަނަ ދުވަހު ބޭއްވުނު މިކޮމިޝަންގެ 33 ވަނަ ބައްދަލުވުމުގައެވެ.

އަލްއުސްތާޛާ ޢާއިޝަތު ނުޒުހާ ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އިން ބެޗްލަރ އޮފް ޝަރިޢާ އެންޑް ލޯ (ވިތް އޮނަރސް) އަދި މާސްޓަރ އޮފް ލޯ ޙާސިލްކުރައްވާފައިވެއެވެ. ކްރިމިނަލް ކޯޓުގެ ލީގަލް އޮފިސަރެއްގެ މަޤާމް އަދާކުރައްވަމުން ގެންދެވި އަލްއުސްތާޛާ ޢާއިޝަތު ނުޒުހާވަނީ ޤާނޫނީ ދާއިރާގައި 07 އަހަރު ދުވަހުގެ ދިގުމުއްދަތަކަށް ޚިދުމަތްކުރައްވާފައެވެ.

The post ހައިކޯޓާއި ކްރިމިނަލް ކޯޓަށް އައްޔަންކުރި ފަނޑިޔާރުން ހުވާކުރައްވައިފި first appeared on Thiladhun.



More from Thiladhun