ރާއްޖެ - ލަންކާ ޖޮއިންޓް ކޮމިޝަނުގެ 4 ވަނަ ސެޝަން މާދަމާ ފަށަނީ

Mon, 05 Jun 2023 12:24 PM

View on this article on Thiladhun

ރާއްޖެ - ލަންކާ ޖޮއިންޓް ކޮމިޝަނުގެ 4 ވަނަ ސެޝަން މާދަމާ ފަށަނީ

ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ބާއްވާ "މޯލްޑިވްސް – ސްރީލަންކާ ޖޮއިންޓް ކޮމިޝަން"ގެ 4 ވަނަ ސެޝަން މާދަމާ ފެށުމަށް ނިންމައިފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވީ މި ސެޝަން ކުރިއަށްދާނީ ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި މި ޖޫން މަހުގެ 6 އަދި 7 ގައި ކަމަށެވެ.

މިޖޮއިންޓް ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވާނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޝާހިދު އާއި ސްރީލަންކާގެ ޚާރިޖީ ވަޒީރު، ހިޒް އެކްސެލަންސީ އެމް.ޔޫ.އެމް. އަލީ ސަބްރީ އެވެ.

މިބައްދަލުވުމުގެ މިނިސްޓަރުން ފެންވަރުގެ ބައްދަލުވުމުގެ ކުރިން ޖޫން 6 ގައި ސީނިއާ އޮފިޝަލުންގެ ބައްދަލުވުމެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައި ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ސީނިއާ އޮފިޝަލުންގެ ބައްދަލުވުމުގައި ވިޔަފާރި އާއި އިންވެސްޓްމަންޓާއި، ފަތުރުވެރިކަމާއި، ޘަޤާފަތާއި، ތަޢުލީމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ވަނީ ނިންމާފައެވެ. އަދި ސިއްހަތާއި، މަސްވެރިކަމާއި، ދިފާއީ ދާއިރާއާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރާނެއެވެ.

މީގެ އިތުރުން ގާނޫނާއި ގާނޫނު ތަންފީޒުކުރުމާއި، ޒުވާނުންނާއި، ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ ދާއިރާގައި އެއްބާރުލުން ދިނުން ވެސް ހިމެނެއެވެ. އަދި ޖޮއިންޓް ކޮމިޝަނުގެ ހަވާސާގައި ދެގައުމުގެ މެދުގައި ފަހުމުނާމާތަކެއްގައި ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

"މޯލްޑިވްސް-ސްރީލަންކާ ޖޮއިންޓް ކޮމިޝަން" އެކުލަވާލާފައިވަނީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު ސޮއިކުރެވުނު އެގްރީމަންޓް އޮން އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަންގެ ދަށުން 1984 ވަނަ އަހަރު އެވެ.

މިއީ ދެ ގައުމަށް މުހިއްމު ދާއިރާތަކާއި ކަންކަމާ ގުޅޭގޮތުންނާއި ދެގައުމުން ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ޚިޔާލު ބަދަލުކޮށް މިހައިތަނަށް ކުރެވިފައި ހުރި މަސައްކަތްތައް މުރާޖައާކުރުމަށް ދެގައުމުގެ ސަރުކާރަށް ވެސް ލިބޭ ޕްލެޓްފޯމެކެވެ.

ޖޮއިންޓް ކޮމިޝަނުގެ ތިންވަނަ ސެޝަން ބާއްވާފައިވަނީ 2017 ވަނަ އަހަރު ރާއްޖޭގައެވެ.

The post ރާއްޖެ - ލަންކާ ޖޮއިންޓް ކޮމިޝަނުގެ 4 ވަނަ ސެޝަން މާދަމާ ފަށަނީ first appeared on Thiladhun.



More from Thiladhun