"ހުރިހާ އެންމެން ވިސްނައިގެން ސަމާލުކަން ނުދޭހާ ހިނދަކު މަގުތައް ރައްކާތެރިއެއް ނުވާނެ"

Sat, 27 May 2023 06:18 AM

View on this article on Thiladhun

"ހުރިހާ އެންމެން ވިސްނައިގެން ސަމާލުކަން ނުދޭހާ ހިނދަކު މަގުތައް ރައްކާތެރިއެއް ނުވާނެ"

ހުރިހާ އެންމެން ވިސްނައިގެން ސަމާލުކަން ނުދޭހާ ހިނދަކު މަގުތައް ރައްކާތެރިއެއް ނުވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހުޅުމާލެ މަގުތަކުގައި ހަރުކުރާ "މަގުހުރަސް ބައްތި" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންނާއި ކަމާބެހޭ އިދާރާތައް ކިތަންމެ ގިނަ މަސައްކަތްތަކެއް ކުރިކަމުގައިވީނަމަވެސް، ހުރިހާ އެންމެން މިކަމަށް ވިސްނައިގެން ސަމާލުކަން ނުދޭހާ ހިނދަކު، ސަލާމަތާއި ރައްކާތެރި ތަނަކަށް މަގުތަކެއް ނުހެދޭނެކަމަށެވެ.

މިކަމުގައި ކޮންމެ މީހެއްގެ ވެސް ޒިންމާއެއް އެބައޮތްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ މިކަމުގައި ވިސްނުން ބަދަލުކޮށް ސަމާލުކަން އަދިވެސް އިތުރަށް ދާންޖެހޭ ކަމަށެވެ.

މި ރަސްމިއްޔާތުގައި އާބަންކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޤައިސް ވިދާޅުވީ ސިނަމާލޭ ބްރިޖު މެދުވެރިކޮށް މާލެއާއި ހުޅުމާލޭ ގުޅުވާލުމާއެކު، ފާއިތުވި 5 އަހަރުގެ ތެރޭގައި ހުޅުމާލޭގެ އާބާދީ ވަރަށް ބޮޑުތަނުން އިތުރުވެ، އާބާދީއާއެއްކޮށް މަގުތަކަށް ތޮއްޖެހުން އައިސް، ޓްރެފިކަށް ވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

މީގެ އިތުރުން ހުޅުމާލޭގެ މަގުތަކުގައި ނުރައްކާތެރި ހާދިސާތައް ހިނގާ މިންވަރު އިތުރުވެފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ވެސް ހާމަވާ ކަމަށާއި އެހެންކަމުން ހުޅުމާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް ހުޅުމާލޭގެ މަގުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގައި މި ހަރުކުރެވޭ މަގުހުރަސް ބައްތިތަކަކީ އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށެވެ.

މަގު ހުރަސްކުރުމުގައި މި ބައްތިތަކުގެ ބޭނުން ހިނގާ މީހުން ހިފުމަށާއި ވެހިކަލް ދުއްވާ ފަރާތްތަކުން ވެސް މި ލައިޓްތަކަށް ސަމާލުވެ، ރައްކާތެރިކަމާއެކު މަގު ހުރަސްކުރުމުގެ ފުރުސަތު ދިނުމަށް ހުޅުމާލޭގެ މަގުތައް ބޭނުންކުރާ ފަރާތްތަކަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

މަގުހުރަސް ބައްދިތައް ހަރުކޮށް އަދި ބޭނުންކުރަން ފަށާފައިވަނީ ހުޅުމާލޭގެ 2 ސަރަހައްދެއްގައެވެ. އެއީ ހުޅުމާލޭ ހޮސްޕިޓަލް ހިމެނޭ ސަރަޙައްދާއި، ހިޔާ ފްލެޓް ހިމެނޭ ސަރަޙައްދެވެ. މި ލައިޓްތައް އޮޕަރޭޓް ކުރަނީ ސޯލާ ހަކަތައިންނެވެ.

The post "ހުރިހާ އެންމެން ވިސްނައިގެން ސަމާލުކަން ނުދޭހާ ހިނދަކު މަގުތައް ރައްކާތެރިއެއް ނުވާނެ" first appeared on Thiladhun.


More from Thiladhun