ކުޑަކުދިންގެ ކާޓޫނު ސީރީސް އާއި ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސްގެ ވީޑިއޯ ވަރޝަން ނެރެފި

Fri, 26 May 2023 09:52 PM

View on this article on Thiladhun

ކުޑަކުދިންގެ ކާޓޫނު ސީރީސް އާއި ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސްގެ ވީޑިއޯ ވަރޝަން ނެރެފި

"ގެވެށި ގުޅުން" ކެމްޕެއިންގެ ދަށުން ތައްޔާރުކޮށްފައިވާ ކުޑަކުދިންގެ ކާޓޫނު ސީރީސް އާއި ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސްގެ ވީޑިއޯ ވަރޝަން އިފްތިތާހު ކޮށްފިއެވެ.

މިއީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން ކުރިއަށްގެންދާ ކާޓޫނު ސީރީސް އާއި ވާހަކަ ފޮތް ސީރީސްގެ ވީޑިއޯ ވަރޝަން އިފްތިތާހުކޮށްދެއްވީ ރައީސް ސާލިހުގެ އަނބިކަނބަލުން ފަޒުނާ އަހްމަދުއެވެ. ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންއެވެ.

މި ކާޓޫނު ސީރީސް އަކީ ގެވެށި އަނިޔާއާއި ދުރު މުޖުތަމަޢުއެއް ބިނާކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކުޑަކުދިންގެ ކިބައިގައި އެންމެ ޅައިރުއްސުރެ އަށަގަންނުވަންޖެހޭ ދިރިއުޅުމުގެ ރީތި ބައެއް އާދަތަކަށް ކުދިން އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި މި މިނިސްޓްރީގެ ފަރާތުން ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ.

އޮލިމްޕަހުގައި ބޭއްވި ރަސްމިއްޔާތުގައި ޖުމްލަ 12 އެޕިސޯޑް ހިމެނޭ މި ސީރީޒުގެ 6 އެޕިސޯޑް ވަނީ ދައްކާލާފައެވެ. އަދި މި 6 އެޕިސޯޑް އާންމުކޮށް ދެއްކުމަށްޓަކައި ޚާއްސަ ދެ ޝޯ މެއި 27 ގައި އޮލިމްޕަހުގައި ބާއްވާގޮތަށް ވެސް ވަނީ ނިންމާފައެވެ.

މި ރަސްމިއްޔާތުގައި މަރުހަބާ ދެންނެވުމުގެ ގޮތުން ވާހަދައްކަވަމުން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޒިފްލީނާ ޙަސަން ވިދާޅުވީ މި ކާޓޫނު ސީރީސް އާއި، ވާހަކަ ފޮތްތަކުގެ ވީޑިއޯ ވަރޝަންގެ ސަބަބުން އެކަކު އަނެކަކަށް އިޙްތިރާމުކުރުމާއި އަޅާލުމާއި އެހީތެރިކަންފޯރުކޮށްދިނުމަށް މަގުފަހުވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން ސުލްހަވެރިކަމާއެކު ވާހަކަދައްކައިގެން މައްސަލަތައް ހައްލުކުރުމާއި ވަކި ޖިންސަކަށް ވީތީ ތަފާތުނުކުރުން ފަދަ ރީތި ސިފަތައް ކުދިންގެ ކިބައިގައި އަށަގެންނެވުމަށް ވެސް މަގުފައިވެގެންދާނެ ކަމަށެވެ.

ހަމަމިއާއެކު މައިންބަފައިންނާއި، ބެލެނިވެރިން ކުދިންނާއެކު މި އުފެއްދުންތައް ބަލައި، އެއިން ލިބިދޭ މެސެޖުތަކުގެ އެހީގައި ކުދިންނަށް ދިރިއުޅުމުގެ ރީތި އާދަތައް ދަސްކޮށްދިނުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

މިއަދު އިފްތިތާހުކުރި ވާހަކަފޮތް ސީރީސްގެ ވީޑިއޯ ވަރޝަން ގެ މަގުސަދަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު އެ މިނިސްޓްރީގެ ފަރާތުން ނެރުނު ގެވެށި ގުޅުން ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސްގައި ހިމެނޭ ވާހަކަތަކުން ކުދިންނަށް ފޯރުކޮށްދޭން ބޭނުންވާ މެސެޖުތައް ވީހާވެސް ގިނަ ކުދިންނާ ހަމައަށް ފޯރުކޮށްދިނުމެކެވެ.

ޖުމްލަ 6 ވާހަކަ ފޮތް ހިމެނޭ މި ސީރީސްގެ ވާހަކަ ފޮތްތައް އެ މިނިސްޓްރީގެ ފަރާތުން މިއަހަރުގެ ކުރީކޮޅު ވަނީ ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހަދިޔާކޮށްފައެވެ.

ގެވެށި ގުޅުން ކެމްޕެއިން އަކީ ގެވެށި އަނިޔާ އާ ދުރު މުޖުތަމަޢުއެއް ބިނާކުރުމަށް މަގުފަހިކުރުމުގެ ގޮތުން 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު އެ މިނިސްޓްރީގެ ފަރާތުން ފެށި ކެމްޕެއިނެކެވެ.

ކެމްޕެއިންގެ ވަކިވަކި މަގްސަދުތަކުގެ ތެރޭގައި ގެވެށި އަނިޔާއަށް މުޖުތަމައު ހޭލުންތެރިކުރުމާއި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތައް ބާރުވެރިކުރުވުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ. އަދި އެފަރާތްތަކަށް ފޯރުކޮށްދެވޭ ހިދުމަތްތައް އިތުރުކޮށް، އެ ހިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުމާއި ގެވެށި އަނިޔާއާ ދުރުކޮށްދޭނެ ވިސްނުމާއި އުޅުން ޕްރޮމޯޓްކުރުމަށް ބޭނުންވާ ހޭލުންތެރިކަން އިތުރުކުރުން ވެސް ހިމެނެއެވެ.

މި ކެމްޕެއިންގެ ދަށުން މިހާތަނަށް އައިއިރު ގިނަ ހަރަކާތްތަކެއް މިނިސްޓްރީގެ ފަރާތުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ވީޑިއޯ ލަވަ، ޓީވީ ޕްރޮގްރާމް ސީރީސް، ރޭޑިއޯ ޑްރާމާ ސީރީސް، ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސް، ބިލްބޯޑް، މަޖައްލާ، ބުކްލެޓް އަދި ލީފްލެޓް ފަދަ ތަކެތި ތައްޔާރުކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

މި ރަސްމިއްޔާތުގައި ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ އާއި ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް މުޙައްމަދު ފައްޔާޒް ގިލާނީ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

The post ކުޑަކުދިންގެ ކާޓޫނު ސީރީސް އާއި ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސްގެ ވީޑިއޯ ވަރޝަން ނެރެފި first appeared on Thiladhun.


More from Thiladhun