މަކުނުދޫ ސިއްސުވާލި ހާސްކަމުގެ ވަގުތުކޮޅު، ފެނުނީ އެއްބައިވަންތަކުގެ ނަމޫނާ

Fri, 26 May 2023 09:12 PM

View on this article on Thiladhun

މަކުނުދޫ ސިއްސުވާލި ހާސްކަމުގެ ވަގުތުކޮޅު، ފެނުނީ އެއްބައިވަންތަކުގެ ނަމޫނާ

ރޭގެ އިރާކޮޅުގެ ވަގުތެއްގައި މަކުނުދޫ އަލްފާގޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއަކީ މަކުނުދޫގެ ތާރީޚުގައިވެސް ހިނގާފައިވާ އެންމެ ބޮޑު އަލިފާނުގެ ހާދިސާއެވެ.

އެގޭގައި ދިރިއުޅެމުންދިޔަ ފަރާތްތަކަށް މި ހާދިސާގައި އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އަލްފާގޭގެ ބަދިގެއާއި ބޮޑު ގުދަނެއްވަނީ އަނދާ ހުލިވެފައެވެ. އޭރު އެ ގުދަނުގައި ގިނަ ޢަދަދެއްގެ މުދާ ހުރިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ރޭ 7.55 ކަންހާއިރު ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ 10 ޖެހިފަހުންނެވެ.

"އަޅުގަނޑަށް ޚަބަރު ލިބުމާއެކު ވަގުތުން އެތަނަށް ގޮސް ފުލުހުން އެޓެންޑް ކޮށްފިން! ދެން  ރަށުގެ ރައްޔިތުންވެސް ޚަބަރު ލިބެމުންދިޔަ ވަރަކަށް އެއްވަމުން ދިޔައީ! އަމިއްލައަށް އެކި ކަންކަމަށް އެކި ޓީމްތައް ބަހާލައިގެން ރައްޔިތުން މަސައްކަތްކުރީ ވަރަށް ގުޅިގެން. އެއްބަޔަކު ޕަންޕު ހޮޅިލައިނަށް. އަނެއް ޓީމް ހޮޅި ދަމަން ސެޓުވީ އިރު ވަށައިގެން ހުރި ގެތަކުގައި ހުޅު ހިފާފާނެތީ އެގެތަކުގެ ފާރުތަކަށް ފެންޖަހާ ފިނިކުރުމުގެ މަސައްކަތުގައި ވަކި ބަޔަކު އުޅުނު. އޭރު ގޭގެ ބާކީގައިގައި ހުރި މުދާތައް ނެރެން ވަކި ޓީމެއް އަވަދި ނެތި އުޅުނު! ރަށު އެންމެންގެ ސަޕޯޓު މިކަމަށް ލިބުނު! އަދި އެމްއެންޑީއެފްއަށް ގުޅިތާ 45 މިނިޓް ތެރޭގައި އެބޭފުން ވެސް ކުޅުދުއްފުށިން މަކުނުދޫއަށް ވަޑައިގެން"

 

މަކުނުދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ފަރްޝާން މޫސާ ވިދާޅުވިއެވެ. އޭގެ އިތުރުން ފަރުޝާން ފާހަގަ ކުރެއްވި ގޮތުގައި އެ ހާދިސާ ހިނގަމުންދިޔައިރު ކޮންމެ ޓާސްކަކަށް ވެސް ރައްޔިތުން އިސްނެގީ އަމިއްލަ ކަމެއްގެ ގޮތުގައިދެކިގެންނެވެ. އަދި އަލިފާންގަނޑު އެހާ އަވަހަށް ނިއްވާލެވުނީ ވެސް ރައްޔިތުންނާ ހުރިހާ މުއައްސަސާތަކުން އެކަމަށް އިޖާބަދިންލެއް އަވަސްކަމުންނެވެ. އޭގެ އިތުރުން އެރަށުގައި ނަރުދަމާ އެޅުމުގެ މަސައްކަތަށް ގޮސްތިބި އަލްޓެކް ކުންފުނިން ވެސް ވަގުތުން ހޮޅިލައިންއާ ޕަންޕުގެ އެހީތެރިކަން ފޯރުކޮށްދިންކަމުގައި ފަރުޝާން ވިދާޅުވިއެވެ.މުޢައްސަސާތަކުގެ ހުރިހާ ގިންތިއެއްގެ ބޭފުންވެސް ތިބީ އެބޭފުޅަކަށް ފޯރުކޮށްދެވެން ހުރި އެހީތެރިކަމެއް ފޯރުކޮށްދޭން ތައްޔާރަށް ކަމުގައި އޭނާ ވިދާޅުވިއެވެ.

އާއިލާއަށް މީހުންގެ ފަރާތުން ދިން ހިތްވަރަކީ، އެ ހިތްދަތި ދަނޑިވަޅުގައި އެހިތްތަކަށް ލިބުނު ކުޑަ ނަމަވެސް ހިތްހަމަޖެހުމެއްކަން ޔަޤީނެވެ.

 

"ކުޑަކޮށްވެސް ހަމައަކަށް އެޅުނީ މީހުން ދިން ހިތްވަރުގެ ބަސްތަކުން! އެންމެންވެސް ވަރަށް ރަނގަޅު! އަޅުގަނޑުމެން އެންމެންނަށް ވަގުތުން ހަމަ ރޭގަ ކައުންސެލިންވެސް ދިން! އެންމެންވެސް ބުނަމުންދިޔައީ ރަށުރައްޔިތުންވެސް ތިބީ އަޅުގަނޑުމެންނާއެކުގައޭ! ދެރަނުވާށޭ! އަޅުގަނޑު އެންމެ ކަންބޮޑުވީ މަންމަގެ ބޭސްކޮޅު ނުލިބިދާނެތީ! ރަށުން އެބޭހެއް ނުލިބޭނެ! އެކަން އެނގުނީމަ ބަޔަކު ގޮސް އެ ބޭސްކޮޅުވެސް ނެރެދިން.. ރޭގަ ރަށު ރައްޔިތުންތިބީ ހަމަ އަޅުގަނޑުމެންނަށްޓަކައި، އަޅުގަނޑުމެންގެ ހިމާޔަތުގައި، އެއްބަޔަކު އަލިފާންގަނޑު ނިއްވާލަން އުޅުނު އިރު އަނެއްބަޔަކު ތިބީ އަޅުގަނޑުމެން އެންމެންގާތުގަ! ހަމަ ކުޑައިރުކޮޅަކަށްވެސް އެކަނި ވިޔަކަ ނުދޭ! ރޭގަ އިޙްސާސްކުރެވުނީ ރަށު ރައްޔިތުންނަކީވެސް ހަމަ އަޅުގަނޑުގެ އާއިލާއޭ!" އެއާއިލާގެ ކުއްޖަކު އަސަރާއެކު ކިޔައިދިނެވެ.

 

"އަޅުގަނޑުމެންގެ މުވައްޒަފުން ވަގުތުން އެތަނަށް އެޓެންޑްވެ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރި. އޭގެ އިތުރުން އަޅުގަނޑުމެން ވަރަށް އިސްކަންދިނިން އެ އާއިލާއަށް! ނަފްސާނީގޮތުން އެމީހުންނަށް ވަރަށް ބޮޑު އަސަރެއް ކުރާނެތީވެ، ކައުންސެލިންދީގެން އެފަރާތްތައް ހަމައަކަށް އެޅުވޭތޯވެސް އަޅުގަނޑުމެން މަސައްކަތްކުރިން!" ކައުންސިލް ރައީސް އައުޒަމް އާދަމް ވިދާޅުވިއެވެ.

ރަށުގެ ކޮންމެ ފަރުދަކުވެސް މަސައްކަތްކުރީ އަލިފާންގަނޑު ނިއްވާލުމުގައި ކޮންމެވެސް ދައުރެއް އަދާކޮށްދެވޭތޯއެވެ.

" އެ ހާދިސާ ހިނގުމާއެކު ކައުންސިލްގެ ރައީސް އަޅުގަނޑަށް ގުޅާފަ ދެންނެވި މިވަގުތު ހުރިހާ އެންމެންގެ އަމާޒަކީ އަލިފާންގަނޑު އަވަހަށް ނިއްވާލުމޭ! އަޅުގަނޑުމެންވެސް ވިސްނަންވާނޭ ހުރިހާ ކަމަކަށް! އެއާއިލާގެ މީހުންގެ ޙާލަތު ވަރަށް ގާތުން ބަލާށޭ! ދެން އަޅުގަނޑަށް އެ ޓާސްކް ޙަވާލްކުރެއްވުމާއެކު އަޅުގަނޑު ލަސްނުކޮށް ހަމަ ވަގުތުން ސައިކޮލޮޖިކަލް ފަސްޓްއެއިޑް ދިނުމުގެ މަސައްކަތްފެށިން.  އިމޯޝަނަލީ ފެމެލީ ތިބީ ޝޮކެއްގައި! ޚާއްސަކޮށް އެގޭ ބައްޕައަށް ވަރަށް އަސަރުކޮށްފައިހުރީ! އޭގެ އިތުރުން ނަފްސާނީ ބައްޔަށް ބޭސްކާ ދެމީހުން ތިބި! އަޅުގަނޑުމެން އިސްކަން ދިނިން އެމީހުންގެ ބޭސް ހުރިތޯއާ ބޭސް ހޯދުމަށް! "

ކައުންސެލިންގެ ދާއިރާއިން ތަޢުލީމް ޙާޞިލް ކުރައްވާފައިވާ މަކުނުދޫ ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވް ތަސްލީމާ ޢަބްދުލްޣަނީ ވިދާޅުވިއެވެ. އޭނާ ވަނީ އެ އާއިލާއަށް ސައިކޮލޮޖިކަލް ފަސްޓް އެއިޑް ދެއްވާ، އާއިލާގެ ޙާލަތު ކަށަވަރު ކުރައްވާފައެވެ.

" ދުވަހަކުވެސް މިވަރުގެ ކަމެއް ނުދެކެން! ރަށުގެ ރައްޔިތުން ރޭގަ ތިބީ އެކަތިގަނޑަކަށްވެ! ވަކި މީހެއްނޫން! ވަކި މުޢައްސަސާއެއް ނޫން! ހަމަ އެންމެން ރޭގަ އުޅުނީ އެއް އާއިލާއެއްގެ ގޮތުގަ! އެއް ރޫޚެއްގައި! މިކަމުގައި ބައިވެރިނުވާނެތް އެކަކުވެސް! "ތަސްލީމާ އިތުރަށް ވިދާޅުވިއެވެ.

އަދިވެސް މަކުނުދޫގެ ކުދި ބޮޑު އެންމެން ތިބީ އެއާއިލާއާއެކުއެވެ. އެރަށުގެ ރައްޔިތުން ނުވިސްނަނީ ކޮންކަމަކަށްހެއްޔެވެ؟ އެވަގުތު އެގޭގައި ދިރިއުޅުނު މީހުންގެ އިތުރުން އެއާއިލާއަށް ނިޞްބަތްވާ ރަށުން ބޭރުގައި ތިބި ކުދިންނަށް ގުޅައިގެން އެކުދިންގެ ޙާލުވެސް ދިޔައީ ބަލަމުންނެވެ. އާއިލާއަށް ކުރިމަތިވާނެ ނަފްސާނީ ބަލިމަޑުކަމާމެދު ވިސްނާ، ވަކިވަކިން އެމީހުންނާ ވާހަކަ ދައްކާ ހަމައަކަށް އަޅުވަން މަސައްކަތްކުރިއެވެ. ޢަމަލީ ގޮތުން އެހީތެރިވުމުގައި އަންހެނުންނާ ފިރެހެނުން ރޭގައި ހަމަހަމައެވެ. ގޭގެ ބާކީބައިގައިހުރި ގޮދަނޑިތަކާއި ނެރެވެން ހުރި ސާމާނު ނެރުމުގައި އަންހެންވެރިން ކުރި ހިތްވަރުވެސް ކުޑައެއް ނޫނެވެ.

މިފަދަ ގެއްލުން ބޮޑު، ހިތާމަވެރި ހާދިސާއެއް ހިނގާދިޔުމާއެކު މަކުނުދޫގެ ރައްޔިތުންގެ ފަރާތުން ދެއްކި އެއްބައިވަންތަކަމުގެ ނަމޫނާއަކީ ފެންނަން އޮތް ޙަޤީޤަތެކެވެ.  އެންމެންގެ މޫނުމަތިންވެސް ފެނުނީ އެއްބައިވަންތަކަމުގެ ރޫޚެވެ. ހަރަކާތްތައް އަވަސްވެފައިވީ އަނދަމުންދިޔަ އަލިފާންގަނޑު ވީ އެންމެ އަވަހަކަށް ނިއްވާލެވޭތޯއެވެ. ކަންބޮޑުވުމާއި ބިރުވެރިކަމާއި ހިތާމަވެރިކަން އެރަށުގެ ކޮންމެ މީހެއްގެ މޫނުމަތިންވެސް ރޭގައި ފެނުނެވެ. ސަބަބުތައް ބައިވަރެވެ. ހަމަ ރަށުގެ އާއިލާއަކަށް ފޫނުބެދޭނެވަރުގެ ގެއްލުމާއި ހިތްދަތިކަން ލިބެމުންދާތީއެވެ. ލޯކުރިމަތިން އަނދައިގެން ދިޔައީ ހަމައެކަނި ޢިމާރާތެއް ނޫނެވެ. އެއީ  އެއްފަސްގަނޑެއްގައި ދިރިއުޅެމުންދާ ލޮބުވެތި އާއިލާއެއްގެ ގެދޮރެވެ. މުދަލެވެ. އަދި ކޮށްފައިވާ ބުރަ މަސައްކަތްތަކެވެ. އަނދާއަޅިއަށްވިޔަ ނުދިނުމަށް އެމީހުންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރިއެވެ. މިހާރު އެތަނުގައި ހުރީ ހަލާކުވެފައިހުރި ގާތަކެވެ. އަނދާއަޅިއަށްވެ ދިޔަ ތަކެތީގެ އަގު މިލިއަނުން އަރައެވެ. އެކަމުގެ ހިތާމަ މިއަދު މަކުނުދޫ ކޮންމެ ފަރުދެއްގެ ހިތުގައިވެސްވާކަން ޔަޤީނެވެ.

ރޭގައި މަކުނުދޫ ރައްޔިތުންގެ ފަރާތުން އިސްލާމީ އުހުއްވަތްތެރިކަން ފެނިގެން ދިޔައެވެ. އެއީ ގާތްތިމާގެ ކަމާއި ލޭގެ ގުޅުމާ އެއްފަދަ ނުވަތަ އެއަށްވުރެ މާ މަތިވެރި ގުޅުމެކެވެ. އެއީ މުސްލިމުން ދިރިއުޅޭ މުޖުތަމަޢަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިޢުމަތެވެ. އެގުޅުމަކީ ހަމައެކަނި ދުލުން ބުނެލާ ބަހެއް ނޫންކަން މިއަދު މަކުނުދޫގެ ރައްޔިތުން ސާބިތުކޮށްދީފިއެވެ.

ގަލުން ފުރިފައިވާ އެ ސަރަޙައްދު ސާފުކޮށްދިނުމަށްޓަކައިވެސް އެރަށު ރައްޔިތުން ތިބީ އަތުކުރި އޮޅާލައިގެންނެވެ. އަދިވެސް ރައްޔިތުން ތިބީ އެއާއިލާއާއެކުއެވެ. ލިބުނު ގެއްލުމަށް އެހީއެއް ވެދެވޭނެ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ރަށުގެ އެންމެން އެދަނީ އެދެމުންނެވެ. އެރަށުގެ ބައެއް ޖަމްޢިއްޔާތަކުން އިސްނަގައިގެން އެހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވަނީ ފުރުޞަތު ހުޅުވާލާފައެވެ.

އަޅުގަނޑުމެންގެ ދުޢާއަކީ އެއާއިލާއަށް ކެތްތެރިކަންދެއްވާ، އެއާއިލާއަށް ކުރިއަށްވުރެ ރަނގަޅުގޮތެއް މިންވަރު ކުރެއްވުމެވެ.

The post މަކުނުދޫ ސިއްސުވާލި ހާސްކަމުގެ ވަގުތުކޮޅު، ފެނުނީ އެއްބައިވަންތަކުގެ ނަމޫނާ first appeared on Thiladhun.


More from Thiladhun