އޮގަސްޓް މަހު 'ސައިން ލެންގުއޭޖް' ކޯސްތަކެއް ފަށަނީ

Sat, 27 Jul 2024 04:11 PM

View on this article on ThePress.mv

އޮގަސްޓް މަހު 'ސައިން ލެންގުއޭޖް' ކޯސްތަކެއް ފަށަނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާނެކަމަށާއި، އެގޮތުން ކުރިއަށް އޮތް އޮގަސްޓް މަހު 'ސައިން ލޭންގުއޭޖް' ކޯސްތަކެއް އާންމުންނަށް ހުޅުވާލައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.



މިނިވަން ދުވަހުގެ މުނާސަބަތުގައި ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އޮގަސްޓް މަހު ހުޅުވާލާ 'ސައިން ލޭންގުއޭޖް' ކޯސްތަކުގެ ސަބަބުން އެންމެން އެއްމުޖުތަމައެއްގެ ގޮތުގައި އުޅުމަށް މަގުފަހިވާނެކަމަށާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އުނގެނުމަށް ފަހި ފުރުސަތު ދެއްވާނެކަމަށެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ އަންހެން ބޭފުޅުންނަށް 100 މިލިއަން ރުފިޔާގެ ލޯން ސްކީމެއް މި ސަރުކާރުން ތާރަފުކޮށްފައިވާކަމަށާއި މީގެ ތެރެއިން 25 އިންސައްތަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކުރުމަށް ނިންމާފައިވާ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ މުޖުތަމައުގައި މިހާރު ބޮޑުވެފައިވާ ޑްރަގުގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން މީގެކުރިން ދުވަހަކު ރާއްޖޭގައި ނުކުރާ މިންވަރަށް މަސައްކަތްކުރުމަށް އަޒުމް ކަނޑައަޅުއްވާފައިވާކަމަށާއި، މަސްތުވާ ތަކެއްޗާ ގުޅޭ ގާނޫނަށްވެސް މުހިންމު ބަދަލުތަކެއް ގެންނަވާނެކަމަށެވެ. ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައްވެސް ބާކީ ނުކޮށް، އެ ފަރާތްތަކަށް ބޭނުންވާ ފަރުވާ ދިނުމަށް ފަހު މުޖުތަމަޢަށް އަލުން އަނބުރާ ގެނައުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

ކޮމިއުނިޓީ ރިހިބިލިޓޭޝަން ސެންޓަރުތައް ގާއިމުކުރުމަށް މި ސަރުކާރުގެ ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރައްވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ގޭންގް ކުށްތައް މަނާކުރުމާބެހޭ ގާނޫނަށްވެސް މުހިންމު އިސްލާހުތަކެއް ގެނެސް އިސްލާހީ ފިޔަވަޅު ތަކެއް އެޅުމަށް ނިންމަވާފައިވާ ކަމަށެވެ.



More from ThePress.mv