އިތުރު 3 ހޮސްޕިޓަލެއް އަަޅަން ސައުދީ ފަންޑު ހަމަޖެހިއްޖެ: ރައީސް

Sat, 27 Jul 2024 02:37 PM

View on this article on ThePress.mv

އިތުރު 3 ހޮސްޕިޓަލެއް އަަޅަން ސައުދީ ފަންޑު ހަމަޖެހިއްޖެ: ރައީސް

ސައުދީ ފަންޑު މެދުވެރިކޮށް 3 ހޮސްޕިޓަލެއް ގާއިމުކުރުމަށް ފަންޑު ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.



ރޭ ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ފަރުދީ މިނިވަންކަމާއި ރަށްރަށުގެ ދިރިއުޅުން ފަހިކޮށްދެއްވުމަށް ކުރައްވާ ގިނަ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ މި ސަރުކާރުގެ ސިއްހީ ސިޔާސަތުތައް ހާމަކުރައްވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ ސައުދީ ފަންޑު މެދުވެރިކޮށް 3 ހޮސްޕިޓަލެއް ގާއިމުކުރުމަށް ފަންޑް ކަށަވަރު ކުރެވިފައިވާކަމުގައެވެ. އަދި ޗައިނާގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި ޓާޝަރީ ފެންވަރުގެ ބޮޑު ހޮސްޕިޓަލެއް އެޅުމަށް ނިންމާފައިވާކަން އިއުލާންކުރައްވަމުން، އެ މަނިކުފާނު ވިދާޅުވީ މައިންނާ ކުޑަކުދިންގެ ހޮސްޕިޓަލެއް ތަރައްގީކުރުމަށް ފަންޑް ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރިއަށް ދާ ކަމަށެވެ. އަދި އެ ހޮސްޕިޓަލްވެސް މި ދައުރުތެރޭގައި ބިނާކުރުމަށް އުންމީދުކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވީ ސިއްހީ ދާއިރާ ކުރިއަރުވައި އެ ދާއިރާގެ ފުދުންތެރިކަން އިތުރުކުރުމަށް މި ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެމުން އަންނަކަމަށެވެ. އެ ގޮތުން އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފުކުރެވި އެ ހިދުމަތުގެ ފަސޭހަ ދިވެހި ރައްޔިތުންނަށް މިއަދު ލިބެމުން ދާކަމަށެވެ. މި ސަރުކާރުގެ ވަޢުދާ އެއްގޮތަށް ހިލޭ ބޯން މެރޯ ފަރުވާ ދިނުން ކުރިއަށްދާަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިހާތަނަށް 14 ފަރާތަކުން މި ހިދުމަތް ހޯދަމުން ދާކަމުގައެވެ. އަދި އޭގެތެރެއިން 3 ފަރާތަކުން މި ފަރުވާ ފުރިހަމަ ކޮށްފައިވާކަމުގައި ރައީސް ވިދާޅުވިއެވެ.

ކުދިކުދި ލެބޯޓަރީ ޓެސްޓްތައް މިހާރު ހުރިހާ ރަށެއްގެ ސިއްހީ މަރުކަޒުތަކުން ހެދޭނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި ހިދުމަތް ދިނުމަށް މި ސަރުކާރުން 'ޕޮއިންޓް އޮފް ކެއާ" ވަސީލަތްތައް ހުރިހާ ރަށެއްގައި ގާއިމުކޮށްފައިވާކަމަށެވެ. އަދި ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އާސަންދަ މެދުވެރިކޮށް އައިވީއެފް ޓްރީޓްމަންޓް ހިދުމަތް ދިނުމަށާ، އަދި ސިއްހީ ދާއިރާގެ ގިނަ ހިދުމަތްތައް ތައާރަފުކުރުމަށް މި ސަރުކާރުން މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވިއެވެ. އިތުރަށް ރައީސް ވިދާޅުވީ ހުޅުމާލޭގައި ތެލެސީމިއާ ހިދުމަތް ދޭ ހޮސްޕިޓަލެއް ގާއިމުކުރުމަށް ބިން ކަނޑައަޅާފައިވާކަމަށާއި، މިތަން ފުރިހަމަ ކުރެވުމުން ތެލެސީމިއާގެ ހުރިހާ ހިދުމަތެއް ފޯރުކޮށްދެވި ވަށާޖެހޭ ގޮތެއްގައި މިހިދުމަތް ރައްޔިތުންނަށް ދެވޭނެކަމަށެވެ.



More from ThePress.mv