މި ސަރުކާރުން މިހާތަނަށް ހަރަދުކޮށްފައިވާނީ ފައިސާ ޗާޕުނުކޮށް ހަމައެކަނި ދައުލަތަށް ލިބުނު އާމްދަނީއިން: ރައީސް

Sat, 27 Jul 2024 09:24 AM

View on this article on ThePress.mv

މި ސަރުކާރުން މިހާތަނަށް ހަރަދުކޮށްފައިވާނީ ފައިސާ ޗާޕުނުކޮށް ހަމައެކަނި ދައުލަތަށް ލިބުނު އާމްދަނީއިން: ރައީސް

މި ސަރުކާރުން މިހާތަނަށް ހަރަދުކޮށްފައިވާނީ ފައިސާ ޗާޕުނުކޮށް ހަމައެކަނި ދައުލަތަށް ލިބުނު އާމްދަނީއިން ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.



ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިނިވަން ދުވަހުގެ މުނާސަބަތުގައި ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ މި ދިޔަ ޖޫންމަހުގެ ނިޔަލަށް ދައުލަތަށް 18.6 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ހޯދިއްޖެކަމަށާއި މި ފައިސާއިން ދައުލަތް ހިންގުމަށް ހަރަދުކޮށް އަދި އެހެން ފަރާތްތަކަށް ދަރާފައިވާ ދަރަނިތައް ދެއްކުމަށްވެސް ހޭދަކޮށްފައިވާ ކަމަށެވެ.

މިހާތަނަށް ދައްކަން ޖެހުނު އެއްވެސް ދަރަންޏެއް ނުދެއްކި ޑިފޯލްޓްވެފައި ނުވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިނިވަންކަން ހަގީގީ މާނައިގައި ލިބެނީ މައިގަނޑު ތިންކަމެއް ހާސިލްވުމުން ކަމަށެވެ. ރައީސް ވިދާޅުވީ އެ ތިން ކަމަކީ އިގްތިސާދީ ސިޔާދަތު، އަމިއްލަވަންތަކަމުގެ ސިޔާދަތު އަދި ސަލާމަތީ ނުވަތަ ދިފާއީ ސިޔާދަތު ޔަގީންވުމުން ކަމަށެވެ.

މި ކަންކަން ހާސިލު ކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ކުންފުނިތައް ހިންގުން ހަރުދަނާކުރުން ހިމެނޭ ކަމަށެވެ. އެގޮތުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭނެ އެންމެ ރަނގަޅު ފެންވަރުގެ ކުންފުންޏަކަށް ހަދާ މިފްކޯ ހަރުދަނާ ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ގާނޫނުތަކުގެ ތެރެއިން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ބިމުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 513 މިލިއަން އެމެރިކާ ޑޮލަރު، ޓީޖީއެސްޓީގެ ގޮތުގައި 102 މިލިއަން އެމެރިކާ ޑޮލަރު، ޖީއެސްޓީ ގޮތުގައި 3.3 ބިލިއަން ރުފިޔާ އަދި ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 1 ބިލިއަން ރުފިޔާ އެބައޮތްކަމަށާއި، މި ރުފިޔާ ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ މި ފައިސާ އެކަނި ހޯދިޔަސް ގައުމުގެ ދަރަނީގެ މައްސަލަ ހައްލުވީކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ އާމްދަނީ އިތުރުކުރުމަށް އަންހެން ބޭފުޅުންނަށް ހާއްސަ ލޯނުތައް ތާރަފު ކުރައްވާނެކަމަށާއި، އުފައްދާ ތަކެތި ބައިނަލްއަގުވާމީ ބާޒާރަށް ވިއްކޭނެ ޒަމާނީ އަދި ފަސޭހަ މަގުތައް ތަނަވަސް ކޮށްދެއްވާނެކަމަށެވެ.



More from ThePress.mv