ހިންމަފުށީގައި މަސައްކަތްކުރާ 500 އަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކުރެވިއްޖެ: ވަޒީރު

Fri, 10 May 2024 09:39 PM

View on this article on ThePress.mv

ހިންމަފުށީގައި މަސައްކަތްކުރާ 500 އަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކުރެވިއްޖެ: ވަޒީރު

ކ. ހިންމަފުށީގައި މަސައްކަތްކުރަމުންދާ 500 އަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު މިހާތަނަށް އެއްކުރެވިފައި ވާ ކަމަށް، ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.



'ކުރަނގި'ގެ ނަމުގައި، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ދެނެގަނެ، އެ މީހުން ގަވައިދުގެ ތެރެއަށް ފެއްތުމުގެ ގޮތުން އެ މީހުންގެ މައުލޫމާތު އެއްކުރުމަށްޓަކައި ސަރުކާރުން މަސައްކަތް ފެށީ މި މަހުގެ ކުރީކޮޅުގައެވެ. ފާހަގަކުރެވޭ ގޮތުގައި އެ މަސައްކަތް ފަށާފައިވަނީ ހިންމަފުށިންނެވެ.

'އެކްސް'ގައި މިނިސްޓަރު މިއަދު ލިޔުއްވި ގޮތުގައި، ހިންމަފުށީގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން މިހާތަނަށް އެ ރަށުގައި މަސައްކަތްކުރަމުންދާ 532 ބިދޭސިއެއްގެ މައުލޫމާތު އެއްކުރެވި، އެ މީހުންގެ ބައޯމެޓްރިކްސް ޑޭޓާ (ފިންގަޕްރިންޓާއި ފޮޓޯ) މިނިސްޓްރީން ބިދޭސީންގެ މައުލޫމާތު ބަލަހައްޓާ ސިސްޓަމަށް އަޕްލޯޑްކުރެވިފައިވެއެވެ.

އަދި ހިންމަފުށީގެ އިތުރުން ރާއްޖޭގެ އިތުރު ފަސް ސަރަހައްދެއްގައި ވަރަށް އަވަހަށް ފެށޭނެ ކަމަށް ވެސް މިނިސްޓަރުގެ ޕޯސްޓުގައިވެއެވެ. އެކަމަކު އެކަމުގެ މާ ބޮޑު ތަފްސީލެއް އޭނާ ހާމަނުކުރައްވައެވެ.

މި މަހުގެ ދެވަނަ ދުވަހު ހިންމަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި އިހްސާން ވިދާޅުވީ، 'ކުރަނގި'ގެ ވިސްނުމަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަނެ، ގަވައިދަށް ފެއްތުން ކަމަށެވެ.

އެކަމަށްޓަކައި ވޭތުވެދިޔަ ފަސް މަހުގެ ތެރޭގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެވުނުކަން ފާހަގަކުރައްވައި އިހްސާން ވިދާޅުވީ، މި މަސައްކަތަކީ ޖުމްލަ ތިން އަހަރު ދުވަހުގެ މަސައްކަތެއް ކަމަށާއި، އެގޮތުން ސަރުކާރުގެ އަމާޒަކީ ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންގެ މައުލޫމާތު މިނިސްޓްރީގެ ސިސްޓަމްގެ ތެރެއަށް ފެއްތުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މަސައްކަތުގެ ސަބަބުން ބިދޭސީން ނިސްބަތްވާ ގައުމުތަކާއި ކުރާ މަސައްކަތްތައް ފަސޭހައިން ދެނެގަނެވޭނެއެވެ.

އަދި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ނުކުންނަ އިޖުތިމާއީ މައްސަލަތަކާއި އެކަމުގެ ސަބަބުން ދައުލަތަށް ކުރިމަތިވަމުން އަންނަ ސެކިއުރިޓީ މައްސަލަތަށް ބޮޑުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.



More from ThePress.mv