ބިން ހިއްކުމާއި ފަޅު ފުން ކުރުމުގެ މަޝްރޫތައް ވަގުތީ ގޮތުން ހުއްޓާލަން އަންގައިފި

Fri, 10 May 2024 09:31 AM

View on this article on ThePress.mv

ބިން ހިއްކުމާއި ފަޅު ފުން ކުރުމުގެ މަޝްރޫތައް ވަގުތީ ގޮތުން ހުއްޓާލަން އަންގައިފި

މި ދުވަސްވަރަކީ ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުން ގާހުދުވަމުންދާ ދުވަސްވަރެއް ކަމުން ފަރުތައް ހިމާޔަތް ކުރުމަށް ބިން ހިއްކުމާއި ފަޅު ފުން ކުރުމުގެ މަޝްރޫތައް ހުއްޓާލުމަށް އެންވަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އަންގައިފިއެވެ.



އީޕީއޭ އިން ބުނީ މިފަދަ ދުވަސްވަރެއްގައި ހިންގޭ ހަރަކާތްތަކުން ފަރުތަކަށް ކުރާ އަސަރުގެ ސަބަބުން ފަރުތައް އަލުން އިއާދަވާ މިންވަރު ލަސްވުމުގެ އިތުރުން އިއާދަވުމަށް ހުރަސް އެޅުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރެވުމުންދާ ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތަކާއި ބީޗް ނަރިޝްމަންޓް މަސައްކަތްތަކަކީ މި މަސައްކަތްތަކުގެ ސަބަބުން ފަރުތަކުގެ މާހައުލަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަންކަން ކަމަށެވެ.

އެހެންކަމުން އީޕީއޭއިން ވަނީ މިއަދުން ފެށިގެން 10 ޖޫން 2024 ވަނަ ދުވަހުގެ ނިޔަލަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ. އެ ފިޔަވަޅު ތަކަކީ:

  • ތަރައްގީގެ މަޝްރޫތަކުގެ ތެރެއިން ފަރުތަކަަށް ސީދާ އަދި ނުސީދާ ގޮތުން އަސަރުކުރާ މަސައްކަތްތައް އީއައިއޭ އާއި ބިންހިއްކުމާއި ފަޅު ފުންކުރުމުގެ ހުއްދައިގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވަގުތީ ގޮތުން ހުއްޓާލުން
  • ބިންހިއްކުން، ފަޅުކޮނުން، ގޮނޑުދޮށަށް ވެލިއެޅުން، ޕަމްޕު ބޭނުންކޮށްގެން ވެލި ނެގުން، ފަރުމަތީ ހޮޅި އަދި ކޭބަލް އެޅުން، ބަންޑުވޯލް ޖެހުން އަދި މިނޫނަސް މެޝިނަރީ ބޭނުންކޮށްގެން ފަރުމަތީގައި މަސައްކަތް ކުރުން ފަދަ މަސައްކަތް 10 ޖޫންގެ ފަހުން މުރާޖައާކުރުން

ދުނިޔޭގެ ކަނޑުތަކުގެ ފިނި ހޫނުމިން ބެލުމަށް އަދި ކަނޑުތަކުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުގެ ގާހުދުވުމުގެ ހާދިސާތައް ކުރިއާލައި ލަފާ ކުރުމަށް އެމެރިކާގެ ނޭޝަނަލް އޯޝިއޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން އިން އެންމެ ފަހުން ނެރެފައިވާ ސެޓަލައިޓް މައުލޫމާތަށް ބަލާއިރު ރާއްޖެ މި ވަގުތު އޮތީ "އެލާރޓް ލެވަލް 1" ގައެވެ. އަދި ރާއްޖޭގެ ގިނަ ސަރަހައްދުތަކަކުން ގާހުދުވާ ކަމުގެ ރިޕޯޓާއި އެކަމާއި ގުޅޭ މަޢުލޫމާތު ދަނީ ލިބެމުން ކަމަށް އީޕީއޭ އިން ވަނީ ބުނެފައެވެ.

ރާއްޖޭގެ ފަރުތަކުން ފުޅާ ދާއިރާއެއްގައި ގާ ހުދުވުމުގެ ހާދިސާއެއް ފުރަތަމަ ފަހަރަށް 1998 ގައި ފާހަގަ ކުރެވުނު ފަހުން އެފަދަ ހާދިސާތައް ދޭތެރެ ދަނީ ފެންނަމުންނެވެ. އޭގެފަހުން އެންމެ ބޮޑަށް ގާ ހުދުވެފައިވަނީ 2016 ވަނަ އަހަރުއެވެ.



More from ThePress.mv