އެއާޕޯޓް ކިޔޫގެ މައްސަލަ ހައްލުކުރަން ފުލުހުން ނުކުމެއްޖެ

Wed, 08 May 2024 04:48 PM

View on this article on ThePress.mv

އެއާޕޯޓް ކިޔޫގެ މައްސަލަ ހައްލުކުރަން ފުލުހުން ނުކުމެއްޖެ

މައި އެއާޕޯޓަށް ދިމާވެފައިވާ ޓެކްސީ ކިއޫގެ މައްސަލަ ބޮޑުވެ، މައްސަލަ ހައްލުކުރުމަށްޓަކައި ފުލުހުން ނުކުމެއްޖެއެވެ.



ޓެކްސީ ކިޔޫ އާއި ޓެކްސީގެ ހިދުމަތްދޭ ފަރާތްތަ މައްސަލަ ހައްލުކުރުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީގެ އިތުރުން، ހޯމްލޭންޑް މިނިސްޓްރީ އާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު، ފުލުހުން އެއާޕޯޓުގައި ހަރަކާތްތެރިވާން ފެށީ އިއްޔެއިން ފެށިގެންނެވެ.

އާންމުންގެ ފަރާތުން މައިގަނޑު ގޮތެއްގައި ލިބޭ ޝަކުވާތަކަށް ބަލާލާއިރު:

  • ބައެއް ތަންތަނަށް ދަތުރުކުރުމަށް ޓެކްސީ ޑްރައިވަރުން ދެކޮޅު ހެދުން
  • މުދަލާއި ފޮށްޓަށް އިތުރަށް ނެގުން
  • ޑޮމެސްޓިކް ޓާމިނަލަށް ކުރާ ދަތުރުތަކަށް އިތުރަށް ނެގުން
  • ބައެއް ފަސިންޖަރުން ތަފާތު ތަންތަނަށް ދިޔަ ނަމަވެސް، އެއާޕޯޓުން މާލެ އަށް ކުރާ ދަތުރުތަކަށް ނަގާ އަގު ފަސިންޖަރުންގެ އަތުން ނެގުން

މިއަދު ނެރުނު ބަޔާނެއްގައި ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ރާއްޖެ އަށް އަންނަ ފަތުރުވެރިންނަށާއި އެއާޕޯޓުން ހިދުމަތް ހޯދާ އާންމުންނަށް ޓެކްސީ ކިއުއިން ކުރިމަތިވާ މައްސަލަތަކާ ގުޅިގެން އާންމުންގެ ފަރާތުން ކުރިމަތިވާ ޝަކުވާތައް ދުވަހުން ދުވަހަކަށް އިތުރުވަމުންދާ ކަމަށެވެ.

އެހެންކަމުން ޓެކްސީ ކިޔޫގެ މައްސަލަ ހައްލުކުރުމަށްޓަކައި އެ މިނިސްޓްރީ އާއި އެމްއޭސީއެލް ގުޅިގެން ބައެއް މަސައްކަތްތައް ކޮށްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ޓެކްސީތަކުގެ އަގުތައް ފަސޭހައިން ފެންނާނެ ގޮތަކަށް އެއާޕޯޓުގައި ބޯޑުތަކެއް ހަރުކުރުން
  • ޝަކުވާ ހުށަހެޅުމަށް ކިއުއާރު ކޯޑެއް ތައްޔާރުކޮށް އާންމުކުރުން

އަދި އާންމުންގެ ފަރާތުން ލިބެމުންދާ ޝަކުވާތައް ބެލުމަށްޓަކައި ކޮމިޓީ އެއް ވެސް އެކުލަވާލާފައިވާ ކަމަށާއި، ޓެކްސީ ކިޔޫގެ މައްސަލައިގައި ބައިވަރު ޝަކުވާ ލިބިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. ނަމަވެސް ލިބިފައިވާ ބައެއް ޝަކުވާތައް ބެލުމަށްޓަކައި މިނިސްޓްރީއަށް ބޭނުންވާ މައުލޫމާތު ހޯދުމަށް މަސައްކަތް ކުރެވުނު ނަމަވެސް ބައެއް މައްސަލަތަކުގެ މައުލޫމާތު ލިބިފައިނުވާކަން މިނިސްޓްރީން ފާހަގަކުރިއެވެ.



More from ThePress.mv