އެމްއޭސީއެލްގެ އެމްޑީ ވެހިކަލް ވަގަށް ނެގި މީހުން ހައްޔަރު ކޮށްފި

Tue, 07 May 2024 05:42 PM

View on this article on ThePress.mv

އެމްއޭސީއެލްގެ އެމްޑީ ވެހިކަލް ވަގަށް ނެގި މީހުން ހައްޔަރު ކޮށްފި

އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފު މުހައްމަދު ދުއްވާ ވެހިކަލް އެއާޕޯޓުގައި އޮއްވާ ވަގަށް ނެގި މީހުން ފުލުހުން ހައްޔަރު ކޮށްފިއެވެ.



ފުލުހުން ބުނީ މި މައްސަލައިގައި ހިމެނޭ ބަޔަކު ހަޔައްރު ކޮށް މައްސަލަ ބަލަމުން ދާ ކަމަށެވެ. ނަމަވެސް އެއީ ކިތައް މީހުން ކަމެއް، އަދި އެއީ އެއާޕޯޓުގެ މުވައްޒަފުން ކަމެއް ނުވަނަ ނޫންކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ވެހިކަލް ގެއްލުނު ހާދިސާއާ ގުޅިގެން އެއާޕޯޓުގެ އޮފިޝަލުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މި ވެހިކަލް ވަގަށް ނަގައިގެން މާލެ ތެރޭގައި ދުއްވަނިކޮށް މިދިޔަ އަންގާރަ ދުވަހުގެ ރޭ ފެނިފައި ވާ ކަމުގެ މައުލޫމާތު މިހާރު ލިބޭ އިރު، ހައި ސެކިއުރިޓީ ޒޯނަކުން ބޮޑު ވެހިކަލެއް ވަގަށް ނަގައިގެން ދިޔަ ގޮތެއް އަދި ސާފެއް ނުވެއެވެ.

މިއީ އެއާޕޯޓުން ވެހިކަލް ގެއްލުނު ފުރަތަމަ ފަހަރު ނޫންކަން 'ދަ ޕްރެސް' އަށް އެނގިފައި ވެއެވެ.

މީގެ އަހަރުތަކެއްގެ ކުރިން ހިނގި މިފަދަ ހާދިސާއެއްގައި ބެޓެރި ވެހިކަލެއް އެއާޕޯޓުން ވަގަށް ނެގި ކަމަށާއި އެކަން ކޮށްފައި ވަނީ ބިދޭސީއެއް ކަމަށް އޭރު އެނގިފައި ވެއެވެ.

މާލެ އާއި އަތޮޅުތަކުގައި ދުއްވާ ވެހިކަލްތަކުގެ ތެރެއިން 4 ފުރޮޅު ލީ ވެހިކަލް ވަގަށް ނެގުމަކީ އާންމު ކަމެއް ނޫނެވެ. ނަމަވެސް ވެހިކަލް އާ ގުޅޭ ވައްކަމުގެ މައްސަލަތައް މީގެ ކުރިންވެސް ފެންމަތިވެފައި ވެއެވެ. އެގޮތުން 2019 ވަނަ އަހަރު ލަކުޑި ކަމަށް ބުނެ ރާއްޖެއަށް އެތެރެ ކުރި 2 ކޮންޓޭނަރެއްގެ ތެރެއިން ވެހިކަލް ހުރި ކޮންޓޭނަރެއް އެޕްމީއެލް / ކަސްޓަމްސް ސަރަހައްދުން ވަގަށް ނަގައިގެން ގެންގޮސް ހުޅުމާލޭ ގާކޮށި ސަރަހައްދުގައި ފޮރުވާފައި ހުއްޓާ ވަނިކޮށް ފެނިފައި ވެއެވެ. އެއީ ކާރާއި ސައިކަލު ހުރި ކޮންޓޭނަރެއް ކަމަށާއި އެތަކެތި ފެނުނީ އެ އަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ކަމަށް އޭރު ރިޕޯޓު ކޮށްފައި ވެއެވެ. އެއީ 3 ކާރާއި 2 ޕިކަޕާއި 2 ވޭން ގެ އިތުރުން 14 ސައިކަލެވެ. އެތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސް ފަހުން ހެދިގޮތެއް ސާފުވެފައެއް ނުވެއެވެ.

އެ މައްސަލަ އާ ގުޅިގެން އޭރު ކަސްޓަމްސްގެ 2 އޮފިސަރަކު ސަސްޕެންޑް ކޮށް މައްސަލަ ބަލާ ކަމަށް ބުނި ނަމަވެސް ފަހުން އެ މައްސަލައަށް ވީގޮތެއް އެނގިފައެއް ނުވެއެވެ. ޖުމްލަ 586،000 ރުފިޔާގެ ވެހިކަލް އޭރު ފެނުނެވެ. އޭގެ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް 558،000 ރުފިޔާ ލިބެން ޖެހޭނެ ކަމަށް ވެސް އޭރު ރިޕޯޓު ކުރިއެވެ.



More from ThePress.mv