މިދިޔަ ހަފްތާގައި ޑެންގޫގެ 40 ކޭސް އަދި ޗިކުންގުންޔާގެ 117 ކޭސް

Tue, 07 May 2024 11:21 AM

View on this article on ThePress.mv

މިދިޔަ ހަފްތާގައި ޑެންގޫގެ 40 ކޭސް އަދި ޗިކުންގުންޔާގެ 117 ކޭސް

މިދިޔަ ހަފްތާގައި ޑެންގޫގެ 40 ކޭސް އަދި ޗިކުންގުންޔާގެ 117 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.



އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ޑެންގޫގެ 660 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. އަދި ޗިކުންގުންޔާގެ 240 ކޭސް ރިޕޯޓްކޮށްފައިވެއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޗިކުންގުންޔާގެ ކޭސްތައް އިތުރުވާން ފަށާފައި ވަނީ މިދިޔަ މާޗު މަހުގެ 21 ވަނަ ދުވަހުން ފެށިގެންނެވެ. އަދި އެންމެ ގިނަ އަދަދަކަށް (83 ކޭސް) ޑެންގޫގެ ކޭސްތައް ރިޕޯޓްކޮށްފައި ވަނީ އޭޕްރީލް 21 އަދި އޭޕްރީލް 27 އާ ދެމެދުއެވެ.

މާޗު މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޗިކުންގުންޔާގެ ކޭސްތައް ވެސް އިތުރުވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ފެންނަން ހުރިއިރު އެންމެ ގިނަ އަދަދަކަށް ޗިކުންގުންޔާގެ ކޭސް ރިޕޯޓްކޮށްފައި ވަނީ ނިމިދިޔަ ހަފްތާގައެވެ. ޗިކުންގުންޔާގެ 177 ކޭސް މިދިޔަ މަހު ރިޕޯޓްކޮށްފައިވާ ކަމަށާއި މި މަހުގެ 4 ވަނަ ދުވަހާ ހަމައަށް 58 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޑެންގޫ އަދި ޗިކުންގުންޔާގެ ގިނަ ކޭސްތައް ރިޕޯޓްކޮށްފައި ވަނީ މާލެ ސަރަހައްދުންނެވެ. އެގޮތުން ބަލާއިރު މާލެ ސަރަހައްދުން ވަނީ ޑެންގޫގެ 189 ކޭސް ރިޕޯޓްކޮށްފައެވެ. އަދި ޗިކުންގުންޔާގެ 233 ކޭސް މާލެ ސަރަހައްދުން ރިޕޯޓްކޮށްފައިވެއެވެ.

ޑެންގޫ އަދި ޗިކުންގުއްޔާއަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކެއްކަމަށްވުމުން އެޗްޕީއޭއިން ވަނީ މަދިރި އާލާވުން މަދުކުރުމަށް ކަމާއި ގުޅުންހުރި ފަރާތްތަކާއި ގުޅިގެން މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން މަދިރި އުފެދޭ ތަންތަން ނައްތާލުމާއި ސާފުކުރުމުގެ މަސައްކަތްކުރަމުން ދާކަމަށް އެޗްޕީއޭ އިން ބުނެއެވެ.



More from ThePress.mv