ކުރިއަށް އޮތް ކުއާޓާގައި ފަތުރުވެރިކަން ކުރިއަރާ މިންވަރު ދަށްވާނެ ކަމަށް އެމްއެމްއޭގެ ސާވޭ އިން އެނގިއްޖެ

Sun, 05 May 2024 06:38 PM

View on this article on ThePress.mv

ކުރިއަށް އޮތް ކުއާޓާގައި ފަތުރުވެރިކަން ކުރިއަރާ މިންވަރު ދަށްވާނެ ކަމަށް އެމްއެމްއޭގެ ސާވޭ އިން އެނގިއްޖެ

2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ "ޕީކް ސީޒަން" ނިމޭނެކަމަށް ބެލެވޭތީ ކުރިއަށް އޮތް ދުވަސްތަކުގައި މިދާއިރާގެ ވިޔަފާރި ކުރިއަރާ މިންވަރު ދަށްވެގެންދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ބިޒްނަސް ސާވޭ އިން ދައްކައިފިއެވެ.



އެމްއެމްއޭއިން ބުނީ މިދިޔަ އަހަރާ އަޅާ ބަލާއިރު މި އަހަރު ވިޔަފާރި ކުރާ މިންވަރު އިތުރުވެފައިވާކަމަށާއި އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަދަދު މަތިވެފައިވީ ނަމަވެސް އިތުރުވަމުން އަންނަ މިންވަރު ދަށްކަމަށެވެ. ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާގައި ހިމެނޭ ވިޔަފާރިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދުވެސް ދަށްވެފައިވާކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

މީގެއިތުރުން ވިޔަފާރިތަކަށް ކްރެޑިޓްގެ ގޮތުގައި ފައިސާ ހޯދުމަށް ދަތިވެފައިވާކަން ފާހަގަކުރެވޭ ކަމަށާއި، ފަތުރުވެރިކަމުގެ ދާއިރާއާއި ދަތުރުފަތުރުގެ އިތުރުން މުވާސަލާތީ ދާއިރާގެ ވިޔަފާރިތަކުން ކްރެޑިޓްގެ ގޮތުގައި ފައިސާ ހޯދުމަށް އަންނަ ކުއާޓާގައި އިތުރަށް ދަތިވެގެން ދާނެކަމަށްވެސް އެމްއެމްއޭގެ ސާވޭގައި ވަނީ ބުނެފައެވެ.

އެމްއެމްއޭ އިން ބުނީ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާއާއި ދަތުރުފަތުރާއި މުވާސަލާތީ ދާއިރާ ފިޔަވާ، ސާވޭގައި ހިމެނޭ ހުރިހާ ދާއިރާއަކުންވެސް ވިއްކާ ތަކެއްޗާއި ހިދުމަތުގެ އަގުތައް މިދިޔަ ކުއާޓަރާ އަޅާބަލާއިރު މަތިވެފައިވާކަމަށެވެ. އަދި މި ހުރިހާ ދާއިރާއެއްގެވެސް ވިޔަފާރި ހިންގުމަށް ގަންނަތަކެތީގެ އަގުތައް ކުރިމަގުގައި ހުންނާނީ މަތިކޮށް ކަމަށްވެސް އެމްއެމްއޭ އިން ވަނީ ލަފާކޮށްފައެވެ.

އެމްއެމްއޭގެ މި ބިޒްނަސް ސާވޭ އަކީ 2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ހަތަރު ފަހަރު ހިންގަމުންދާ ސާވޭ އެކެވެ. މިއަހަރުގެ މި ސާވޭ ގައި ޖުމުލަ 160 ބޮޑެތި ކުންފުންޏެއް ހިމަނާފައިވާއިރު، ސާވޭ ކުރިއަށް ގެންގޮސްފައިވަނީ 26 މާޗުން ފެށިގެން 18 އެޕްރީލްގެ ނިޔަލަށެވެ.



More from ThePress.mv