އީސީގެ މެމްބަރުންނަށް އިނާޔަތާއެކު ރިޓަޔާވެވޭގޮތަށް ގެނައި އިސްލާހު ބާތިލުކޮށްފި

Sun, 05 May 2024 04:19 PM

View on this article on ThePress.mv

އީސީގެ މެމްބަރުންނަށް އިނާޔަތާއެކު ރިޓަޔާވެވޭގޮތަށް ގެނައި އިސްލާހު ބާތިލުކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މުވައްޒަފެއްގެ މަގާމުގައި ހުރުމަށްފަހު މެމްބަރުކަމަށް އައްޔަނުވެ ދެ ދައުރު އަދާކޮށްފައިވާ ނަމަ، އިނާޔަތާއެކު ރިޓަޔާވެވޭ ގޮތަށް ގަވައިދަށް ގެނައި އިސްލާހު މިއަދު އުވާލައިފިއެވެ.



އީސީ އިން ބުނީ މުވައްޒަފުންނާއި ކޮމިޝަންގެ މެމްބަރުންނަށް މުސާރަ އާއި އިނާޔަތްތަކާއި އިތުރުގަޑީގެ ފައިސާ ދެވޭ ގޮތަށް ކޮމިޝަންގެ ގަވާއިދަށް މިިދިޔަ ފެބްރުއަރީ 28 ގައި ގެނައި ބަދަލު ބާތިލްކޮށްފައިވާކަމަށާއި މިގޮތަށް ބާތިލުކުރީ ފިނޭންސް މިނިސްޓްރީގެ އެންގުމުގެ ދަށުން ކަމަށެވެ.

އީސީގެ މެމްބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ އެ ގަވާއިދު އުވާލީ މުވައްޒަފެއްގެ މަގާމުގައި ހުރުމަށް ފަހު މެމްބަރު ކަމަށް އައްޔަނުވެ ރިޓަޔާކުރާއިރު، ވަޒީފާގައި ދެމި ހުރި މުއްދަތުން ފަށައިގެން މެމްބަރު ކަމުގެ މުއްދަތު ގުނައި، ދަރަޖަ ކަނޑައެޅައިގެން އިނާޔާތް ނުދެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން އެންގުމުންނެވެ.

އެ އުސޫލުގައިވާ ގޮތުން، ރިޓަޔާކުރުމުގެ ދަރަޖައާ އެކު ވަޒީފާ އިން ވަކިކުރެވޭނީ އުމުރުން 55 އަހަރު ފުރި، އީސީ އަށް މަދުވެގެން 15 އަހަރު ހިދުމަތް ކޮށްފައިވާ ނަމަ އެވެ. ކޮމިޝަންގައި ވަޒީފާ އަދާކުރަމުން ދަނިކޮށް އީސީގެ ކޮމިޝަނަރަކަށް އައްޔަން ކޮށްފި ނަމަ، ރިޓަޔާކުރާއިރު ހިދުމަތުގެ މުއްދަތު ބަލާނީ އެ އަހަރުތައް ވެސް ހިމަނައިގެންނެވެ.

އީސީ އިން އުވާލި ގަވައިދުގައި ވާގޮތުން ރިޓަޔާ ކުރެވޭ ކޮންމެ މުވައްޒަފަކަށް އެއް ފަހަރާ ގަނޑުކޮށް ދެވޭ ފައިސާގެ އިނާޔަތެއްގެ ގޮތުގައި އެ މީހަކު ހުރި ރޭންކަށް ކަނޑައަޅާފައިވާ މުސާރަ އާއި ހިދުމަތް ކުރި އަހަރު ގުނަކުރުމުން ޖެހޭ އަދަދަށްވާ ފައިސާ އެއް ފަހަރާ ލިބުމުގެ އިތުރުން ވަޒީފާ އިން ރިޓަޔާ ކުރާ ކޮންމެ މީހަކަށް މަހުން މަހަށް އެ މީހެއްގެ މުޅި އުމުރަށް ދެވޭ އިނާޔަތެއްގެ ގޮތުގައި އެ މީހަކު އެންމެ ފަހުން ހުރި ރޭންކަށް ކަނޑައަޅާފައިވާ މުސާރައިގެ 75 ޕަސަންޓް ރިޓަޔާމަންޓް ޕޭގެ ގޮތުގައި ދޭ ގޮތަށެވެ.

މީގެއިތުރުން އުމުރު ހަމަނުވި ނަމަވެސް އީސީގައި ވަޒީފާ އަދާކޮށްފައިވާ ނުވަތަ އަދާކުރަމުންދާ މުވައްޒަފަކު ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކޮށްފިނަމަ އެ މެންބަރެއްގެ ދައުރު ހަމަވިއިރު 10 އަހަރު ދުވަސް ކޮމިޝަނަށް ހިދުމަތް ކޮށްފައިވާނަމަ ރިޓަޔާމަންޓް އިނާޔަތް ލިބޭނެ ކަމަށްވެސް އީސީ އިން އުވާލި ގަވައިދުގައި ވެއެވެ.



More from ThePress.mv