ލަންކާގެ ކޮލެޖަކުން ހުއްދަނެތި "އެމްކިޔުއޭ އެޕްރޫވް" ޖަހައިގެން ކޯސްތަކެއް އިސްތިހާރު ކުރާތީ ސަމާލުވާން އެދިއްޖެ

Tue, 23 Apr 2024 07:35 PM

View on this article on ThePress.mv

ލަންކާގެ ކޮލެޖަކުން ހުއްދަނެތި "އެމްކިޔުއޭ އެޕްރޫވް" ޖަހައިގެން ކޯސްތަކެއް އިސްތިހާރު ކުރާތީ ސަމާލުވާން އެދިއްޖެ

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ހުއްދަ ދޫކޮށްފައި ނުވާ ކޯސްތަކެއްގައި "އެމްކިޔުއޭ އެޕްރޫވްޑް" ތަތްގަނޑު ޖަހައިގެން ސްރީލަންކާގެ ކޮލެޖަކުން އިސްތިހާރު ކުރަމުންދާތީ އެކަމަށް ސަމާލުވާން އެދިއްޖެއެވެ.



އެމްކިޔުއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސްރީލަންކާ ގެ މަތީ ތައުލީމުދޭ މަރުކަޒެއް ކަމުގައިވާ "އެޕެކްސް އެޑް" އިން އެ މަރުކަޒުގައި ހިންގަމުން އަންނަ ކޯސްތައް އެގޮތަށް އިސްތިހާރު ކުރަމުން އަންނަ ކަމުގެ ޝަކުވާ އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރުމަށް އެ މަރުކަޒަށް އަންގާފައިވާނެ ކަމަށްވެސް އެމްކިޔުއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެ މަރުކަޒުގައި ހިންގަމުން ދަނީ އެމްކިޔުއޭއިން ގަބޫލުކުރާ ކޯހެއް ކަން އާންމުންނަށް ދެއްކުމަށްޓަކައި އެމްކިޔުއޭއިން ދިވެހި ދަރިވަރަކަށް ދޫކޮށްފައިވާ ލިޔުމަކުން ދަރިވަރުގެ ނަމާއި އެހެން މައުލޫމާތު އުނިކޮށްގެން ބޭނުން ކުރަމުންދާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

އެމްކިޔުއޭއިން ވަނީ ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމުގެ ކުރިން އެމްކިޔުއޭ ގަބޫލުކުރާ ލިޔުން ހޯދުމަަކީ މުހިންމު ކަމެއް ކަން ފާހަގަކޮށް އެކަން ކުރުމަށް ނަސޭހްތެރިވެފައެވެ.

"މި އޮތޯރިޓީން ދޫކުރާ ޕްރޮގްރާމް ގަބޫލުކުރާކަމުގެ ލިޔުމަކީ އެކަމަށް އެދޭ ދަރިވަރަކަށް، އެދަރިވަރު ހުށަހަޅާފައިވާ މައުލޫމާތުގެ މަށްޗަށް ބިނާކޮށް ގިނަ ކަންތައްތަކެއް ޗެކް ކުރުމަށް ފަހު ސީދާ އެ ދަރިވަރަށް ދޫކުރާ ލިޔުމެކެވެ. މި ލިޔުމަކީ އާންމުކޮށް ހުރިހާ ދަރިވަރުންނަށް ދޫކޮށްފައިވާ ލިޔުމެއް ކަމުގައި ނުބެލެވޭނެއެވެ. ވުމާއެކު މި މަރުކަޒަށް ކިޔަވަން ދާ ދަރިވަރުން ކިޔަވަން ފެށުމުގެ ކުރިން މި އޮތޯރިޓީއަށް ހުށަހަޅާ ޗެކް ކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެންނެވީމެވެ." އެމްކިޔުއޭއިން ނެރުނު ބަޔާނުގައި ވެއެވެ.

ސްރީލަންކާގެ "އެޕެކްސް އެޑް" އަކީ އެ ގައުމުގެ ޓިވެޓްއިން ހުއްދަ ނުދޭ ސަނަދެއް ދޫކުރުމާ ގުޅިގެން ސަސްޕެންޑުކުރުމަށް ފަހު އަލުން ހުއްދަ ދީފައިވާ ތަނެކެވެ.



More from ThePress.mv