ހުޅުމާލެ ފޭސް 2ގައި ގާއިމްކުރާ ޕެޓް ކެއާ ސެންޓަރުގެ ބިންގާ އަޅައިފި

Thu, 28 Mar 2024 08:22 PM

View on this article on ThePress.mv

 ހުޅުމާލެ ފޭސް 2ގައި ގާއިމްކުރާ ޕެޓް ކެއާ ސެންޓަރުގެ ބިންގާ އަޅައިފި

މާލެ ސަރަހައްދުގައި އުޅޭ ބުޅާތައް ބެލެހެއްޓުމަށް ހުޅުމާލޭގައި ގާއިމް ކުރާ ޕެޓް ކެއާ ސެންޓަރުގެ ބިންފާ އަޅައިފިއެވެ.



މި ޕެޓް ކެއާ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އަދި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މޭޔަރު ކަމަށް ކެމްޕެއިން ކުރެއްވި އިރުވެސް އެންމެ ބޮޑަށް ދެކެވުނު ވާހަކައަކީ ބުޅަލުގެ މައްސަލައިގެ ވާހަކަ ކަމަށެވެ. މާލޭގައި ގާތްގަނޑަކަށް 3،000އެއްހާ ބުޅާ އުޅޭ ކަމަށާއި ޕެޓް ކެއާ ސެންޓަރުގެ މަސައްކަތް އަވަސް ގޮތެއްގައި ނުކޮށްފިނަމަ އަހަރެއް ނުވަތަ ދޮޅު އަހަރުގެ ތެރޭގައި ބުޅަލުގެ އަދަދު 9،000 ބަދަލުވާނެ ކަމަށް ބުޅަލާ ބެހޭ މާހިރުން ލަފާދޭ ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.

އާޒިމް ވިދާޅުވީ ޕެޓް ކެއާ ސެންޓަރުގެ ވަށާ ބޭސް ހެދެމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 20 ވަރަކަށް ދުވަސްތެރޭގައި ނިންމުމަށް ކަމަށެވެ. އަދި އިމާރާތް ހަވާލުކޮށްފައި ވަނީ ވެސް 20 ދުވަހުގެ ތެރޭގައި ނިންމުމަށް ކަމަށެވެ.

މީގެއިތުރުން ކުރިއަށް އޮތް ދެ ތިން މަހުގެ ތެރޭގައި މާލެ، ވިލިމާލެ، ހުޅުމާލޭގައި އުޅޭ ހުރިހާ ބުޅަލެއް ނަގާ ނިއުޓާ ކުރެވި، ބެލެހެއްޓޭނެ ނިޒާމްތައް ހަމަޖައްސާނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކަށް ހާއްސަ ޝެލްޓާއެއް ގާއިމް ކުރުމަށް 5000 އަކަފޫޓުގެ ބިމެއް ހަމަޖައްސާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިންނެވެ. މާލޭ ސަރަަހައްދުގައި ދިރިއުޅޭ ބުޅާތައް ބެލެހެއްޓުމަށް ވަގުތީ ފެސިލިޓީ ނިމޭއިރު ބުޅާތަކަށް ހާއްސަ ހޮޓަލަކާއި ޕާކެއްގެ އިތުރުން ފިހާރައެއް ހުންނާނެއެވެ. ވަގުތީ ޝެލްޓާ އެޅުމަށް ސިޓީ ކައުންސިލާ ހަވާލުކޮށްފައި ވަނީ ހުސްވި ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.



More from ThePress.mv