ފެމިލީ ކޯޓުގެ އިމާރާތުގައި އަލުން ހިދުމަތް ދޭން ފަށައިފި

Tue, 19 Sep 2023 05:29 PM

View on this article on ThePress.mv

ފެމިލީ ކޯޓުގެ އިމާރާތުގައި އަލުން ހިދުމަތް ދޭން ފަށައިފި

މިދިޔަ އާދީއްތަ ދުވަހު ކުރި ވިއްސާރައިގައި ފެމިލީ ކޯޓުގެ އިމާރާތަށް ގެއްލުންވުމުގެ ސަބަބުން، ޖަސްޓިސް ބިލްޑިން އަށް ވަގުތީ ގޮތުން ބަދަލުކުރި ހިދުމަތްތައް އަލުން އެ ކޯޓުގެ އިމާރާތުގައި ދޭން ފަށައިފިއެވެ.

އާދީއްތަ ދުވަހު ކުރި ވިއްސާރައިގެ ސަބަބުން ފެމިލީ ކޯޓުގެ ރަޖިސްޓްރާ އިންނަވާ ކޮޓަރިއަށް ފެން ލީކުވުމުގެ އިތުރުން، ލިޔެކިއުންތަކާއި، ކޯޓުގެ ވަސީލަތްތަކަށާއި، ސާވާ ރޫމަށް ގެއްލުންވެ، ކޯޓުގެ ސީލިން ވެސް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް، އެ ކޯޓުގެ އޮފިޝަލަކު 'ދަ ޕްރެސް' އަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކޯޓުގެ އިމާރާތަށް ގެއްލުންތައް ލިބި އެ އިމާރާތުގައި ހިދުމަތް ދެވެން ނެތުމުން، އެ ކޯޓުގެ ބައެއް މުވައްޒަފުން ޖަސްޓިސް ބިލްޑިން އަށް ބަދަލުކޮށް، ކޯޓުގެ ހިދުމަތްތައް އެ ތަނުގައި ދެމުންދާ ކަމަށެވެ.

ފެމިލީ ކޯޓުގެ އިމާރާތަށް ގެއްލުންވުމުގެ ސަބަބުން އެ ކޯޓުން ވަނީ އާއިލީ މައްސަލަތައް ހައްލުކުރުމާ ބެހޭ ބައިގައި ހިމެނޭ ސުލްހައިގެ ސެޝަންތައް ކެންސަލްކޮށް، ކައިވެންޏާ ގުޅުންހުރި ފޯމުތަކާއި މައުލޫމާތު ދިނުމުގެ ސެޝަންތަކާއި، ދަރިންގެ ހަރަދާއި އިއްދައިގެ ހަރަދާއި ޖޫރިމަނާ ފައިސާ ބަލައިގަތުން ޖަސްޓިސް ބިލްޑިން އަށް ބަދަލުކޮށްފައެވެ.

އެ ކޯޓުން މިއަދު ބުނީ، އެ ހުރިހާ ހިދުމަތެއް ހެންވޭރު ލޮނުޒިޔާރަތް ޕާކުގެ ކުރިމަތީގައި ހުންނަ އިމާރާތަށް އަލުން ބަދަލުކޮށް ހިދުމަތްތައް ދެމުންދާ ކަމަށެވެ. އެކަމަކު އާދީއްތަ ދުވަހު ކުރި ވިއްސާރައާ ގުޅިގެން އިމާރާތަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ހިދުމަތްތައް ދިނުމުގައި ދަތިތަކެއް ހުންނާނެ ކަން ފެމިލީ ކޯޓުން ފާހަގަކުރިއެވެ.

އާދީއްތަ ދުވަހު ކުރި ވިއްސާރައިގެ ސަބަބުން ފެމިލީ ކޯޓުގެ އިމާރާތަށް ލިބުނު ގެއްލުންތައް ބައްލަވާލެއްވުމަށް ފަހު އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ވިދާޅުވީ، އެ ކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.More from ThePress.mv