ނިޒާމީ ވޯޓެއް ނެގުމަށް މަދުވެގެން 30 ދުވަސް އަދި 40 މިލިއަން ރުފިޔާ ބޭނުންވޭ: އީސީ

Tue, 19 Sep 2023 03:05 PM

View on this article on ThePress.mv

ނިޒާމީ ވޯޓެއް ނެގުމަށް މަދުވެގެން 30 ދުވަސް އަދި 40 މިލިއަން ރުފިޔާ ބޭނުންވޭ: އީސީ

ނިޒާމީ ވޯޓެއް ނެގުމަށް މަދުވެގެން 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއް ބޭނުންވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ނިޒާމީ ވޯޓެއް ނަގަން ޖެހިއްޖެނަމަ، އެފަދަ ވޯޓެއް ނެގުމަށްޓަކައި، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައިވާ ހަމަތަކަށް ރިއާޔަތްކުރާއިރު، މަދުވެގެން 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއް އެ އިންތިހާބު ބޭއްވުމަށްޓަކައި ބޭނުންވާނެ ކަމަށެވެ.

އެފަދަ އިންތިހާބެއް ބޭއްވުމަށް ގާތްގަނޑަކަށް 40 މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށާއި މިފަދަ އިންތިހާބެއް ބާއްވާއިރު އެންމެ މުހިންމު ކަމަކީ، މިފަދަ ވޯޓެއް ނެގުމުގެ މަގްސަދާމެދު ވޯޓުލާ މީހުން ހޭލުންތެރިކުރުވުން ކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ.

ހަބީބް އިތުރަށް ވިދާޅުވީ ވަކި ނިޒާމަކަށް ތާއީދުކޮށް ވޯޓުލުމުގައި އެ ނިޒާމެއްގެ ފައިދާ އާއި ގެއްލުމާމެދު، ވޯޓުލާ މީހުން ހޭލުންތެރިކުރުވުމަކީ، އީސީގެ ގާނޫނީ ޒިންމާއެއް ކަމަށެވެ.

ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހުޅުދޫ ދާއިރާ މެންބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ގަރާރަށް ނެގުނު ވޯޓުގައި މިއަދުގެ މަޖިލީހަށް ހާޒިވެވަޑައިގެން 37 މެންބަރުންގެ ތެރެއިން 35 މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އެ ގަރާރަށް ފެންނަ ކަމަށް ހުރިހާ މެންބަރުން ވަނީ ވޯޓުދެއްވާފައެވެ.

އެއަށްފަހު އެ ގަރާރު މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުވުމަށް ވޯޓުގައި ބައިވެރިވެވަޑައިގެން 34 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

ރިޔާސީ ނިޒާމަކީ ވެރިކަން ހިންގަން ރައީސުލްޖުމްހޫރިއްޔާއެއް ހުރެފައި އޭނާގެ ދަށުން މަސައްކަތް ކުރާނެ ކެބިނެޓެއް އޮންނަ ނިޒާމެކެވެ. އެ ނިޒާމުގައި ރައްޔިތުންގެ މަޖިލީހަކީ ވަކި ގުނަވަނެކެވެ. އެއީ ދުވަހުން ދުވަހަށް ސަރުކާރު ހިންގުމުގައި މަސްއޫލުވާ ބައެއް ނޫނެވެ. އެއާ ހިލާފަށް ބަރުލަމާނީ ނިޒާމަނީ، ރަމްޒީ ރައީސުލްޖުމްހޫރިއްޔާއެއް ހުންނަ، އެހެނަސް ބޮޑުވަޒީރަކު ސަރުކާރު ހިންގާ ނިޒާމެވެ. އެ ނިޒާމުގައި ބޮޑުވަޒީރާއި އޭނާ ކެބިނެޓް ވަޒީރުންނަކީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އެތާނގެ މެންބަރުންނެވެ.

ރިޔާސީ ނިޒާމާ ހިލާފަށް ބަރުލަމާނީ ނިޒާމުގައި ބޮޑުވަޒީރާ މެދު ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކު، މަޖިލީހުގެ މެޖޯރިޓީއާއެކު ބޮޑުވަޒީރު ބަދަލު ކޮށްލެވޭނެއެވެ.More from ThePress.mv