އެމެރިކާގެ ޓީމާ ގުޅެން ނިންމީ އެނބުރި ބާސަލޯނާއަށް ދެވޭ ގޮތް ނުވުމުން: މެސީ

Thu, 08 Jun 2023 10:42 AM

View on this article on ThePress.mv

އާޖެންޓީނާގެ ކެޕްޓަން ލައިނަލް މެސީ އެމެރިކާގެ އިންޓާ މިޔާމީއާ ގުޅެން ނިންމީ އޭނާ ކުރިން ކުޅުނު ސްޕެއިންގެ ބާސަލޯނާއަށް އެނބުރި ދެވޭ ގޮތް ނުވުމުން ކަމަށް މެސީ ބުނެފިއެވެ.

ވޭތުވެދިޔަ ދެ ސީޒަންގައި ފްރާންސްގެ ޕީއެސްޖީގައި ކުޅެމުން އައި މެސީ އެކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވެ ފްރީ އޭޖެންޓެއް ނުވަތަ ވަކި ކްލަބަކަށް ނިސްބަތް ނުވާ ކުޅުންތެރިއެއްގެ ގޮތުން މެސީ ވަނީ އެމެރިކާގެ މޭޖާ ލީގް ސޮކާގެ އިންޓާ މިޔާމީއާ ގުޅުމަށް އެއްބަސްވެފައެވެ.

މުންޑޯ ޑިޕޯޓީވޯ އެންޑް ސްޕޯޓް ނޫހަށް ދިން އިންޓަވިއުއެއްގައި މެސީ ބުނީ އިންޓާ މިޔާމީއާ ގުޅެން ނިންމާފައިވާ ކަމަށާއި އެހެން ނަމަވެސް އަދި ހުރިހާ ކަމެއް 100 ޕަސެންޓް ނިނުމޭ ކަމަށެވެ.

މެސީ ބުނީ ޕީއެސްޖީގެ ކޮންޓްރެކްޓް ހަމަވެ އެނބުރި ބާސަލޯނާއަށް ދެވޭ ގޮތް ނުވެއްޖެނަމަ އަބަދުވެސް ބޭނުންވީ ޔޫރަޕްގެ ލީގުތަކާ ދުރަން ޖެހިލުން ކަމަށާ އާއިލާއަށް ވަގުތުދީ މީހުންގެ ނަޒަރުން ދުރަށް ދާން ކަމަށެވެ.

މެސީއާއި ބާސާގެ މިހާރުގެ ކޯޗު ޒާވީ/ފޮޓޯ: ޓުވިޓާ

2021 ވަނަ އަހަރު މެސީ ބާސަލޯނާ ދޫކޮށްލީ އޭނާގެ މުސާރަ ދެވޭނެ މާލީ ފެންވަރު ނެތިގެން އެޓީމުން އޭނާ ވިއްކާލުމުންނެވެ. އަދި އަލަށް ލަ ލީގާގެ ފައިނޭންޝަލް ފެޔާ ޕްލޭ ގަވައިދުތަކުގެ ދަށުން މެސީ އަނެއްކާ ހޯދޭކަށް ބާސާއަކަށް ނެތެވެ.

މިދިޔަ އަހަރުގެ ވޯލްޑްކަޕް އާޖެންޓީނާއަށް ހޯދައިދިނުމުގައި މުހިންމު ރޯލެއް އަދާ ކުރި މެސީ ބުނީ މިހާރު ބޭނުންވަނީ އެމެރިކާގެ ލީގު މެދުވެރިކޮށް އެހެން ގޮތަކަށް ފުޓްބޯޅަ ކުޅުން ތަޖުރިބާކޮށްލަން ކަމަށާ މޮޅުވާން ބޭނުންވެ އެކަމަށް މަސައްކަތް ކުރާނެ ނަމަވެސް މިހާރު އެންމެ ހޯދަން ބޭނުންވަނީ ސިކުނޑީގެ ހަމަޖެހުން ކަމަށެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް 7 ފަހަރު ހޯދާފައިވާ މެސީ ހޯދުމަށް ސައުދީ އަރަބިއްޔާގެ އަލް ހިލާލްއިން އޭނާއަށް ރަސްމީ އޮފާއެއް ވެސް ދިނެވެ. އެތަށް މިލިއަން ޑޮލަރުގެ މި އޮފާ ދޫކޮށް މެސީ އެމެރިކާ ލީގަށް ބަދަލުވުމުގެ އެއް ސަބަބަކީ މެސީ ދެން ގުޅެން ބޭނުންވަނީ ކުރިއަށް އޮތް ތަނުގައި އޭނާއަށް އެކްލަބެއްގެ ހިއްސާ ގަނެވޭނެ ފަދަ ކްލަބަކަށް ކަމަށް ކަމާ ގުޅުން ހުރި މަސްދަރުތަކުން ބުނެއެވެ. އަދި އިންޓާ މިޔާމީއާއެކު ހަދާ އެއްބަސްވުމުގައި މިފަދަ ޝަރުތުތައް ހިމަނާ އޭނާއަށް ކްލަބްގެ ހިއްސާއެއް ވިއްކާނެ ކަމަށް ބެލެވެއެވެ.

އިންޓާ މިޔާމީއަކީ ކުރީގެ އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން ޑޭވިޑް ބެކަމްގެ ހިއްސާ އޮންނަ ކްލަބެކެވެ. އެޓީމު މިވަގުތު އޮތީ އީސްޓަން ކޮންފަރެންސް ތާވަލުގެ ފުލުގައެވެ. އެންމެ ފަހުން ކުޅުނު 10 މެޗުން ވެސް އެޓީމު ބަލިވެފައިވާ އިރު މިސީޒަންގައި އިންޓާ މިޔާމީ މޮޅުވީ އެންމެ ފަސް މެޗުންނެވެ.



More from ThePress.mv